ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމް، ދިވެހިރާއްޖޭގެ ލޮބުވެތި އަޚުންނަށާއި އުޚްތުންނަށް ހިޖުރީ އައު އަހަރުގެ ތަހުނިޔާ ދަންނަވައިފިއެވެ.
އެމަނިކުފާނު، ދިވެހި އެންމެހާ އަޚުންނާއި އުޚްތުންނަށް ތަހުނިޔާ ދަންނަވާފައިވަނީ ނެރުއްވި ނޫސްބަޔާނެއްގައެވެ.
"މި ފެށޭ 1441 ވަނަ ހިޖުރީ އާ އަހަރުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ލޮބުވެތި އަޚުންނަށާއި އުޚުތުންނަށް، ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރުމެވެ. ހަމައެޔާއެކު، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، މުޅި އިސްލާމީ އުންމަތަށް މިމުނާސަބަތުގެ ތަހުނިޔާ ދަންނަވައި، ހެޔޮއެދުންތައް ފޮނުވަމެވެ." އެ ނޫސްބަޔާނުގައި ވިދާޅުވެފައިވެއެވެ.
ހިޖުރީ ތާރީޚުގެ ފެށުން ގުޅިފައިވަނީ، އިސްލާމީ ތާރީޚުގެ ވަރަށް ޢިބްރަތްތެރި ޙާދިޘާއެއް ކަމަށްވާ ކީރިތި ރަސޫލާ مُحَمَّد رسول اللّه صلّى الله عليه وسلّم، މައްކާ ދޫކުރައްވައި މަދީނާއަށް ކުރެއްވި މަތިވެރި ހިޖުރައިގެ ޙާދިޘާއިންކަން ފާހަގަކޮށް ރައީސް މައުމުން ނެރުއްވި ނޫސްބަޔާނުގައި ފާހަގަކުރައްވާފައިވާގޮތުގައި އިސްލާމް ދީނުގެ އެކުވެރިކަމާއި އެއްބައިވަންތަކަން އެހާދިސާއިން ރަމްޒު ކޮށްދެއެވެ. އިސްލާމްދީނަކީ އެކުވެރިކަމަށާއި އިންސާނީ ކަރާމާތަށް ގޮވާލާ ދީނަކަށް ވުމާއެކު، އެހެން މީހުންގެ ޙައްޤުތަކަށް ރައްކާތެރިވުމަށާއި، އެ ކަންކަމަށް އިޙްތިރާމްކުރުމުގެ ޢަޒުމް ވަރުގަދަ ކުރުމަކީ ކޮންމެ މުސްލިމަކުވެސް ކުރަން ޖެހޭނެ ކަމެކެވެ. އަދި އަޅުގަނޑުމެންގެ މެދުގައި މިއޮތް އުޚުއްވަތްތެރިކަމުގެ ގުޅުމަށް ބުރޫއަރާފަދަ އެއްވެސް ކަމެއް ނުވަތަ އެއްވެސް ޢަމަލެއް، އެއްވެސް މީހަކު ހިންގައިގެން ނުވާނެއެވެ. ހަމައެހެންމެ، ހިޖުރައިގެ މަތިވެރި ޙާދިޘާއިން ޢިބްރަތް ލިބިގަނެ، އިސްލާމީ އުޚުއްވަތްތެރި ކަމުގެ ރިވެތި ނަމޫނާ ދެއްކުމަކީ އަޅުގަނޑުމެން ކޮންމެ މުސްލިމަކުވެސް ކުރަން ޖެހޭނެކަމެކެވެ. އަދި ހިޖުރީ އާ އަހަރަކާ ކުރިމަތިލާއިރު، އަޅުގަނޑުމެން ޢަޒުމް ކަނޑައަޅަންވީ، އިސްލާމީ އުންމަތަށް ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކާއި ނުރައްކާތަކުން ސަލާމަތްވާނެ ގޮތްތައް ހޯދައި ފިޔަވަޅުތައް އެޅުމެވެ.
"މި ފެށުނު 1441 ވަނަ އަހަރަކީ، ދިވެހިރާއްޖެއަށާއި، ދިވެހިރާއްޖޭގެ ލޮބުވެތި އަޚުންނަށާއި އުޚްތުންނަށް، ބާއްޖަވެރި އުފާވެރި އަހަރެއް ކަމުގައި ލައްވައި، އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި ސާބިތުކަމާއެކު ދެމިތިބުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެންނަށް މިންވަރު ކުރައްވާށިއެވެ. އަދި އަޅުގަނޑުމެންގެ މެދުގައި އެއްބަނޑުއެއްބަފާ ކަމާއި އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރައްވައި، އިސްލާމީ ޤައުމުތަކުގެ މެދުގައި ޞުލްޙައާއި އަމާންކަން ދަމަހައްޓަވާށިއެވެ. އާމީން!" ރައީސް މައުމޫންގެ ނޫސްބަޔާނުގައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް