އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބަނގުރަލާއި، މަސްތުވާތަކެތި ފުލުހުން ނައްތާލައިފިއެވެ. ފުލުހުން މިއަދު މިތަކެތި ނައްތާލައިފައި ވަނީ ދޫނިދޫގައެވެ.
ފުލުހުން ވިދާޅުވިގޮތުގައި މިތަކެތި ނައްތާލައިފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި މަސްތުވާތަކެއްޗާއި ބެހޭ މައްސަލަތަކުގައި، ހެކީގެ ގޮތުގައި ހިފެހެއްޓޭ އެއްޗެއްސާމެދު އަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވާލި ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށެވެ. މިއަދު ނައްތާލާފައިވަނީ 2011 ވަނަ އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބަނގުރަލާއި މަސްތުވާތަކެތި ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
އެގޮތުން މިއަދު ނައްތާލި ބަނގުރަލުގެ ތެރޭގައި ހިމެނެނީ 23 މައްސަލައަކާއި 20 އިންސިޑެންޓެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 172 ފުޅި ބަނގުރަލާއި 19 ޕެޓް ފުޅިއާއި 112 ބިއަރު ދަޅުގެ އިތުރުން އެހެނިހެން ތަކެތީގެ ތެރޭގައި ހިމެނޭ 20 އައިޓަމެކެވެ. އޭގެ އިތުރުން، ޖުމުލަ 25،854.3261 ގްރާމްގެ މަސްތުވާތަކެތި މިއަދު ވަނީ ނައްތާލާފައިވެއެވެ.
މަސްތުވާތަކެތީގެ މައްސަލަތައް ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. ކޮންމެ ދުވަހަކުވެސް މަސްތުވާތަކެތީގެ މައްސަލަތައް ފުލުހުންނަށް ރިޕޯޓުކުރާކަމަށް މީގެ ކުރިން ފުލުހުން ވަނީ ބުނެފައެވެ. މަސްތުވާތަކެތީގެ މައްސަލަތަކުގައި ގިނައިން ހައްޔަރުކުރަނީ ޒުވާނުންކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް