މެސީ އާއި ރޮނާލްޑޯގެ މައްޗަށް ކުރިހޯދާ، ޔޫރަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެން ޑައިކް ކާމިޔާބު ކޮށްފި

ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ވިދުންގަދަ ދެ ތަރިން ކަމަށްވާ ލިއޮނަލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯގެ މައްޗަށް ކުރިހޯދާ، ޔޫރަޕްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ލިވަޕޫލްގެ ޑިފެންޑަރ ވާޖިލް...

29 Aug 2019 | 19:18

ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ވިދުންގަދަ ދެ ތަރިން ކަމަށްވާ ލިއޮނަލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯގެ މައްޗަށް ކުރިހޯދާ، ޔޫރަޕްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ލިވަޕޫލްގެ ޑިފެންޑަރ ވާޖިލް ވެން ޑައިކް ހޯދައިފިއެވެ.

ވެން ޑައިކްއަށް މި ޝަރަފުވެރި އެވޯޑް ފުރަތަމަ ފަހަރަށް ދިނީ މިރޭގައި އޮތް ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގެ ގުރު ނެގުމުގެ ރަސްމިއްޔާތުގައެވެ.

މިދިޔަ ސީޒަންގައި ލިވަޕޫލްއިން ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލިއިރު، ކުޅުނު 12 މެޗުން 5 މެޗުގައި ބައިކޮޅަށް ލަނޑެއް ވަނަނުދީ ނިންމާލުމުގައި ވެން ޑައިކް މުހިންމު ދައުރެއް އަދާކުރިއެވެ. މީގެ އިތުރުން އޭނާ ވަނީ ޗެމްޕިއަންސް ލީގުގެ މިދިޔަ ސީޒަންގައި ދެ ލަނޑު ޖަހާ، އިތުރު ދެ ލަނޑު ޖަހަން މަގުފަހި ވެސް ކޮށްދީފައެވެ.

ކުރިން ސެލްޓިކް އައި ސައުތުހެމްޓަން އަށް ކުޅެފައިވާ ވެން ޑައިކް ވަނީ މިދިޔަ ސީޒަންގައި ޕީއެފްއޭ ޕްލެޔަރ އޮފް ދަ ޔަރ އަދި ފޭންސް ޕްލެޔަރ އޮފް ދި ސީޒަން އެވޯޑް ވެސް ކާމިޔާބު ކޮށްފައެވެ. މީގެ އިތުރުން މިދިޔަ ސީޒަންގެ ލިވަޕޫލްގެ އެންމެ މޮޅު ކުޅުންތެރިޔާއަކީ ވެސް ވެން ޑައިކް އެވެ.

ވެން ޑައިކްގެ އެހީތެރިކަމާއެކު މިދިޔަ ސީޒަންގައި ނެދަލޭންޑްސް ވަނީ ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލަށް ވެސް ދަތުރުކޮށްފައެވެ. އިންގްލެންޑް އަތުން ސެމީ ފައިނަލްގެ އިތުރު ވަގުތުގައި 3-1 އިން މޮޅުވިއިރު، ފައިނަލްގައި ނެދަލޭންޑްސް ބަލިވީ ޕޯޗުގަލް އަތުންނެވެ.

އެވޯޑާ ހަވާލުވުމަށްފަހު ވެން ޑައިކް ބުނެފައިވަނީ، މިއީ އޭނާގެ ހަޔާތުގެ ދިގު ދަތުރުގެ މުހިންމު ބައެއް ކަމަށާއި، މި ކާމިޔާބީގައި އޭނާގެ ޓީމްގެ ކުޅުންތެރިންގެ މަތިން ހަނދާން ކުރާކަމަށެވެ. އެ ކުޅުންތެރިންނާ ނުލާ މިފަދަ ކާމިޔާބީއެއް ނުހޯދޭނެ ކަމަށެވެ.

ޔޫރަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމްގެ އިތުރުން އެންމެ މޮޅު ޑިފެންޑަރުގެ މަގާމް ވެސް ހޯދީ ވެން ޑައިކް އެވެ. އެއީ އޭނާއާ އެއް ޓީމަކަށް ކުޅެމުން އަންނަ އެލެކްޒެންޑާ އާނޯލްޑާއި ދާދި ފަހުން ޔުވެންޓަސް އަށް ބަދަލުވި ޑި ލިޓް އާ ވާދަކޮށެވެ.

މިރޭ، ޓޮޓެންހަމްގެ ހޫގޯ ލޮރިސް އާއި ބާސެލޯނާގެ ޓާ ސްޓެގަން އާ ވާދަކޮށް، ޔޫރަޕްގެ އެންމެ މޮޅު ގޯލް ކީޕަރުގެ މަގާމް ހޯދީ ލިވަޕޫލްގެ އެލިސަން ބެކާ އެވެ. ވާދަވެރި ރޮނާލްޑޯގެ އިތުރުން ލިވަޕޫލްގެ ސަޑިއޯ މާނޭ އާ ވާދަކޮށް އެންމެ މޮޅު ފޯވާޑްގެ މަގާމް ހޯދީ ލިއޮނަލް މެސީއެވެ. އެންމެ މޮޅު މިޑްފީލްޑަރގެ މަގާމް ހޯދީ ދާދި ފަހުން ބާސެލޯނާއާ ގުޅުނު ފްރެންކީ ޑި ޔޮން އެވެ.

މީގެ އިތުރުން ޔުއެފާ ރައީސް އަލެކްސަންޑަ ކެފެރިންގެ އެވޯޑް ލިބުނީ މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކުޅުންތެރިޔާ އެރިކް ކެންޓޮނާ އަށެވެ. އަދި އީކުއަލް ގޭމް އެވޯޑް ހޯދީ ބޮރޫޝިއާ ޑޯޓްމަންޑް އެވެ.

ޔުއެފާ އެވޯޑްގައި ވޯޓުލާނީ ކްލަބްތަކުގެ ކޯޗުންނާއި ކުޅުންތެރިންގެ އިތުރުން ޔުއެފާ އިން ހިޔާރުކޮށްފައިވާ މަތީ ފަންތީގެ ނޫސްވެރިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް