އިޖުތިމާޢީ އެހީއަށް އެދެން އަލުން ފޯމު ހުށަހެޅުމަށް ހުޅުވާލައިފި

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) މެދުވެރިކޮށް އިޖުތިމާޢީ ރައްކާތެރިކަމުގެ އެހީ މިހާރު ލިބެމުންދާ ފަރާތްތަކުން އެ އެހީ ދެމެހެއްޓުމަށް ރީ-ރަޖިސްޓަރީ ވުމުގެ ފުރުޞަތު އެ އެޖެންސީން މިއަދު ...

30 Aug 2026 | 11:19
އެންސްޕާ އޮފީސް -- ފޮޓޯ: މިހާރު

އެންސްޕާ އޮފީސް -- ފޮޓޯ: މިހާރު

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) މެދުވެރިކޮށް އިޖުތިމާޢީ ރައްކާތެރިކަމުގެ އެހީ މިހާރު ލިބެމުންދާ ފަރާތްތަކުން އެ އެހީ ދެމެހެއްޓުމަށް ރީ-ރަޖިސްޓަރީ ވުމުގެ ފުރުޞަތު އެ އެޖެންސީން މިއަދު ހުޅުވާލައިފިއެވެ.

އެންސްޕާއިން ނެރުނު އިޢުލާނުގައި ފާހަގަކޮށްފައިވާ ގޮތުގައި އިޖުތިމާޢީ ރައްކާތެރިކަމުގެ ޢާންމު ޤަވާއިދުގެ ދަށުން ޝަރުޠު ހަމަވާ ފަރާތްތަކަށް އެހީ ދެވެނީ ދެ އަހަރު ދުވަހުގެ މުއްދަތަކަށެވެ. އެ ޤަވާއިދުގެ ބައެއްގެ ގޮތުގައި މި ކަން ބަޔާންކޮށްފައި އޮތީ އެ ޤަވާއިދުގެ އަށް ވަނަ މާއްދާގެ (ރ) ގައެވެ.

މި ބަދަލު ހިނގާނީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ދަފްތަރުގައި ހިމެނި އެހީ ލިބެމުން އައި ފަރާތްތަކަށެވެ. އެ ފަރާތްތަކުން 2026 ވަނަ އަހަރުގެ ނޮވެމްބަރު 30 ގެ ކުރިން ވަންގޮވް ޕޯޓަލް މެދުވެރިކޮށް އާ ފޯމެއް ހުށަހެޅުން ލާޒިމުވެއެވެ. ރީ-ރަޖިސްޓަރީ ކުރަންޖެހެނީ ތިން ބާވަތެއްގެ އެހީއެކެވެ.

އެއީ ފަޤީރު ޙާލަތުގައި އެކަނި ދަރިން ބަލާ މައިންނާއި ބަފައިންނަށް ދޭ މާލީ އެހީ އާއި މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން ފަރާތެއް ބެލެހެއްޓުމުގެ ޒިންމާ ނެގި ކުދިންނާއި ބެލެނިވެރިންނަށް ދޭ އެހީ އާއި ފަޤީރު ޙާލަތުގައި ކާބޯތަކެތި ގަތުމަށް ދޫކުރާ މާލީ އެހީއެވެ.

ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ފޯމު ހުށަނާޅާ ފަރާތްތަކަށް ދެން އެހީ ކުރިއަށް ގެންދެވޭނީ އައު ހުށަހެޅުމެއް ލުމަށްފަހު އެހީ ދިނުމުގެ މިންގަނޑުތަކާއި އުޞޫލުތަކަށް އެ ފަރާތެއްގެ ޙާލަތު އަލުން ވަޒަންކުރުމަށްފަހު ކަމަށް އެންސްޕާއިން ބުނެފައިވެއެވެ.

މި މައްސަލައާ ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:00 އިން ރޭގަނޑު 10:00 އަށް އެންސްޕާގެ ހޮޓްލައިން 1402 އަށް ގުޅައިގެން ސާފުކުރެވޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް