19 ދިވެހީން ޝަހީދުކޮށްލި ނޮވެމްބަރު ތިނެއްގެ ޢުދުވާން ރޭވި މޭސްތިރިޔާ، ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ، ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ވަޑައިގެން "ސަރެންޑަރ" ކުރެއްވީ އެ ގައުމުގައި ބޮން ގޮއްވުމުގެ އެއް ދުވަސް ކުރިން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަބްދުﷲ ލުތުފީ އަމިއްލަފުޅަށް ވަޑައިގެން ސަރަންޑާ ކުރެއްވީ ދިވެހިރާއްޖޭގެ ހައި ކޮމިޝަނަށް. އެއީ ކޮންމެ ދިވެއްސަކަށް ވެސް ކުރެވޭނެ ކަމެއް. އޭގެ އަނެއް ދުވަހު ސިލޯނުގައި ނުވަ ތަނުގައި ބޮން ގޮއްވީ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު ފުލުހުން ހާމަކުރި މައުލޫމާތުގައި ބުނެފައިވާގޮތުގައި ލުތުފީ އެމްބަސީ އާއި ހަވާލުވީ މެއި މަހުގެ އެއްވަނަ ދުވަހުގައެވެ.
ރައީސް ނަޝީދު މިއަދު ވިދާޅުވީ ސަރުކާރުން ލަންކާގެ ސަރުކާރާ ވާހަކަ ދައްކައިގެން، އަދި އދ އާއިވެސް ވާހަކަ ދައްކައިގެން، ވީހާވެސް އަވަހަށް އަބްދުﷲ ލުތުފީ މާލެ ގެނެވޭނެ ކަމަށާއި މިކަމަކީ ރައްޔިތުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.
"އަބްދުﷲ ލުތުފީ ގުޅިފައިހުރީ ދިވެހިންގެ ހިތްތަކުގައި ވަރަސް، ވަރަށް، ވަރަށް ހިތާމަވެރި އެތައް ހާދިސާއެއް ހިނގައިދިޔަ ކަންކަމަށް. ކިތަންމެ ބައެއްގެ މަރާއި އެތައް ބައެއްގެ ދައްޗާއި ކިތަންމެ ބައެއްގެ ބިރުވެރިކަމާއި އެތައް ތަކުލީފަކާ" ރައީސް ނަޝީދު ވިދާޅުވިއެވެ.
ބޭސްފަރުވާއަށް އިންޑިއާއަށް ފޮނުވުމުން ފިލައިގެން ލަންކާއަށް ގޮސް ލުތުފީ ލަންކާގައި އުޅެމުން އަންނަތާ ނުވަ އަހަރު ވަނީ ވެފައެވެ. 1988 ގެ އެ އުދުވާނީ ހަމަލާއާއި ގުޅިގެން ލުތުފީ މަރަން ހުކުމް ކުރި ނަމަވެސް އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން އަބްދުލްގައްޔޫމް ވަނީ އެ ހުކުމް އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުކޮށްފައެވެ.
އެ ޖަލުހުކުމް 2014 އަށް ހަމަވާނެއެވެ. އެހެން ނަމަވެސް ލުތުފީ 2010 ގައި ފިލީ އެވެ. ލުތުފީއާއެކު މި ހަމަލާގައި ބައިވެރިވި އަނެއް ބާޢީ، ނާސިރު މިހާރު ވަނީ މިނިވަން ވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް