ނޭޕާލުގައި ފެންބޮޑުވި ސަރަހައްދުގެ ކިސަޑާއި ކުނި ބުނީގެ އަޑިން ތިން ދުވަސް ފަހުން ކުޑަ ކުއްޖަކު ސަލާމަތްކޮށްފި

ނޭޕާލުގެ ރަސުވާ ޑިސްޓްރިކްޓުގަި ހިނގި ފެންބޮޑުވުމުގައި ބޯ ކިސަޑާއި ކުނިބުނީގެ ދަށުވި ހަ އަހަރުގެ އަންހެން ކުއްޖަކު ތިން ދުވަސް ފަހުން ދިރިހުއްޓައި ސަލާމަތް ކޮށްފި އެވެ. ބޯތޭ ކޯޝީ ކޯރު ބަންޑުންވެގެން ރ...

30 Aug 2026 | 09:09
ނޭޕާލުގައި ފެންބޮޑުވި ސަރަހައްދުގައި މީހުން ފެނޭތޯ ބަލަން ހިންގަމުންދާ އޮޕަރޭޝަންގެ ތެރެއިން --

ނޭޕާލުގައި ފެންބޮޑުވި ސަރަހައްދުގައި މީހުން ފެނޭތޯ ބަލަން ހިންގަމުންދާ އޮޕަރޭޝަންގެ ތެރެއިން --

ނޭޕާލުގެ ރަސުވާ ޑިސްޓްރިކްޓުގަި ހިނގި ފެންބޮޑުވުމުގައި ބޯ ކިސަޑާއި ކުނިބުނީގެ ދަށުވި ހަ އަހަރުގެ އަންހެން ކުއްޖަކު ތިން ދުވަސް ފަހުން ދިރިހުއްޓައި ސަލާމަތް ކޮށްފި އެވެ.

ބޯތޭ ކޯޝީ ކޯރު ބަންޑުންވެގެން ރަސުވާގެ ތިމޫރ އަވަށަށް އެރި ފެންގަނޑުގައި ތާށިވި އެ ކުއްޖާ ހޯދީ ނޭޕާލުގެ ހަތިޔާރު އެޅި ފުލުހުންގެ ފޯސް (އޭޕީއެފް) ގެ ޓީމަކުންނެވެ. ދިރިތިބި މީހުން ހޯދުމުގެ މަސައްކަތުގައި އުޅެނިކޮށް ބިމުގެ އަޑީން މަޑު ރުއިމެއްގެ އަޑު އިވުމުން ޓީމުން ވަގުތުން ކޮންނަން ފެށީ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެ މަސައްކަތުން ކުއްޖާ ދިރިހުއްޓައި ބޭރަށް ނެރުނެވެ.

އެ ކުއްޖާ ދިރި ހުރި ނަމަވެސް ހާލު ވަރަށް ސީރިއަސް އެވެ. އެހެންވެ ފުރަތަމަ އެ ސަރަހައްދުގައި ހަދާފައިވާ ސިއްހީ ފަރުވާދޭ ވަގުތީ މަރުކަޒެއްގައި ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ހެލިކޮޕްޓަރުގައި ކަތަމަންޑޫގެ ހޮސްޕިޓަލަކަށް ބަދަލުކޮށްފައި އެވެ.

ކުއްޖާ ސަލާމަތްކުރި ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވެފައިވާއިރު ގިނަ ބަޔަކު ވަނީ ނޭޕާލްގެ ސަލާމަތީ ބާރުތަކުގެ ބުރަ މަސައްކަތަށް ތައުރީފު ކޮށްފައި އެވެ.

އެ ކުއްޖާގެ އާއިލާ އާއި އާއިލީ ގާތްކަން ހުރި މީހުން އަދި ދެނެގަނެވިފައި ނުވެ އެވެ. ބައެއް މީހުން ވަނީ އެ ކުއްޖާގެ ނަމަކީ މަނީޝާ މަގަރް ކަމަށް ބުނެ އާއިލާ ހޯދަން އެހީވެދޭނެ ކަމަށް ބުނެފައި އެވެ.

ހަ އަހަރުގެ ކުއްޖާ ސަލާމަތް ކުރަނީ --

މި ހާދިސާގައި އެތައް ބަޔަކު ގެއްލި އާއިލާތައް ވަކިވެފައިވާއިރު ބައެއް ސަލާމަތްވި ބައެއް މީހުންވަނީ އެމީހުންގެ ލޯ ކުރިމަތީ އަނބިދަރިން ޗަކަ ފެންގަނޑުގެ ތެރެއަށް ގަރަގުވެގެން ދިޔަތަން ފެނުނު ކަމަށް ބުނެފައި އެވެ.

އަދި އާއިލާ ގެއްލިފައިވާ އެތައް ކުޑަކުދިންނެއް ސިފައިން ދަނީ އެ ސަރަހައްދުގައި ގާއިމްކޮށްފައިވާ ވަގުތީ ހިޔާތަކުގައި ބަލަހައްޓަމުންނެވެ. އޭގެ ތެރޭގައި މަސް ދުވަސް ނުވާ އެއްމާބަނޑު ކުދިންވެސް ހިމެނެ އެވެ.

ނޭޕާލުގެ ޚާރިޖީ ވަޒީރު ޝިޝިރް ޚަނާލް ހޮނިހިރު ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ވިދާޅުވީ ފެންބޮޑުވުމުގެ ގެއްލުންތައް އިއާދަކުރުމަށް ފަސް ބިލިއަން ޑޮލަރު ހޭދަވެދާނެ ކަމަށެވެ. ފެންނަން ހުރި ގެއްލުންތައް ބަލައި ދިރާސާކުރާނެ ކަމަށާއި އެކަމަކު ބައިނަލްއަޤުވާމީ މުޖުތަމައުގެ އެހީއަށް އެދެމުންދާ ކަމަށް ބުންޏެވެ.

މިހާތަނަށް ސަލާމަތީ ޓީމުތަކުން 675 ހަށިގަނޑު ނަގާފައިވާ އިރު 2,400 އަށް ވުރެ ގިނަ މީހުން ގެއްލިގެން ހޯދަމުން ގެންދެއެވެ.

މި ހާދިސާ ހިނގީ އެ ސަރަހައްދުގެ ގަނޑުފެނުގެ ފަރުބަދައެއްގެ ބައެއް އޭގެ ތިރީ ފަރުބަދައެއްގައި އޮތް ކޯރަކަށް ވެއްޓި ބާރުބޮޑުވެ، އެ ކޯރު ފުރި ބަންޑުންވެގެން އަވަށު ތެރެއަށް ފައިބައިގަނެގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް