ދޫކޮށް ދާން ބޭނުންވާ ކުޅުންތެރިއަކު ޕީއެސްޖީ އިން ހިފަހައްޓައިގެން ނުވާނެ: ވެރާޓީ

ޕީއެސްޖީގެ ބްރެޒިލް ތަރި ނޭމާ ބާސެލޯނާއަށް ބަދަލުވާން ބޭނުންވާކަމަށް ދެކެވޭ ވާހަކަތަކާ ގުޅުވައިގެން، ނޭމާ ބާސާއަށް ބަދަލުވާން ބޭނުންވާނަމަ ޕީއެސްޖީ އިން އެކަން ނުހުއްޓުވާނެ ކަމަށާއި، އަދި ޕީއެސްޖީ އިނ...

30 Jul 2019 | 08:31

ޕީއެސްޖީގެ ބްރެޒިލް ތަރި ނޭމާ ބާސެލޯނާއަށް ބަދަލުވާން ބޭނުންވާކަމަށް ދެކެވޭ ވާހަކަތަކާ ގުޅުވައިގެން، ނޭމާ ބާސާއަށް ބަދަލުވާން ބޭނުންވާނަމަ ޕީއެސްޖީ އިން އެކަން ނުހުއްޓުވާނެ ކަމަށާއި، އަދި ޕީއެސްޖީ އިން "ދާން ބޭނުންވާ ކުޅުންތެރިއަކު އެ ޓީމުން ހިފަހައްޓައިގެން ނުވާނެ" ކަމަށް ވެސް ޕީއެސްޖީގެ މެދުތެރެއަށް ކުޅޭ މާކޯ ވެރާޓީ ބުނެފިއެވެ.

ވެރާޓީގެ ވާހަކަތަކާއެކު ނޭމާގެ ޓްރާންސްފާގެ ވާހަކަތަކުގެ އަޑު އަނެއްކާ ވެސް އިތުރަށް ގަދަވެފައިވާއިރު، ދުނިޔޭގެ ރެކޯޑް ޓްރާންސްފާ އަގެއްކަމުގައިވާ 200 މިލިޔަން ޕައުންޑަށް ނޭމާ ބާސާ ދޫކޮށް ޕީއެސްޖީއަށް ބަދަލުވީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އެއީ ބާސެލޯނާ އާއެކު 4 އަހަރު ދުވަސް ހޭދަކުރުމަށްފަހުގައެވެ.

މެސީގެ ހިޔަނިން ސަލާމަތްވެ، އަމިއްލަ ރަސްކަމެއް ކުރުމުގެ ނިޔަތުގައި ޕީއެސްޖީއަށް ބަދަލުވި ނަމަވެސް، ނޭމާއަށް އަނިޔާގެ މައްސަލަތަކާ ހުރެ ޕީއެސްޖީ އާއެކު އެންމެ ރަނގަޅު ކުޅުމެއް ފުރަތަމަ ސީޒަންގައި ނުދެއްކުނެވެ.

އަނެއްކޮޅުން މިދިޔަ ސީޒަންގެ ފަހު ކޮޅުގެ ބޮޑުބައި ވެސް ނޭމާ ނިންމާލަން ޖެހުނީ ކުޅި ބަލަން ހުރެއެވެ. ކުރިން ވެސް ދިމާވި އަނިޔާގެ މައްސަލަތަކާ ހުރެއެވެ. އަނިޔާގެ ސަބަބުން އޭނާއަށް ބްރެޒިލް އެންމެ ފަހުން ކުޅުނު ކޮޕަ އެމެރިކާގައި ވެސް ނުކުޅެވުނެވެ.

މިދިޔަ ސީޒަންގައި އަނިޔާއަށްފަހު ނޭމާ ފްރާންސް ކަޕްގެ ފައިނަލަށް އެނބުރި އައި ނަމަވެސް ޕީއެސްޖީ ފައިނަލުން ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ. އަނެއްކޮޅުން، އެއަށްފަހު ރަނައަޕް މެޑަލްއާ ހަވާލުވާން ދިޔައިރު، ނޭމާ ސަޕޯޓަރެއްގެ ގައިގާ ޖެހުމުން އޭނާއަށް ސަސްޕެންޝަން އެއް ވެސް އައެވެ.

އެންމެ ފަހުން ޗުއްޓީ އަށްފަހު ޕީއެސްޖީގެ ޕްރިސީޒަން ތަމްރީނުތަކަށް ނުކުންނަން ނޭމާއަށް އެންގި ތާރީޚަށް އޭނާ ޓީމާ ނުގުޅުމުން ޕީއެސްޖީން ވަނީ ބަޔާނެއް ވެސް ނެރިފައެވެ. އެހެނަސް، ނޭމާގެ ބައްޕަ ބުނެފައިވަނީ ނޭމާއަށް ތަމްރީނުތަކަށް ތާރީޚަށް ރިޕޯޓް ނުކުރެވުނު ސަބަބު ޕީއެސްޖީއަށް އެނގި ކަމަށެވެ.

މި ހުރިހާ ކަމަކާހުރެ، ނޭމާ އާއި ޕީއެސްޖީގެ ގުޅުން ގޯސްވެފައިވާ މިންވަރު ހާމަވާއިރު، ނޭމާ އެނބުރި ބާސާއަށް ދާން ބޭނުންވާކަމުގެ ވާހަކަތައް ދެކެވޭތާ ދުވަސްތަކެއް ވެއްޖެއެވެ.

އެހެނަސް، ބާސާއިން ގްރީޒްމަންގެ ޓްރާންސްފާގައި ކުރިމަތިލި އުނދަގޫތަކާ ހުރެ، އެ ޓީމަށް ނޭމާ ގެނެވޭފަދަ ފައިނޭންޝިއަލް ގާބިލްކަމެއް ބާސާގެ ކިބައިގައި މި ވަގުތު ނެތްކަމަށް ބެލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް