ހިންދީ ފިލްމު " ބާރަތު " ގެ ޝޫޓިން ސަލްމާން ޚާން އާއެކު ޕްރިޔަންކާ ޗޮޕްރާ ފެށުމަށްފަހު ކުއްލި ގޮތަކަށް ޕްރިޔަންކާ ވަނީ އެފިލްމުން ވަކިވެފައެވެ. ޕްރިޔަންކާ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅޭ ނިކް ޖޯނަސް އާއި ވަރަށް އަވަހަށް ކައިވެނި ކުރަން ނިންމާފައިވާތީ އެކަމަށް ވަގުތު ދިނުމުގެ ގޮތުން ޕްރިޔަންކާ މިފިލްމުން ވަކިވެފައިވާއިރު މިހާރު ބެލުންތެރިން އުފައްދާ ސުވާލަކީ މިފިލްމުން ދެން ޕްރިޔަންކާގެ ބަދަލުގައި ފެންނާނީ ކޮން ތަރިއެއްތޯ؟
އެތަރިއަކީ ކޮބައިކަމެއް އަދި ފިލްމުގެ ޑައިރެކްޓަރ އަލީ އައްބާސް ޒަފަރު ހާމަކޮށްފައެއް ނުވެއެވެ. އަލީ އައްބާސް ޒަފަރު ކުރި ޓްވީޓެއްގައި ބުނެފައިވަނީ މިފިލްމުގެ ލީޑިންގ އެކްޓްރެސް ވަރަށް އަވަހަށް އިއުލާންކުރާނެކަމަށެވެ. މިފިލްމުގެ ޝޫޓިން މިހާރުވެސް ކުރިޔަށްދާކަމަށާއި އިންޑިޔާއިން ބޭރުގައި ޝޫޓްކުރުމަށް ހަމަޖެހިފައިވާ ސީންތައް ޝޫޓްކުރުމުގެ ތައްޔާރީތައްވެސް ވަމުން ގެންދާކަމަށް އަލީގެ ޓްވީޓްގައި ބުނެފައިވެއެވެ.
މި ފިލްމުގެ ލީޑިން އެކްޓްރެސް އިން ފެނިގެންދާނެ ތަރިއަކާމެދު މީޑިޔާ ރިޕޯޓްތައް އެކިގޮތްގޮތައް ވަނީ ވާހަކަދައްކާފައެވެ. އެގޮތުން ސަލްމާން އާއެކު މިފިލްމުން ދެން ފެނިގެންދާނީ ކެޓްރީނާ ކައިފްކަމަށް ބައެއް މީޑިޔާ ރިޕޯޓްތައް ބުނާއިރު އަނެއްބައި ރިޕޯޓްތައް ބުނަނީ ސަލްމާން އާއެކު ފެނިގެންދާނީ ކަރީނާ ކަޕޫރުކަމަށެވެ. ކޮންމެއަކަސް މި ފިލްމުގެ ލީޑް އެކްޓްރެސް އަކީ އަދި ކޮން ތަރި އެއްކަމެއް ޔަޤީން ކަމާއެކު ބުނަން ނޭންގުނަސް ޑައިރެކްޓަރ ބުނެފައިވާ ގޮތަށް ވަރަށް އަވަހަށް އެތަރިއަކީ ކޮބައިކަން އިނގިގެންދާނެއެވެ.
ކޮރެއަން ހަނގުރާމައިގައި މީހަކު އޭނާގެ އާއިލާއާ ވަކިވެގެންދިޔުމުން އާއިލާ އާ އަލުން ބައްދަލުވުމަށް އޭނާ ކުރާ ކަންކަން ހާމަކޮށްދީފައިވާ ކޮރެއާ ފިލްމެއްގެ މައްޗަށް އުފައްދާ ބާރަތް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފިތުރު ޢީދުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް