ޓްރީ ޓޮޕް ހޮސްޕިޓަލާއި ޔުނައިޓެޑް ނޭޝަންސް ޗިލްޑްރަންސް ފަންޑް (ޔުނިސެފް)، ކުޑަކުދިންނާއި އާއިލާތަކަށް ރަނގަޅު ދުޅަހެޔޮ ސިއްޙަތާއިމެދު ހޭލުންތެރިކުރުމުގެ ގޮތުން އެއްބަސްވުމެއް ޖުލައި 30، 2019 ވަނަ ދުވަހު ސޮއިކޮށްފިއެވެ.
ޓްރީ ޓޮޕުން މައުލޫމާތުދެއްވާގޮތުގައި މި އެއްބަސްވުމުގެ ދަށުން، ޓްރީ ޓޮޕް ހޮސްޕިޓަލާއި، ޔުނިސެފް ގުޅިގެން، ކުޑަކުދިންނަށް ރަނގަޅު ސިއްޙަތާއި ދުޅަހެޔޮކަން ކުރިއެރުވުމަށް މަސައްކަތްކުރެވޭނެއެވެ. އެގޮތުން އިމިއުނައިޒޭޝަންގެ މުޙިއްމުކަމާއި، ރައްކާތެރި ގޮތުގައި އިމިއުނައިޒޭޝަންގެ ޙިދުމަތްތައް ފޯރުކޮށްދިނުމާއި، ކުޑަކުދިންނަށް ހެޔޮގޮތުގައި ނާސްތާ ދިނުމާއި، ދުޅުހެޔޮ ސިއްޙަތުގެ މުޙިއްމުކަން ކުރިއެރުވުމާއި މުޖްތަމަޢު ހޭލުންތެރި ކުރުވުމަށް ދެފަރާތުން މަސައްކަތްކުރެވޭނެއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލް، ޔުނިސެފް އަދި މިނިސްޓްރީ އޮފް ހެލްތްއާއި ގުޅިގެން ބޭބީ ފްރެންޑްލީ ހޮސްޕިޓަލް އިނީޝިއޭޓިވް ކުރިއެރުވުމަށް މިއެއްބަސްވުމުގެ ދަށުން މަސައްކަތް ކުރެވޭނެ ކަމަށާއި އެގޮތުން ވިހެއުމަށްފަހު ގާތުން ކިރުދިނުމަށް ބާރުއެޅުމާއި، ދަރިފުޅާއި މައިމީހާއާއި ދެމެދު ހަމާއި ހަމުގެ ގުޅުން ދެމެހެއްޓުމަށް ހޭލުންތެރިކުރުމަށް، ބޭބީ ފްރެންޑްލީ ހޮސްޕިޓަލެއްގެ ހައިސިއްޔަތުން ރާއްޖޭގެ ކުރީސަފުގައި މަސައްކަތްކުރުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ޝައުޤުވެރިވާކަމުގައި ޓްރީޓޮޕުން ބުނެފައިވެއެވެ.
މީގެއިތުރުން، ދިވެހި ސަރުކާރާއި ގުޅިގެން ދަތުގެ ފަރުވާ މާލޭގެ ސްކޫލްތަކަށް ފޯރުކޮށްދިނުމުގައި މަސައްކަތް ކުރުމަށް އަމާޒުކޮށް، ކުރިއަށް އޮތް އަހަރުތަކުގައި ޙިދުމަތް ފުޅާކުރުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން އަޒުމް ކަނޑައަޅާކަމުގައިވެސް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް