ކޯވިޑް-19: އިއްޔެގެ އިންސްޕެކްޝަންގައި ދިޔަ ގިނަ ތަންތަން ޖެހުނީ ބަންދު ކުރަން

ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް މާލޭގައި ހިދުމަތްދޭ ތަންތަނުން އަމަލު ކުރޭތޯ ބަލަން އިއްޔެ ކުރިޔަށް ގެންދިޔަ އިންސްޕެކްޝަންގައި ދިޔަ ތަންތަނުގެ ތެރެއިން ދެ ބައިކުޅަ ...

30 Jul 2020 | 04:38

ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް މާލޭގައި ހިދުމަތްދޭ ތަންތަނުން އަމަލު ކުރޭތޯ ބަލަން އިއްޔެ ކުރިޔަށް ގެންދިޔަ އިންސްޕެކްޝަންގައި ދިޔަ ތަންތަނުގެ ތެރެއިން ދެ ބައިކުޅަ އެއްބައި ތަން ބަންދު ކުރަން ޖެހިއްޖެ އެވެ.

އިއްޔެ އިންސްޕެކްޝަނަށް ދިއުމުގެ ކުރިން އެޗްޕީއޭއިން ވަނީ އެ އިންސްޕެކްޝަންގައި ގަވައިދާ ހިލާފަށް ހުންނަތަނެއް ފާހަގަވެއްޖެ ނަމަ ވަގުތުން ބަންދު ކުރާނެ ކަމަށް އަންގާފައި އެވެ. އިއްޔެ އެޗްޕީއޭގެ ޓީމްތަކުން ޒިޔާރަތް ކޮށްފައިވަނީ ކެފޭ/ ރެސްޓޯރެންޓް، ސެލޫން، ޖިމް އަދި ފިހާރަ ފަދަ ތަންތަނަށެވެ.

ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ރޭ ރާއްޖެ ޓީވީގައި ވިދާޅުވީ އިއްޔެގެ އިންސްޕެކްޝަންގައި 52 ތަނެއް ބަލައި ގަވައިދަށް އަމަލު ކުރޭތޯ ބަލާފައިވާ ކަމަށެވެ. އޭގެ ތެރެއިން 27 ތަނަކުން ގަވައިދަށް އަމަލު ކުރަމުން ގޮސްފައި ނުވާތީ ބަންދު ކޮށްފައިވާ ކަމަށެވެ.

ބަންދު ކުރި ތަންތަނުގެ ތެރޭގައި ހިމެނެނީ ކެފޭ ރެސްޓޯރަންޓުގެ ތެރޭގައި ހިމެނޭ 17 ތަނަކާއި، ނުވަ ފިހާރަޔާއި، ސެލޫނާއި ބޯކޮށާ ތަނެކެވެ.

އިންސްޕެކްޝަންގައި ގަވައިދަށް ނުފެތޭތީ ބަންދު ކުރި ތަންތަނުން އެޗްޕީއޭއިން ފާހަގަ ކުރި ކަންކަން އިސްލާހުކޮށް، އެކަން އެންގުމުން ވީހާވެސް އަވަހަކަށް އެތަންތަނަށް އަލުން ހުއްދަ ދޫކުރާނެ އެވެ.

މިނިސްޓަރު ވިދާޅުވީ ކޯވިޑަކީ ނުރައްކާތެރި އަދި ފަރުވާއެއް ނެތް ބައްޔެއް ކަމަށާއި މިފަދަ ކަންކަން ދިމާވާނަމަ މި ބަލިން ސަލާމަތްވާން އުނދަގޫވާނެތީ ރައްކާތެރިކަމުގެ ގޮތުން އަޅަން އަންގާފައިވާ ފިޔަވަޅުތަކަށް އިތުރަށް ސަމާލުކަން ދޭން ޖެހޭ ކަމަށެވެ.

މިއީ އެޗްޕީއޭއިން ހިންގި މިފަދަ ދެވަނަ އިންސްޕެކްޝަނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް