ގަރަމް މަސާލާ އަކީ އިންޑިއާގައި ވަރަށް މަޝްހޫރު އަދި މަގްބޫލު ހަވާދެކެވެ. ރާއްޖޭގައިވެސް އެކި އެކި ނާސްތާތައް ތައްޔާރު ކުރުމުގައި ގަރަމް މަސާލާ ބޭނުން ކުރެވޭއިރު މިއީ ގާތްގަނޑަކަށް ހަތަރު މީހަކަށް ހެޔޮވަރަށް އެއްފަހަރު ބޭނުންކޮށްލުމަށް ގަރަމް މަސާލާ ތައްޔާރު ކުރާނެ ގޮތެވެ.
ބޭނުންވާނެ ތަކެތި
މޭޒުމަތީ އެއް ސަމުސާ ފެހި ކާފޫރުތޮޅި
މޭޒުމަތީ އެއް ސަމުސާ ކަޅު ކާފޫރުތޮޅި
މޭޒުމަތީ ދެ ސަމުސާ ކޮތަންބިރި
މޭޒުމަތީ އެއް ސަމުސާ ދަވިއްގަނދު
މޭޒުމަތީ އެއް ސަމުސާ ދިރި
މޭޒުމަތީ އެއް ސަމުސާ އަސޭ މިރުސް
ސައި އެއް ސަމުސާ ރެވި އޮށް
ސައި ބައި ސަމުސާ ކަރަންފޫ
ދެ ހިކި މިރުސް
ގާތްގަނޑަކަށް ދެ އިންޗި ހުންނަ ވަރުގެ ފޮނިތޮށި ކޮޅެއް
ތައްޔާރު ކުރާނެ ގޮތް
ގަރަމް މަސާލާ ތައްޔާރުކުރަން ބޭނުންވާ ތަކެތި ތަވައެއްގައި ގާތްގަނޑަކަށް ތިން މިނެޓު ނުވަތަ ހަތަރު މިނެޓު ހޫނު ކޮށްލުން، އަދި އެއަށްފަހު މިނެޓެއް ވަންދެން ހިހޫކޮށްލުމަށްފަހު ހުރިހާ އެއްޗެއް އެކުގައި މުގުރާލުން.
ގަރަމް މަސާލާގެ އެންމެ މީރު ރަހަ ލިބޭނީ މަދު މިންވަރަކަށް ތައްޔާރު ކުރުމުން ކަމަށް ވެ އެވެ.
ގަރަމް މަސާލާއިން ލިބިދޭ ސިއްހީ ފައިދާ
ގަރަމް މަސާލާ އަކީ އޭގައި ފައިޓޯނިއުޓްރިއެންޓްސް އާއި އެންޓި އޮކްސިޑެންޓްސް ހިމެނޭ ހަވާދެކެވެ. ގަރަމް މަސާލާއިން ގޭސްޓްރިކް މައްސަލަތަކަށް ހައްލު ގެނުވައިދީ ދިފާއީ ނިޒާމް ވަރުގަދަކޮށްދެ އެވެ. ގަރަމް މަސާލާގައި ކާފުރު ތޮޅި އަދި ކަރަންފޫ އެކުލެވޭ ކަމުން އަނގައިން ނުބައި ވަސް ދުވުމުން ދުރުކޮށްދެ އެވެ. އަދި ހަމުގެ ބަލިތަކާއި މެއިން ދިލަނެގުމުންވެސް ދުރުކޮށްދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް