ސިނަމާލެ ބުރިޖަށް އަށް އަހަރު ފުރުމާ ގުޅިގެން ރައީސް ފްރެންޑްޝިޕް ޕާކަށް ޒިޔާރަތް ކުރައްވައިފި

ޗައިނާ މޯލްޑިވްސް އެވަރލާސްޓިންގ ފްރެންޑްޝިޕް ބުރިޖު ހުޅުވުނުތާ އަށް އަހަރު ފުރުމުގެ މުނާސަބަތާއި އިންޖިނޭރުންގެ ދުވަހާ ގުޅުވައިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޗައިނާ މޯލްޑިވްސް ...

30 Aug 2026 | 09:49
ފޮޓޯ: ރައީސް އޮފީސް

ފޮޓޯ: ރައީސް އޮފީސް

ޗައިނާ މޯލްޑިވްސް އެވަރލާސްޓިންގ ފްރެންޑްޝިޕް ބުރިޖު ހުޅުވުނުތާ އަށް އަހަރު ފުރުމުގެ މުނާސަބަތާއި އިންޖިނޭރުންގެ ދުވަހާ ގުޅުވައިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޗައިނާ މޯލްޑިވްސް އެވަރލާސްޓިންގ ފްރެންޑްޝިޕް ޕާރކަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.

މި ޒިޔާރަތުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިންހުއާ އާއި ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމާއި ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބް ބައިވެރިވެވަޑައިގެންނެވިއެވެ. އެ ޕާކުގެ ސަރަޙައްދު ބައްލަވައިލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ޚާއްޞަ ފޮޓޯފުޅެއް ނަންގަވައިފައެވެ.

ޒިޔާރަތަށްފަހު ޗައިނާ ސަފީރާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޗައިނާ ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފައެވެ. އެ ބައްދަލުކުރެއްވުމުގައި ސަފީރު ވިދާޅުވީ ދެ ޤައުމަށް ފައިދާ ކުރާ އުޞޫލުތައް ޗައިނާ ސަރުކާރުން ދެމެހެއްޓެވުމާ އެކު ރާއްޖޭގެ ތަރައްޤީއަށް ދެމުންދާ އެއްބާރުލުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ދެއްވައިފައެވެ.

ބުރިޖަށް އަށް އަހަރު ފުރުމާ ގުޅިގެން މީސްމީޑިއާގައި ޙިއްޞާކުރެއްވި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ބުރިޖަކީ ހަމައެކަނި އުމްރާނީ ބިނާއެއް ނޫން ކަމަށާއި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް އިތުބާރާއި އެއްބައިވަންތަކަމާއި ދެ ޤައުމުގެ އެއްގޮތް އުންމީދުތައް ރަމްޒުކޮށްދޭ ދިރިހުރި ހެއްކެއް ކަމަށެވެ. އެ މެސެޖުގައި ރައީސް ޝީ ޖިންޕިންގގެ ލީޑަރޝިޕްގެ ދަށުން ދެ ޤައުމުގެ ގުޅުން ދުވަހެއް ދުވަހަކަށް ފުޅާވެ ރައްޔިތުންނަށް އައު ފުރުޞަތުތައް ފަހިވަމުންދާ ކަމަށް ވިދާޅުވެ ޗައިނާއާ އެކު އޮތް ގުޅުން އިތުރަށް ހަރުދަނާކުރެއްވުމުގެ ޔަޤީންކަން ދެއްވައިފައެވެ.

ކޮންމެ އަހަރެއްގެ އޮގަސްޓު 30 ވަނަ ދުވަސް އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ޤައުމީ ފެންވަރުގައި ފާހަގަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ 2025 ވަނަ އަހަރުއެވެ. އެ ތާރީޚު ޚިޔާރުކުރެއްވީ ރާއްޖޭގެ ތާރީޚުގައި ހިންގުނު އެންމެ ބިޔަ އުމްރާނީ މަޝްރޫޢު ކަމަށްވާ ސިނަމާލެ ބުރިޖު ހުޅުވުނު ދުވަސް ކަމަށްވާތީއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި އަހަރުން ފެށިގެން އިންޖިނޭރުންގެ ޤައުމީ އެވޯޑުގެ ނަމުގައި ސަރުކާރުން އެވޯޑެއް ދެއްވަން ފައްޓަވާނެކަން އިޢުލާނުކުރައްވައިފައެވެ.

ސިނަމާލެ ބުރިޖުގެ މަޝްރޫޢު ހިންގެވީ ރައީސް ޑޮކްޓަރ މުޢިއްޒު ބޯހިޔާވަހިކަމާއި އުމްރާނީ ތަރައްޤީގެ ވަޒީރުކަމުގައި ހުންނެވިއިރު އެމަނިކުފާނުގެ ޚާއްޞަ ބެއްލެވުމުގެ ދަށުންނެވެ. އެމަނިކުފާނަކީ ސިވިލް އިންޖީނިއަރިންގގެ ދާއިރާއިން ޕީއެޗްޑީ ޙާޞިލުކުރައްވައިފައިވާ ބޭފުޅެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް