ވަރަށް އަވަހަށް މެޑްރިޑަށް އެނބުރި ދިއުމަށް އުންމީދު ކުރާކަމަށް ޔުވެންޓަސްގެ ތަރި ކުރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ. ރޮނާލްޑޯ މިހެން ބުނެފައިވަނީ މާސާ ލެޔެންޑާ އެވޯޑާ ހަވާލުވުމަށްފަހުގައެވެ.
ޕޯޗުގީޒުގެ ފޯވާޑް ރޮނާލްޑޯ ރެއާލް މެޑްރިޑް އާއެކު 12 އަހަރު ދުވަސް ހޭދަކުރިއިރު، ރެއާލް މެޑްރިޑްގައި ހުރެ 4 ބެލަންޑިއޯ އެވޯޑް ހޯދިއެވެ. އަދި ޗެމްޕިއަންސް ލީގުގެ 4 ޓްރޮފީ އާއި ލަލީގާގެ ދެ ޓްރޮފީގެ އިތުރުން ސްޕެނިޝް ކަޕް ވެސް ރެއާލްއާއެކު ރޮނާލްޑޯ ވަނީ 2 ފަހަރު ކާމިޔާބު ކޮށްފައެވެ. އޭނާ ވަނީ ރެއާލްއަށް ކުޅެދިން 438 މެޗުން 450 ލަނޑު ޖަހާފައެވެ.
އާ ޗެލެންޖަކާ ކުރިމަތިލުމަށްކަމަށް ބުނެ ރޮނާލްޑޯ ޔުވެންޓަސްއަށް ބަދަލުވީ މިދިޔަ ސީޒަންގައެވެ. އެހެނަސް، މާސާ ލެޔެންޑާ އެވޯޑް ލިބުމާއެކު އެ އެވޯޑާ ހަވާލުވުމުގެ ރަސްމިއްޔާތުގައި ރޮނާލްޑޯ ވަނީ މެޑްރިޑް މަތިން ވަރަށް ހަނދާންވާކަމަށް އެއްބަސްވެފައެވެ. އަދި ރެއާލް ދޫކޮށްލީ ހިތާމަކުރާ ހާލުގައި ކަމަށް ވެސް ވަނީ ބުނެފައެވެ.
" އަހަރެން މެންޗެސްޓާ އަދި މެޑްރިޑް މަތިން ވަރަށް ހަނދާންވޭ. އެހެނަސް ދިރިއުޅުމާ ގުޅުންހުރި ގިނަ ކަންތައްތަކާއެކު، މެޑްރިޑްގައި ގިނަ ދުވަހު ދިރިއުޅުމާއި، އަހަރެންގެ ދަރިންނާއި، އަހަރެންގެ ބައިވެރިޔާ އަކީ މެޑްރިޑަށް އުފަން ބަޔަކަށް ވެފައި، ބޮޑަށް ހަނދާންވަނީ މެޑްރިޑް މަތިން". ރޮނާލްޑޯ ބުނެފައިވެއެވެ.
މާސާ އިން ދިން އެވޯޑާ ހަވާލުވުމާއެކު ރޮނާލްޑޯ ވަނީ އެ ޓްރޮފީއަށް އޭނާގެ މިއުޒިއަމްގެ ވަރަށް ހާއްސަ މަގާމެއް ލިބޭނެ ކަމަށް ބުނެފައެވެ. އަދި މެޑްރިޑް ހާއްސަ ކަމަށާއި، ވަރަށް ގިނައިން ދަތުރު ކުރާއިރު ވެސް މެޑްރިޑްފަދަ ސިޓީއެއް މަދުން ނޫނީ ނުދެކޭކަމަށް ވެސް ރޮނާލްޑޮ ބުނެފައިވެއެވެ.
ވަރަށް އަވަހަށް މެޑްރިޑަށް އެނބުރި ދާން ބޭނުންވާ ކަމަށް ރޮނާލްޑޯ ބުނެފައިވި ނަމަވެސް، އޭނާ ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު ބޮޑަށް ބެލެވެނީ އެއީ ރެއާލް އަށް ބަދަލުވުމުގެ އިޝާރާތެއް ނޫން ކަމަށެވެ. ސްޕެއިންގެ މެޑްރިޑް ސިޓީއަށް އޮތް ލޯބި ހާމަކުރުމެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް