މިއަދު ބައިނަލްއަޤްވާމީ މީޑިއާގެ ސަމާލުކަން އެންމެ ބޮޑަށް އައިސްފައިވަނީ ޕާކިސްތާނުގެ އާންމު އިންތިޚާބަށެވެ. މިމަހުގެ 29 ވަނަ ދުވަހު ސީއެންއެންގައި ލިޔެފައި އިތް ޚަބަރެއްގެ ސުރުހީގައި އޮތީ މިހެންނެވެ. "އިމްރާން ޚާން: ޕާކިސްތާނުގެ ޓްރަމްޕް". މިއީ ގިނަ ބަޔަކަށް ޝައުޤުވެރިކަން ގެނައި ސުރުހީ އެކެވެ. ޚުދު އަޅުގަނޑުވެސް އިމްރާން ޚާނާއި ބެހޭ ގޮތުން އިތުރަށް ހޯދާ ބަލަން އިންތިޚާއަށް ބޭނުންވި އެވެ. އިމްރާން ޚާނަކީ މިވަގުތު ޕާކިސްތާނުގެ އެންމެ މަގުބޫލު ސިޔާސީ ލީޑަރެވެ. އަދި ޕާކިސްތާނުގެ ބޮޑު ވަޒީރުކަމަށް ވަޑައިގަތުމުގެ ފުރުސަތު އެންމެ ބޮޑު ލީޑަރެވެ. އިމްރާން ޚާން އަކީ ކާކުބާ؟
އިމްރާން ޚާން ނުވަތަ އިމްރާން އަހުމަދު ޚާން ނިއާޒީ އުފަންވެވަޑައިގަތީ 1952 އޮކްޓޯބަރު މަހުގެ ފަސް ވަނަ ދުވަހު ޕާކިސްތާނުގެ ލާހޯރަށެވެ. އެމަނިކުފާނަކީ، ބައްޕާފުޅު އިކްރާމުއްﷲ ޚާން ނިއާޒީ އާއި މަންމާފުޅު ޝައުކަތް ޚާނުމްއަށް ލިބިވަޑައިގެންނެވި ހަމައެކަނި ފިރިހެން ބޭފުޅާއެވެ. އެއްބަނޑު އެއްބަފާ ތިއްބަވަނީ ހަތަރު އަންހެން ބޭކަބަލުންނެވެ. އެމަނިކުފާނު ނިސްބަތްވަނީ ޕަންޖާބުގެ ޕަޝްތުން ދަރިކޮޅުގެ ނިއާޒީ ގަބީލާއަށެވެ. އެމަނިކުފާނު ތައުލީމު ހާސިލްކުރެއްވީ ޕާކިސްތާނުގެ ލާހޯރުންނާއި އިނގިރޭސި ވިލާތުންނެވެ. ކްރިކެޓް ކުޅުއްވުމަށް ޝައުގުވެރިކަން އުފެދުނީވެސް އިނގިރޭސި ވިލާތުގެ ރޯޔަލް ގްރެމަރ ސްކޫލް ވޯސެސްޓަރ ގައި ތައުލީމް ހާސިލް ކުރައްވަނިކޮށެވެ. އޭގެ ފަހުން އެމަނިކުފާނު ތައުލީމު ހާސިލް ކުރައްވަން ފެއްޓެވީ މަޝްހޫރު އޮކްސްފޯޑްގެ ކެބްލް ކޮލެޖުންނެވެ. އެކޮލެޖުން އެމަނިކުފާނުވަނީ ފިލޯސަފީ، ޕޮލިޓިކްސް އަދި އިކޮނޯމިކްސް އިން ފުރަތަމަ ޑީގްރީއެއް ހާސިލްކުރައްވާފައެވެ.
އުމުރުން އެންމެ 13 އަހަރުގައި ކްރިކެޓް ކުޅުއްވަން ފެއްޓެވި އިމްރާން ޚާން ވަނީ 1982 ވަނަ އަހަރު ޕާކިސްތާނުގެ ޤައުމީ ޓީމުގެ ކެޕްޓަންކަން ވެސް ކޮށްފައެވެ. އެމަނިކުފާނުގެ ކެޕްޓަންކަމުގައި ކުޅުނު 48 ޓެސްޓް މެޗްތަކުގެ ތެރެއިން 14 މެޗުން ވަނީ ޕާކިސްތާން މޮޅުވެފައެވެ. އަދި 1992 ވަނަ އަހަރު ކުޅުނު ކްރިކެޓް ވޯލްޑްކަޕް ޕާކިސްތާނުން ކާމިޔާބުކުރީވެސް އިމްރާން ޚާންގެ ކެޕްޓަންކަމުގައެވެ.
އިމްރާން ޚާނަކީ ކުޅިވަރުގެ ޝަހުސިއްޔަތެއްގެ އިތުރުން އެކި ދާއިރާތަކުން އެހީތެރިވާ މަދަދުގާރެއްވެސް މެއެވެ. އެގޮތުން 1990 ގެ ދުވަސްވަރު ޔުނިސެފްގެ ކުޅިވަރާއި ބެހޭ ޚާއްސަ ރެޕްރެޒެންޓޭޓިވްގެ ރޯލް އިމްރާން ޚާންވަނީ އަދާކުރައްވާފައެވެ. އޭގެ އިތުރުން އެމަނިކުފާނުގެ މަންމާފުޅުގެ ހަނދާނުގައި "ޝައުކަތު ޚާނުމް މެމޯރިއަލް ޓްރަސްޓް" ގެ ނަމުގައި ހިލޭ އެހިދޭ ޖަމިއްޔާއެއް އުފައްދަވައި ޕާކިސްތާނުގެ ފުރަތަމަ ކެންސަރު ހޮސްޕިޓަލު ބިނާކުރެއްވިއެވެ. އޭގެ އިތުރުން، އިނގިރޭސި ވިލާތުގެ މަޝްހޫރު ޔުނިވާސިޓީ އޮފް ބްރެޑްފޯޑް އާއި ގުޅިގެން ނަމަލް ކޮލެޖްގެ ނަމުގައި ޓެކްނިކަލް ކޮލެޖެއް އުފެއްދެވިއެވެ. އިމްރާން ހާންގެ ފައުންޑޭޝަނަކީ ޕާކިސްތާނުގެ ހާލުގައި ޖެހިފައިވާ މީހުންނަށް ގިނަގުނަ އެހީތެރެކަމެއް ފޯރުކޮށްދޭ ފައުންޑޭޝަނެކެވެ.
އިމްރާން ޚާންގެ ޒާތީ ދިރިއުޅުމަށް ބަލާއިރު އެމަނިކުފާނު މަޝްހޫރުވެފައިވަނީ އަންހުންނާއި ގައިގޯޅިކަން ބާއްވާ "ޕްލޭބޯއި" ގެ ގޮތުގައިއެވެ. 1995 ވަނަ އަހަރު އުމުރުފުޅުން 43 އަހަރުގައި އިމްރާން ޚާން ކައިވެނި ބައްލަވައިގަތީ އިނގިރޭސި ރައްޔިތެއް އަދި މަޝްހޫރު ގޯލްޑްސްމިތް އާއިލާއަށް ނިސްބަތްވާ ޖެމީމާ ގޯލްޑްސްމިތްއާއެވެ. މިކައިވެންޏަށް ދެ ބޭފުޅަކު ލިބިވަޑައިގެންނެވިއެވެ. އެއީ ސުލައިމާން އިސާއާއި ކާސިމެވެ. ނަމަވެސް މި ކައިވެނި ދެމިއޮތީ 2004 ވަނަ އަހާރާއި ހަމައަށެވެ. 2014 ވަނަ އަހަރު އިނގިރޭސި ވިލާތައް އުފަން ޕާކިސްތާން ނޫސްވެރިއާ ރެހަމް ނައްޔަރް ޚާންއާއި އިމްރާން ޚާން ވަނީ ދެވަނަ ކައިވެނި ކޮށްފައެވެ. މި ކައިވެނި ވަނީ 2015 ވަނަ އަހަރުތެރޭ ރޫޅާލާފައިއެވެ. އަދި ތިން ވަނަ ކައިވެނި 2018 ވަނަ އަހަރުގެ ފެބްރުއަރީގައި ކޮށްފައިވަނީ އެމަނިކުފާނުގެ ރޫހާނީ އެޑްވައިސަރު ބުޝްރާ މަނިކާއާއިއެވެ.
އެމަނިކުފާނުގެ ސިޔާސީ ހަޔާތްޕުޅުގެ ވާހަކަތަކަކީ ޝައުގުވެރި އަދި އިބްރަތުން ފުރިގެންވާ ވާހަކަތަކެކެވެ. ކްރިކެޓް ކުޅުއްވުމުން މަޝްހޫރުކަން ހޯއްދެވި އިމްރާން ޚާން ސިޔާސީ ދާއިރާއަށް ވަދެވަޑައިގެންނެވީ 1996 ވަނަ އަހަރު އަމިއްލަ ޕާޓީއެއް އުފައްދަވައިގެންނެވެ. މި ޕާޓީއަށް ދެވުނު ނަމަކީ "ޕާކިސްތާން ތަހްރީކްއޭ އިންސާފް" އެވެ. ޕާޓީގެ ފަރާތުން ބައިވެރި 1997 ވަނަ އަހަރުގެ އާންމު އިންތިޚާބުގައި އިމްރާން ޚާނާއި އެމަނިކުފާނުގެ ޕާޓީއަށް ކުރިމަތިލައްވަން ޖެހިވަޑައިގަތީ ނާކާމިޔާބީއާއެވެ. އޭގެ ފަހުން 1999 ވަނަ އަހަރު ޕާކިސްތާނުގެ އަސްކަރިއްޔާގެ ޖެނެރަލް ޕަރްވޭޒް މުޝައްރަފް އިސްކޮށް ހުންނަވައި ގެންނެވި ބަޢާވާތައް އިމްރާން ޚާންވަނީ ތާއިދުކުރައްވާފައެވެ. ޕާކިސްތާނުން ކޮރަޕްޝަން ނައްތާލައްވާނެ ކަމުގެ އުއްމީދާއެއްކޮށް މުޝައްރަފަށް ތާއީދުކުރި އިމްރާން ޚާން ފަހުން ވަނީ އެ ތާއީދު އަނބުރާ ގެންނަވާ މުޝައްރަފާ ދެކޮޅަށް މަސައްކަތް ކުރައްވަން ނިކުންނަވާފައެވެ. އެގޮތުން 2007 ވަނަ އަހަރުގެ އޮކްޓޯބަރު ދެ ވަނަ ދުވަހު މުޝައްރަފުގެ ސަރުކާރާއި އިދިކޮޅަށް އުފެއްދެވި "އޯލް ޕާޓީޒް ޑިމޮކްރަޓީކް މޫވްމެންޓް" އާއި ސަރުކާރާއި އިދިކޮޅު 85 ޖެނެރަލް އެސެމްބެލީގެ މެމްބަރުންނާއި ގުޅިވަޑައިގެން މުޝައްރަފްގެ ސަރުކާރާއި ދެކޮޅަށް މުޒާހަރާތައް ފެއްޓެވިއެވެ. މި މުޒާހަރާތައް ވަރުގަދަވެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް 2007 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހު އިމްރާން ޚާން ގޭގައި ބަންދުކުރެވުނެވެ. ގޭބަންދުގައި ހުންނަވަނިކޮށް އިމްރާން ޚާންވަނީ ފިއްލަވައިފައެވެ. އަދި އޭގެ ފަހުން 2007، ނޮވެމަބަރު 14 ވަނަދުވަހު ޕަންޖާބު ޔުނިވާސިޓީގެ ދަރިވަރުންތަކެއް ކުރި މުޒާހަރާއެއްގައި ބައިވެރިވެވަޑައިގަތެވެ. މި މުޒާހަރާ އާއި ގުޅިގެން ޕަންޖާބުގައި ހުންނަ ޑޭރާ ޣާޒީ ޚާން ޖަލުގައި ކުޑަ ދުވަސްކޮޅެއް އިމްރާން ޚާން ހޭދަކުރެއްވިއެވެ.
2013 ގައި ބޭއްވުނު ޕާކިސްތާންގެ އާންމު އިންތިޚާބުގައި ސާފް އަޤްލަބިއްޔަތެއް ހޯއްދެވީ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފްގެ ޕާޓީ ޕާކިސްތާން މުސްލިމް ލީގުންނެވެ. ނަމަވެސް ނާވާޒް ޝަރީފަށް ސަރުކާރެއް އެކުލަވައި ލެއްވުމަށް ހުރަސް އެޅުއްވުމުގެ ގޮތުން 2013 އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު ޕާކިސްތާން ޕީޕަލްސް ޕާޓީގެ (ޕީޕީޕީ) ރައީސް ވަނީ ކޯލިޝަން ސަރުކާރެއް އުފައްދަވާ އިމްރާން ޚާނަށް ޕާކިސްތާނުގެ ބޮޑު ވަޒީރުކަމަށް ވަޑައިގަތުމުގެ ދައުވަތު ދެއްވާފައެވެ. ނަމަވެސް މި ހުށަހެޅުން އިމްރާން ޚާން ވަނީ ދޫކޮށްލައްވާފައިއެވެ. 2013 ގެ އިންތިޚާބަށް ފަހު އިމްރާން ޚާން ވެވަޑައިގަތީ އިދިކޮޅު އެންމެ ބޮޑު ލީޑަރަށެވެ. 2013 ގެ އިންތިޚާބަށް ފަހު އިމްރާން ޚާން އަށް ކުރިމަތި ވެވަޑައިގެންނެވީ ފަސޭހަފުޅު ކަންތައްތަކެއް ނޫނެވެ. ފުރާނަޔަށް ނުރައްކާވާފަދަ ކިތަންމެ ކަމަކާއި ކުރިމަތި ލައްވަން ޖެހިވަޑައިގެން ސެކިއުރިޓީ ވަރުގަދަ ކުރެއްވިއެވެ.
2018 ވަނަ އަހަރުގެ އިންތިޚާބް
1996 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހާރާއި ހަމައަށް ސިޔާސީ މައިދާނުގައި ހޭދަކުރެއްވި 22 އަހަރުގެ ތެރޭގައި އިމްރާން ޚާނަށް ލިބިވަޑައިގެންނެވި އެންމެ ބޮޑު ކާމިޔާބަކީ މިއަހަރު ބޭއްވި އާންމު އިންތިޚާބުގައި އެމަނިކުފާނުގެ ޕާޓީން ހޯއްދެވި ކާމިޔާބެވެ. ޕާކިސްތާނުގެ ނެޝަނަލް އެސްމްބްލީގެ 270 ގޮނޑީގެ ތެރެއިން 116 ގޮނޑި އިމްރާން ޚާންގެ ޕީޓީއައި އިން ވަނީ ކާމިޔާބުކޮށް އެސްމްބްލީގެ ސާފު އަޤްލަބިއްޔަތު ހޯއްދަވާފައެވެ. މި ކާމިޔާބާއެކު އިމްރާން ޚާން ވެގެންދިޔައީ ޕާކިސްތާނުގެ ސިޔާސީ ހަޔާތުގައި ވާދަކުރެއްވި ހުރިހާ ދާއިރާއެއް ކާމިޔާބު ކުރެއްވި ހަމަ އެކަނި ސިޔާސީ ލީޑަރުގެ ގޮތުގައެވެ. މިއީ ޝައުގުވެރި ކާމިޔާބީއެކެވެ. ނަމަވެސް އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ބުނެ އިމްރާން ޚާނާއި ވާދަވެރި ޕާޓީތަކުން ވަނީ ނަތީޖާ ބާތިލްކޮށް އަލުން ވޯޓްލުމަށް އެދިފައެވެ. ކަންމިހެން އޮތްކަމުގައި ވިޔަސް ޕާކިސްތާނުގެ އަސްކަރިއްޔާގެ ތާއީދު އިމްރާން ޚާން އަށް އޮތުމަކީ އިންތިޚާބު ބާތިލްކޮށް އަލުން ވޯޓްލުމަށް އެޅިގެންދާނެ ހުރަހެއް ކަމަށް ބެލެވެއެވެ.
ކޮންމެއަކަސް އިމްރާން ޚާނަކީ މިވަގުތު ޕާކިސްތާނުގެ އެންމެ މަޝްހޫރު ސިޔާސީ ލީޑަރެވެ. އަދި އާ ބޮޑު ވަޒީރުކަމުގެ ހުވާކުރައްވާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ބޭފުޅާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް