މިރޭ ހުޅުމާލޭގައި ވަޅިން ހަމަލާދީ ޒުވާނަކު މަރާލާފައިވާއިރު އަދި ހަމަ މިރޭ މާލޭގައި މާރާމާރިއެއް ހިންގައި މީހަކު ޒަހަމް ކޮށްލާފައިވާއިރު 21 ފަރާތެއްގެ ފައިގާ ޓެގް އެޅުވުމަށް ވާނީ އެދިފައި ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެ އެވެ.
ހޯމް މިނިސްޓަރު މިހެން ވިދާޅުވީ މިރޭ ހިންގި ދެ މާރާމާރިއާއި ގުޅިގެން ދައުލަތުގެ ޓީވީ، ޕީއެސްއެމް އިން އޮންއެއާ ކުރި ބްރޭކިން ނިއުސް ސެގްމެންޓެއްގަ އެވެ.
މިނިސްޓަރު ވިދާޅުވީ މިހާރުވެސް 21 ފަރާތެއްގެ ފައިގާ ޓެގް އެޅުވުމަށް އެދިފައިވާނެ ކަމަށެވެ. ނަމަވެސް މި 21 އަކީ ކުރިން ފުލުހުން ހާމަކުރި އަދަދު ކަމުގައިވާ 16 ގެ އިތުރަށް ކަމެއް ނުވަތަ ނޫންކަމެއް ހޯމް މިނިސްޓަރު ފާހަގަކުރައްވާފައެއް ނުވެ އެވެ.
ހޯމް މިނިސްޓަރ އަޒްލީން އަހުމަދު ވިދާޅުވީ، މާރާމާރީތައް ހުއްޓުވާ، އަމާންކަން ދެމެހެއްޓުމަށްޓަކައި ޚާއްސަ ފިޔަވަޅުތަކެއް އަޅުއްވާނޭކަމަށެވެ. އަދި މިހާރުވެސް އެމަސައްކަތް ކުރިއަށްދާކަމަށާއި އެގޮތުން މާލޭއާއި ހުޅުމާލޭގައި ފުލުހުން މިހާރު ހިންގާ އޮޕަރޭޝަންތައް އިތުރަށް ވަރުގަދަ ކުރައްވާނޭކަމަށްވެސް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިރޭ މާލެއާއި ހުޅުމާލޭގައި ހިނގި މާރާމާރީތަކަކީ ގޭންގުތަކަކަށް ނިސްބަތްވާ ބަޔަކު ހިންގި މާރާމާރީތަކެއްކަން މިހާތަނަށް ލިބިފައިވާ މަޢުލޫމާތުތަކުން އެނގޭކަމަށާއި ގޭންގު ކުށްތައް ހުއްޓުވުމަށް ސަރުކާރުން މިހާރުވެސް މަސައްކަތްތަކެއް ކުރަމުން ގެންދަވާކަމަށެވެ.
މާރާމާރީތަކާއި ނުރައްކާތެރި ކުށްވެރިންގެ ކިބައިން މުޖްތަމަޢުއާއި ރައްޔިތުން ރައްކާތެރިކޮށް، އަމާން ވެށްޓެއް ޤާއިމްކުރުމަށް، ސަރުކާރުގެ ހުރިހާ ވަސީލަތެއް ބޭނުންކުރައްވާނޭކަމުގެ ޔަޤީންކަން ހޯމް މިނިސްޓަރު ޕީއެސްއެމްއަށް ދެއްވި އިންޓަވިއުގައި ދިވެހި ރައްޔިތުންނަށް އެރުއްވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް