ޗައިނާގެ ގުޅުމުން އާ ފުރުޞަތުތައް ފަހިވެ މުސްތަޤުބަލަށް އާ މަގުތައް ދަނީ ހުޅުވެމުން: ރައީސް

ޗައިނާ އާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގާތް ގުޅުމުގެ ރަމްޒެއް ކަމުގައިވާ ސިނަމާލެ ބްރިޖު ހުޅުވިތާ އަށް އަހަރު ފުރުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެ މުނާސަބަތު މިއަދު ފާހަގަކުރައްވައިފިއެވެ. ކުރީގެ ރ...

30 Aug 2026 | 05:39
ސިނަމާލޭ ބްރިޖު --

ސިނަމާލޭ ބްރިޖު --

ޗައިނާ އާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގާތް ގުޅުމުގެ ރަމްޒެއް ކަމުގައިވާ ސިނަމާލެ ބްރިޖު ހުޅުވިތާ އަށް އަހަރު ފުރުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެ މުނާސަބަތު މިއަދު ފާހަގަކުރައްވައިފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަސައްކަތް ފަށައި ނިންމަައި ހުޅުވި ސިނަމާލޭ ބްރިޖަކީ ރާއްޖޭގެ އެންމެ ބޮޑު އުމްރާނީ ތަރައްގީގެ މަޝްރޫއެވެ. މިއަދަކީ ބްރިޖު ރަސްމީކޮށް ހުޅުވިތާ އަށް އަހަރު ފުރުނު ދުވަހެވެ.

މި ދުވަހާއި ގުޅުވައިގެން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލެ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ހުޅުމާލެ ގުޅައިލަދިން މި ބްރިޖަކީ ހަމައެކަނި ޢުމްރާނީ ތަރައްޤީގެ މަޝްރޫޢެއް ނޫން ކަމަށެވެ. އެއީ ދެ ޤައުމުގެ ދެމެދުގައި އޮތް އިތުބާރާއި އެއްބައިވަންތަކަމާއި މުސްތަޤުބަލާ މެދު ޙިއްޞާކުރާ ތަޞައްވުރު ރަމްޒުކޮށްދޭ ބިނާއެއް ކަމުގައި ރައީސް ވިދާޅުވިއެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ލީޑަޝިޕާ އެކު ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަވަމުން އަންނަ ކަމަށާއި ރައްޔިތުންނަށް އާ ފުރުޞަތުތައް ފަހިވެ މުސްތަޤުބަލަށް އާ މަގުތައް ހުޅުވެމުންދާ ކަމުގައި ރައީސް ވިދާޅުވިއެވެ.

ބްރިޖަށް އަށް އަހަރު ފުރުނު މި މުނާސަބަތުގައި ރައީސް ވިދާޅުވީ ޗައިނާ އާ އެކު އޮތް ދާއިމީ ގުޅުން ބަދަހިކުރުމަށާއި އެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ރާއްޖެއިން މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ތަކުރާރުކުރައްވާ ކަމަށެވެ.

ސިނަމާލެ ބްރިޖަކީ ޗައިނާގެ އެހީގައި ބިނާކޮށް 2018 ވަނަ އަހަރު ހުޅުވި ރާއްޖޭގެ ފުރަތަމަ ކަނޑު ހުރަސް ބްރިޖެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް