ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރ. ހުޅުދުއްފާރަށް ވަޑައިގެން އެ ރަށުގައި ގާއިމްކޮށްފައިވާ ފެނުގެ ނިޒާމް އިފްތިތާހްކޮށްދެއްވާ ނަރުދަމާގެ ނިޒާމް ރަސްމީކޮށް ފައްޓަވައިދެއްވާފައިވާއިރު އެ ހިދުމަތްތައް އަދި ގާއިމްކޮށް ނުނިމޭކަމުގައި އެރަށު ކައުންސިލް ރައީސް މުހައްމަދު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން މުހައްމަދު އިބްރާހިމް ވިދާޅުވީ އެ ހިދުމަތްތައް ގާއިމުކޮށް ނިންމާފައިވާކަން ރައީސަށްވެސް އެނގިނުލައްވަނީކަމުގައި ވެދާނެ ކަމަށާއި ބަނދަރު މަތިން މޮނިއުމެންޓެއްގެ ފޮތިކޮޅު ކަހާލާފައި އިފްތިތާހްކޮށްދެއްވާފައި ދިޔައީ ކަމަށެވެ.
"ރައީސަށް އެނގިވެސް ނުލައްވާނީކަމަށްވެސް ވެދާނެ އެ ދެއްކި އެއްޗެއް ކަހާލާފަ ދިޔައީ، ކޮށްފަ ހުރި މަސައްކަތްކަމެއްވެސް ނުއެނގިލައްވަނީ ކަންނޭނގެ، އެހެން ނޫނިއްޔާ ކަމެއް އިފްތިތާހް ކުރަންޏާ އެކަމެއް ނިމިފަ ހުރިތީ އެތަނަކަށް ގޮސް އަތަނެއް ބައްލަވާލާނެ ނޫންތޯ؟ އެތަނަކަށް ގޮސް ހުޅުވާލީ، އެތާނގަ މޮނިއުމެންޓެއް ކަހާލީމަ އެ ހިދުމަތް ފެށުނީތޯ؟" މުހައްމަދު އިބްރާހިމް ވިދާޅުވިއެވެ.
އޭނާ ބުނީ އެކަމަށް ގާއިމްކުރަންޖެހޭ އިމާރާތްތައް ގާއިމްކޮށް މަސައްކަތުގެ ބައެއް ނިމިފައިވީނަމަވެސް އަދި އެއްވެސް ގެއަކަށް ފެން ދޫކުރަން ނުފަށާ ކަމަށާއި މީޓަރު ހަރު ނުކުރާ ގޭގެވެސް އެބަހުރި ކަމަށެވެ.
" އިމާރާތް ތަކާ އެއްޗެހި އެބަހުރި، އެންމެ ގެއަކަށްވެސް ލިބެނީކީ ނޫނޭ، މީޓަރުތައްވެސް ބައެއް ގޭގޭގަ އަދި ނެތް، ޓެސްޓް ރައުންޑެއްވެސް އަދި ކުރިއަށް ނުގެންދޭ" އެމްޑީޕީއަށް ނިސްބަތްވާ މުހައްމަދު އިބްރާހިމް ވިދާޅުވިއެވެ.
މުހައްމަދު އިބްރާހިމް ވިދާޅުވީ ނަރުދަމާގެ ނިޒާމުގެ ނިމުން ފާހަގަކޮށް ރަސްމީކޮށް ފައްޓަވައިދެއްވި އިރު އަދި އެ ނިޒާމާއި ގޭގޭގެ ހޮޅިވެސް ނުގުޅާ ކަމަށެވެ.
"ގޭގޭގައި އަދިވެސް ބޭނުން މި ކުރަނީ ހަމަ ކުރީގައިވެސް އަމިއްލައަށް ގާއިމްކޮށްފައިވާ ނިޒާމު، ހޮޅި ގުޅަން އަދި ނުވެސް އަންގާ" އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ހިތާމައަކީ ނިމުނުކަމަށް ބުނެ އައިސް އިފްތިތާހްކޮށްދެއްވާފައި ދިޔައިރު އޭގެން އެއްވެސް ހިދުމަތެއް ރައްޔިތުންނަށް ލިބެން ފަށާފައިނުވާއިރު އެ ހިދުމަތްތައް ނިމޭނެ ދުވަހެއްވެސް އަދި ކަށަވަރު ނުވާތީ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް