މާފަންނު ބޮނޑިބަތް ޕާކު ބިއްދޮށުން އޭސް ހާޑްވެއާ ކަންމަތިން ވަދެވޭ ޖަވާހިރު މަގުގެ މެދެއްހާ ހިސާބުގައި މިއަދު 09:40 ހާއިރު ހިނގާ ދިޔައީ ހިތާމަވެރި ހާދިސާއެކެވެ. ގެއެއްގެ ބެލްކަނިން ފިލާ ފޮއްޗެއް ވެއްޓި މީހެއްގެ ބޯ ވަރަށް ބޮޑަށް ފަޅައިގެން ދިޔައީއެވެ.
ހުކުރު ދުވަސް ކަމުން ކުކުޅު ގަންނަން ނިކުތް އިރު މި މަންޒަރު ފެނުނު އިރު ޒަޚަމްވި މީހާ އިނީ ސައިކަލެއްގެ މަތީގައި ފޯނުން އޭނާގެ ބައްޕަށް ގުޅާލަ ގުޅާލައެވެ. ޒަޚަމްވި މީހާގެ ބޮލުން ލޭ ފައިބަމުން ދިޔައިރު ޒަޚަމްވެފައިވާ އެ ދިވެހި މީހާގެ ބޮލުގައި ހިފަހައްޓައިގެން ލޭ މަނާކުރުމަށް މަސައްކަތް ކުރަމުން ދިޔައީ ބިދޭސީ މީހެކެވެ.
އެމްބިއުލާންސަށް ގުޅައިފިންތޯ އެހުމުން ބިދޭސީ މީހާ ބުނީ ފުލުހަށްވެސް އަދި އެމްބިއުލާންސަށްވެސް ގުޅައިފިން ކަމަށެވެ.
ޒަޚަމްވި ޒުވާނާ ބުނީ ގެ ހުންނަނީ ކައިރީގައި ކަމަށާއި ބައްޕަވެސް ގޭގައި އެބަ އުޅޭ ކަމަށެވެ. އެހެންވެ އޭނާ ފޯނުން މަސައްކަތް ކުރަމުން ދިޔައީ އޭނާގެ ބައްޕައަށް ގުޅޭތޯއެވެ.
އެމްބިއުލާންސް އެ ސަރަހައްދަށް އައުމުގެ ކުރިން ޔުނީފޯމުގައިހުރި ފުލުހަކު އެމަގުން ސައިކަލުގަ ދިޔައެވެ. އަދި ދަމުން ސައިކަލު މަޑުވެސް ކޮށްލިމެއެވެ. އަހަރެން އެ ފުލުސް މީހާއަށް ގޮވައިވެސް ލީމެވެ. އެހެން ނަމަވެސް އެ ފުލުސް މީހާ އިތުރަށް މަޑު ނުކޮށް ދިޔައީއެވެ.
09:42 ހާއިރު އެ ސަރަހައްދަށް އެމްބިއުލާންސް އައުމުން އެމްބިއުލާންސާއި ހަމައަށް ޒަޚަމްވި މީހާ ގެންދިޔައިރުވެސް ޒަޚަމްވި މީހާގެ ބޮލުގައި އަތް އަޅައިގެން ހުރީ އެ ބިދޭސީ މީހާއެވެ. އެމްބިއުލާންސުން ފޮތިގަނޑެއް، ޒަޚަމްވި މީހާގެ ބޮލުގައި އަޅަންދެން އެ ބިދޭސީ މީހާ ހުރީ ހިފަހައްޓައިގެންނެވެ. އެމްބިއުލާންސަށް ޒަޚަމްވި މީހާ އެރުވި އިރު އެމީހާގެ އާއިލާ މީހުންވެސް ތިބީ އެމްބިއުލާންސް ކައިރިއަށް އައިހެވެ.
ފުލުހުން ސީނަށް އައިސް އެ ސަރަހައްދު ބަލާ ފޮޓޯ ނަގާ ހެދީ 10:34 ހާއިރުގައެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި މާފަންނު ގެއެއްގެ ބެލްކަނީގައި ހަރުކޮށްފައިހުރި ފިލާގަނޑެއް ވެއްޓި އެ ސަރަހައްދުން ހިނގާފައިދިޔަ މީހެއްގެ ބޮލުގައި ޖެހި އަނިޔާވެފައިވާކަމަށް މިއަދު 10:03ގައި ފުލުހުންނަށް ހުށަހަޅާފައިވެއެވެ.
"މި ހާދިސާގައި އަނިޔާވި މީހާ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުންދަނީ" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވާގޮތުގައި މި މައްސަލައާއި ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ދަނީ ބަލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް