ފެންބޮޑުވުމުގައި ހާލުގައި ޖެހުނު ބަޔަކު ނޭޕާލް އަސްކަރިއްޔާއިން ރައްކާތެރި ހިސާބުތަކަށް ގެންދަނީ --
މިދިޔަ ބުދަ ދުވަހު ނޭޕާލާއި ޗައިނާގެ ޓިބެޓު ގުޅޭ ބޯޑަރު ސަރަހައްދުގައި ހިނގި ނުރައްކާތެރި ފެންބޮޑުވުމުގެ ހާދިސާއަށް ފަހު މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަންގައި ބޭރު ގައުމުތަކުގެ ޓީމުތައް ބައިވެރި ނުކުރަން ނިންމީ މީގެ ކުރިން ކުރަން ޖެހުނު ތަޖުރިބާއަށް ބެލުމަށް ފަހު ކަމަށް ނޭޕާލް ސަރުކާރުން ބުނެފި އެވެ.
ބުދަ ދުވަހުގެ ހާދިސާ ހިނގި ވަގުތުން ފެށިގެން އިންޑިއާ އާއި އެމެރިކާ، ޖަޕާން، ޗައިނާ އަދި ދެކުނު ކޮރެއާ ފަދަ ގައުމުތަކުން ވަނީ ނޭޕާލް ސަރުކާރާއި ތަކުރާރުކޮށް ގުޅައި ރެސްކިއު އޮޕަރޭޝަންގައި ބައިވެރި ވުމަށް ހުށަހަޅާފައި އެވެ. އެ ގައުމުތަކުގެ އެތައް ބަޔަކު އެ ހާދިސާގައި ގެއްލުމާއި ގުޅިގެންނާއި ނޭޕާލަށް އެހީވުމުގެ ގޮތުން ހުށަހެޅި ހުރިހާ ހުށަހެޅުމަކަށް ހުކުރު ދުވަހުގެ ރެއާ ހަމައަށް ނޭޕާލުން ދިޔައީ އިންކާރު ކުރަމުންނެވެ.
ނޭޕާލުން ބުނަމުން ދިޔައީ އެ ގައުމުގެ ސަލާމަތީ ބާރުތަކުގައި މީހުން ހޯދުމުގެ ގާބިލްކަން ހުރި ކަމަށެވެ. އަދި އެ ނިންމުމަކީ ފުލުހުންނާއި ސިފައިންނާއި މަޝްވަރާ ކުރުމަށް ފަހު ނިންމި ގޮތެއް ކަމަށް އޭރު ބުންޏެވެ.
ނޭޕާލް ފޮރިން މިނިސްޓްރީގެ އޮފިޝަލަކު އެ ގައުމުގެ ނޫހަކަށް ވިދާޅުވީ މި ނިންމުމުގެ ފަހަތުގައި ވަނީ 2015 ވަނަ އަހަރު އެ ގައުމަށް އައި ބާރުގަދަ ބިންހެލުމުގައި ބޭރުގެ ޓީމުތައް ގިނަވެ ދިމާވި ބޮޑެތި ގޮންޖެހުންތަކުގެ ތަޖުރިބާ ކަމަށެވެ.
2015 ގައި އައި ބިންހެލުމާ ގުޅިގެން 34 ޤައުމަކުން 76 ބައިނަލްއަޤުވާމީ ސާރޗް އެންޑް ރެސްކިއު ޓީމެއް ނޭޕާލަށް ފޮނުވި ކަމަށް ވެއެވެ. އެ ޓީމުތަކުގެ އިތުރުން ބޭރުގެ ޞިއްޙީ ޓީމުތަކާއި ސިފައިންގެ ޓީމުތައް ވެސް ހަރަކާތްތެރިވިއެވެ.
މި ހުރިހާ ޓީމެއް ދިއުމުގެ ސަބަބުން ކޯޑިނޭޝަންގައި ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހުނެވެ. އެ ފަހަރު ލޮޖިސްޓިކް ގޮތުން ވެސް ހުރަސްތައް ކުރިމަތިވިއެވެ.
ގުދުރަތީ ގޮތުން ނޭޕާލް އުފެދިފައި އޮންނަނީ ބޮޑެތި ފަރުބަދަތަކެއްގެ ތެރޭގައި ކަމުން ކަތަމަންޑޫގެ އެއާޕޯޓަށް އެހީގެ ފްލައިޓުތަކާއި ސާރޗް ޓީމުތައް އެއްފަހަރާ ޖައްސަން ޖެހުމުން ވައިގެ ބަނދަރު ފުރި ތޮއްޖެހުނެވެ. ބައެއް ރެސްކިއު ޓީމުތައް ޖައްސާނެ ފުރުޞަތެއް ނުލިބި ދުވަސްތަކެއް ވެސް ނެގިއެވެ.
ބައިނަލްއަޤުވާމީ ޓީމުތަކުގެ ދެމެދުގައި ހަރަކާތްތައް އެއްގޮތް ކުރުމުގެ ގޮތުން އދ. އިން ކޮންމެ ދުވަހަކު ކޯޑިނޭޝަން ބައްދަލުވުންތައް ހިންގަން ޖެހުނެވެ. މި ތަޖުރިބާގެ އަލީގައި ބޭރުގެ އެހީ ޤަބުލުކުރުމުގެ ކުރިން އެތެރޭގެ ވަސީލަތްތަކަށް އިސްކަންދޭ ސިޔާސަތެއް ނޭޕާލުން ގެންގުޅެން ނިންމީ ކަމަށް އޮފިޝަލް ވިދާޅުވެފައިވެ އެވެ.
މިފަހަރު އެ ގައުމު ސަރުކާރުން ވަނީ ބޭރު ގައުމުތަކުން ފައިސާގެ އެހީ ފޯރުކޮށްދޭން ބޭނުންވާނަމަ ނޭޕާޕް ޕްރައިމް މިނިސްޓަރު ޓްރަސްޓް ފަންޑަށް އެކަނި ފައިސާގެ އެހީ ފޮނުވުމަށް އެންގުމަށް ބޭރު ގައުމުތަކުގައި ހުންނަން ނޭޕާލް އެމްޕަސީތަކާއި ކޮންސިއުލޭޓުތަކަށް އަންގާފައި އެވެ.
ނޭޕާލުން ގޮތް ހުސްވެ ހުކުރު ދުވަހުގެ ރޭ ވަނީ ރެސްކިއު ޓީމުތަކުގެ ގޮތުގައި ވަކި ސަރަހައްދުތަކަށް ބޭރުގެ ޓީމުތައް ފޮނުވުމުގެ ހުއްދަ ދީފައި އެވެ. އެގޮތުން ބައެއް ޓަނަލްތައް ހިމެނޭ ސަރަހައްދުތަކުގައި ތާށިވެފައި މީހުން ތިބިތޯ ބަލައި ސަލާމަތް ކުރުމަށް ބޭރުގެ އެހީތެރިކަން ބޭނުންވާ ކަމަށް ބުންޏެވެ.
ނޭޕާލް ހާދިސާގައި މަރުވި މީހުންގެ އަދަދު 600 އަށް ވަނީ އަރާފައި އެވެ. އަދި ގެއްލުނު މީހުންގެ އަދަދު 3،000 މައްޗަށް އަރާފައިވާއިރު ގިނަ ބަޔަކު ދަނީ ސަލާމަތްވެސް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް