ހާޖަރާގޭ ބާގީ އަބްދުﷲ ލުތުފީ ފިލައިގެން އުޅުނު ތަންތަނާއި ބެހޭ މައުލޫމާތު 2012 އާއި 2016 ވަނަ އަހަރާއި ދެމެދު، ތަފާތު އެކި ފަހަރު މަތިން ޔަގީނާއި ގާތަށް އެ މައުލޫމާތު ލިބުނު ނަމަވެސް އޭނާ ގެނައުމަށް އަޅަންޖެހޭ ފިޔަވަޅުތައް އޭރު ނާޅާ އޮތް ސަބަބު ބަލައި ތަހުގީގު ކުރުމުގެ މަސައްކަތް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން ތަހްގީގު ކުރަން ފަށައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ ފުލުހުން ދެންމެ ނެރުނު ނޫސްބަޔާނެއްގައެވެ.
"އަބްދުﷲ ލުތުފީ ފިލައިގެން އުޅެން ފެށިފަހުން، 2012 އާއި 2016 ވަނަ އަހަރާއި ދެމެދު، ތަފާތު އެކި ފަހަރުމަތިން މޯލްޑިވްސް ޕޮލިސް ސާވިސްގެ ރަސްމީ މަސައްކަތުގެ ތެރެއިން އޭނާ ފިލައިގެން އުޅުނު ތަންތަނާއި ބެހޭ މައުލޫމާތު ޔަގީނާއި ގާތަށް ލިބި، އެ މައުލޫމާތު ފުލުހުންގެ ކަމާއި ގުޅުންހުރި އިސްވެރިންނާއި ހިއްސާކުރެވިފައިވީނަމަވެސް އަބްދުﷲ ލުތުފީ ރއްޖެ ގެނައުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެއިރު ނާޅާ އޮތް ސަބަބު ބަލައި ތަހްގީގު ކޮށްދިނުމަށް އެދި 2019 ޖޫން 27 ވަނަ ދުވަހު ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑަށް ރަސްމީކޮށް ލިޔުމުން އަންގަވާފައެވެ. ވީމާ މި މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން ތަހްގީގު ކުރަމުންދާ ކަމުގައި ދަންނަވަމެވެ." ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.
އެ ނޫސްބަޔާނުގައި ލުތުފީ ވަނީ ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް އަމިއްލައަށް ހާޒިރުވެ، އޭނާ ރާއްޖެ އައިސް ހުކުމުގެ ބާކީ ތަންފީޒު ކުރަން ބޭނުންވާކަމަށް ބުނެފައި ކަމަށެވެ.
"އެދުވަހުން ފެށިގެން މިނިސްޓްރީ އޮފް ޙިމް އެފެއާޒާއި މޯލްޑިވްސް ސާވިސް އިން ދަނީ ގުޅިގެން މަސައްކަތް ކުރަމުން، އެގޮތުން ލަންކާގެ އެއްވެސް އިދާރާއަކުން ލުތުފީގެ މައްސަލައެއް ބަލަމުން ދޭތޯ އާއި ލަންކާގައި އެއްވެސް މައްސަލައެއްގައި ހޯދާ މީހެއްތޯ ބަލައި، އެއްވެސް ތަހުގީގެއް ހިނގަމުންދޭތޯ ބަލައި، އަދި ލުތުފީއަކީ ރާއްޖެއިން ހޯދާ މީހަކަށް ވާތީ ލަންކާގެ އިދާރާތަކުން ހޯދަންޖެހޭ ކްލިއަރެންސް ހޯދުމުގެ މަސައްކަތް ކުރެވެމުން ދެއެވެ" ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.
އަބްދުﷲ ލުތުފީ އަނބުރާ ރާއްޖެ ގެނައުމަށްޓަކައި ލަންކާގެ ކަމާއިބެހޭ ފަރާތްތަކުގައި ދަންނަވާފައިވާ ކަންކަމަށް އަވަސް ފިޔަވަޅެއް އަޅުއްވައިދެއްވުމަށް، ފުލުހުންނާއި ފުލުހުން ގުޅުން އޮންނަ ގުޅުމުގެ ތެރެއިން، ސްރީ ލަންކާ ޕޮލިސް ފޯސްގެ އެކްޓިންގ އިންސްޕެކްޓަރ ޖެނެރަލް އޮފް ޕޮލިސް ސީ.ޑީ. ވިކްރަމަރަތުނަ އާއި ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ޑެޕިއުޓީ އިންސްޕެކްޓަރ ޖެނެރަލް ރަވީ ސެނަވިރަތުނައަށް ފޯނު އަދި ސިޓީއިން އެކި ފަހަރުމަތިން މުއާމަލާތް ކުރެވިފައިވާކަމަށްވެސް ފުލުހުންގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް