އަފްގާނިސްތާނުގައި ފެންބޮޑުވެ ގިނަ ބަޔަކު މަރުވުމާ ގުޅިގެން މިނިސްޓަރ ޝާހިދު ތައުޒިޔާ ފޮނުއްވައިފި

އަފްގާނިސްތާނުގެ ޕަރްވާން ޕްރޮވިންސްއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާގައި ގިނަ ބަޔަކު މަރުވުމާގުޅިގެން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އަފްގާނިސްތާނުގެ އެކްޓިންގ ފޮރިން މިނިސްޓަރަށް ތައުޒިޔާގ...

30 Aug 2020 | 05:04

އަފްގާނިސްތާނުގެ ޕަރްވާން ޕްރޮވިންސްއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާގައި ގިނަ ބަޔަކު މަރުވުމާގުޅިގެން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އަފްގާނިސްތާނުގެ އެކްޓިންގ ފޮރިން މިނިސްޓަރަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ފޮނުއްވި ތައުޒިޔާގެ މި މެސެޖުގައި ޕަރްވާން ޕްރޮވިންސުގައި ހިނގި ފެންބޮޑުވުމުގެ މިހާދިސާގައި ގިނަ ބަޔަކު މަރުވެ، އެތައް ބައެއްގެ ގެދޮރު ގެއްލުނު ހަބަރު އެއްސެވީ ފުން ހިތާމަޔާއެކުގައި ކަމަށް ވިދާޅުވެފައިވެއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާ ކުރިމަތިލަމުންދާ މިދަނޑިވަޅުގައި އަފްގާނިސްތާނަށް ކުރިމަތިވި މި އިތުރު ހިތާމައިގައި ދިވެހި ސަރުކާރާއި ރައްޔިތުން ބައިވެރިވެ، އަފްގާނިސްތާން ސަރުކާރާއި ރައްޔިތުންނަށް ތައުޒިޔާ ދަންނަވާކަމަށާއި، މީހުން ސަލާމަތްކުރުމާއި ރިކަވަރީގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މަސައްކަތަށް ކާމިޔާބީއަށް އެދޭކަމަށްވެސް މިނިސްޓަރ ޝާހިދުގެ ތައުޒިޔާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

ކާބުލްއާއި އިންވެގެން އޮންނަ ޕަރްވާން ޕްރޮވިންސަށް ވޭތުވެދިޔަ ހަފްތާގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ހިނގި ހާދިސާތަކުގައި މީހުން ދިރިއުޅެމުން އައި 1500 އަށްވުރެ ގިނަ ގެތައް ވަނީ ހަލާވެފައެވެ. އަދި 90 އަށްވުރެ ގިނަ މީހުން މަރުވެ، 100 އަށްވުރެ ގިނަ މީހުންނަށް ވަނީ އަނިޔާވެފައެވެ. މީގެ އިތުރުން މިހާދިސާގައި ގިނަ ބަޔަކު ވީނުވީއެއް ނޭނގި ވަނީ ގެއްލިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް