ކޯވިޑް-19 އާ ގުޅިގެން ކަރަންޓީންވާން އެންގި މީހަކު، އެ އަމުރާ ހިލާފުވެއްޖެ ނަމަ 5،000 ރުފިޔާ އިން ޖޫރިމަނާ ކުރާ ގޮތަށް އެކަހެރި ކުރުމުގެ މަރުކަޒުތަކާއި ކަރަންޓީނު ކުރުމުގެ މަރުކަޒުތަކާ ބެހޭ ގަވާއިދަށް އިސްލާހު ގެނެސްފިއެެވެ.
އެ އިސްލާހުގައި ބުނެފައި ވަނީ ކަރަންޓީނު ކުރުމުގެ މަރުކަޒުތަކާއި އެކަހެރިކޮށް ބެހެއްޓުމުގެ މަރުކަޒުތައް ކަނޑައެޅުމުން، ނުވަތަ މީހަކު ނުވަތަ ބަޔަކު ކަރަންޓީނު ކޮށްފައި ނުވަތަ އެކަހެރި ކޮށްފައި ބަހައްޓައިގެން ފަރުވާދިނުމަށް ހަމަޖެހިފައިވާ އުސޫލުން އެކަން ކުރަން ފެށުމުން، އެ ކަމަށް އިޙުތިރާމްކޮށް އާންމު ޞިއްޙަތުގެ ނުރައްކާ ކޮންޓްރޯލު ކުރުމަށް ނުވަތަ ގައިން ގަޔަށް އަރާ ބަލި ކޮންޓްރޯލު ކުރުމަށް ކުރެވެމުންދާ މަސައްކަތަށް އެއްބާރުލުން، ކޮންމެ މީހަކު ވެސް ދޭންވާނެ ކަމަށެވެ.
އަދި އެއްބާރުލުން ދިނުމެއް ނެތި، ވަކި މީހަކު ނުވަތަ ބަޔަކު ކަރަންޓީނު ކޮށްގެން ނުވަތަ އެކަހެރި ކޮށްގެން ފަރުވާ ދިނުމަށް ކުރަމުންދާ މަސައްކަތަށް ހުރަސްއަޅައިފި ނަމަ، ނުވަތަ އާންމު ޞިއްޙަތު ރައްކާތެރި ކުރުމަށް ނުވަތަ ގައިންގަޔަށް އަރާ ބަލިން ރައްކާތެރި ކުރުމަށް ކުރެވޭ މަސައްކަތުގައި ގާއިމްކުރެވޭ އެކަހެރި ކުރުމުގެ މަރުކަޒެއް ނުވަތަ ކަރަންޓީނު ކުރުމުގެ މަރުކަޒެއް ހިންގުމަށް މީހަކު ހުރަސްއަޅައިފި ނަމަ، އެ ކުރަނީ ކުށެއް ކަމަށް އިސްލާހުކުރި ގަވާއިދުގައި ބުނެފައިވެއެވެ.
އެހެންކަމުން އެކަހެރިވުމަށް އަންގައިފައިވާ މީހަކު އެކަހެރިވުމިގެ އަމުރާ ހިލާފުވެއްޖެ ނަމަ 5000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށާއި ކަރަންޓީނުވުމަށް އަންގައިފައިވާ މީހަކު އޭނާއަށް އަންގައިފައިވާ އަމުރާ ހިލާފުވެއްޖެނަމަ ފުރަތަމަ ފަހަރު 2500 ރުފިޔާއިން ދެވަނަ ފަހަރު 3500 ރުފިޔާއިން އަދި ތިންވަނަ ފަހަރުން ފެށިގެން އަމުރާ ހިލާފުވާ ކޮންމެ ފަހަރަކު 5000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ގަވައިދުގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް