ހުޅުމާލޭގައި މިރޭ ވަޅިން ހަމަލާދީ ޒުވާނަކު މަރާލާފައިވާއިރު އަދި ހަމަ މިރޭ މާލޭގައިވެސް މާރާމާރީއެއް ހިންގައި މީހަކު ޒަހަމްކޮށްލާފައިވާއިރު މާލެ އަދި ހުޅުމާލޭގައި ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.
މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވެފައިވަނީ މާލޭގައި މިރޭ ހިންގި މާރާމާރީ އާއި ގުޅިގެން އެކަން ހިންގި ކަމަށް ތުހުމަތު ކުރެވޭ ހަތަރު މީހަކު، އެކަން ކުރުމަށް ބޭނުންކުރި ސާމާނުތައް ނައްތާލަން މަސައްކަތް ކުރަމުންދަނިކޮށް ހައްޔަރުކޮށްފައިވާކަމަށެވެ. އަދި މި މައްސަލަ އާއި ގުޅިގެން އިތުރު އަށް މީހަކުވެސް ހައްޔަރުކޮށްފައިވާކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް އިތުރަށް ވިދާޅުވީ ހުޅުމާލޭގައި މިރޭ ޒުވާނަކަށް ވަޅިން ހަމަލާއާއި ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ހިންގަމުން އަންނަ ކަމަށެވެ. އަދި އެކަމުގައި ބައިވެރިވި މީހުން ހޯދުމުގެ ހާއްސަ މަސައްކަތްތަކެއް ދަނީ ކުރެވެމުން ކަމަށެވެ.
ހުޅުމާލޭގައި މިރޭ ވަޅިން ހަމަލާދީ މަރާލާފައިވަނީ ގދ ދާންދުއަށް އުފަން، އުމުރުން 25 އަހަރުގެ ހާރިސް އަބްދުލްގަފޫރު އެވެ. އޭނާގަށް ވަޅި ހަރާފައިވަނީ ހުޅުމާލޭ “ހާފްވޭ ހައުސް” ކައިރިން ކަމަށް ފުލުހުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް