މިރޭ ހުޅުމާލޭގައި ހިންގި މާރާމާރީއެއްގައި ގަޔަށް ވަޅި ހަރައި ޒުވާނަކު މަރާލައިފި އެވެ.
ވަޅި ހަރައި މަރާލާފައިވަނީ ގދ ދާންދުއަށް އުފަން، އުމުރުން 25 އަހަރުގެ ހާރިސް އަބްދުލްގަފޫރު އެވެ. އޭނާގަށް ވަޅި ހަރާފައިވަނީ ހުޅުމާލޭ "ހާފްވޭ ހައުސް" ކައިރިން ކަމަށް ފުލުހުން ބުނެ އެވެ.
ހުޅުމާލޭގައި މާރާމާރީ ހިންގި ހިސާބަކީ މީހުން ދިރިއުޅޭ ސަރަހައްދާއި ދުރުގައި އަނދިރިކޮށް އޮންނަ ހިސާބެކެވެ. މާރާމާރީ ހިންގާފައިވަނީ ކޮޅު ބެދިފައި އޮންނަ ގޯޅިއެއްގަ އެވެ.
މީގެ އިތުރުން މިރޭ މާލޭގައިވެސް މާރާމާރީއެއް ހިންގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައި ވެ އެވެ. މާލޭގައި މާރާމާރީ ހިންގާފައިވަނީ މަޖިލިސްކުރާ ގޭ ކައިރީގައި ހުންނަ "ޖީސިކްސް ކެފޭ" ކައިރިންނެވެ. މި މާރާމާރީގައި ޒަހަމްވި މީހަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު ލިބިފައިވާ ޒަހަމްތަކުގެ ތަފްސީލެއް ނުއެނގެ އެވެ.
މިރޭ ހުޅުމާލޭގައި ވަޅިން ހަމަލާދީ ޒުވާނަކު މަރާލާފައިވާއިރު ރޭ ހިނގި ހާދިސާއެއްގައި ހުޅުމާލޭގައި ދެ ޒުވާނަކު މަރުވެފައި ވެ އެވެ. އެ ދެޒުވާނުން މަރުވެފައިވާކަމަށް ބެލެވެނީ ބާރުގަދަ "ޕާޓީ" ޑްރަގަކާއެކު އެނާޖީ ޑްރިންކް ބޭނުން ކުރުމުގެ ސަބަބުންނެވެ. މި ދެ މަރާއި ގުޅިގެން ހަތަރު މީހަކު ހައްޔަރު ކޮށްފައިވާއިރު އެމީހުންގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހައިދީފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް