އެޓަރނީ ޖެނަރަލްގެ އޮފީހުގެ މުވައްޒަފުންނަށް މަސައްކަތް ހަވާލުކުރުމަށް، ޓާސްކް މެނޭޖަރ ސިސްޓަމެއް ހަދައި، ބޭނުން ކުރަން ފަށައިފިއެވެ.
އަށްޑިހަނުވަ މުވައްޒަފުން މަސައްކަތް ކުރާ އެޓަރނީ ޖެނަރަލްގެ އޮފީހުގައި މިއަދު ބޭނުންކުރަން ފެށި ޓާސްކް މެނޭޖަރއަކީ މުވައްޒަފުންނަށް މަސައްކަތް ހަވާލުކުރާ ހިސާބުން ފެށިގެން، ނިމުމާ ހަމައަށް އެ މަސައްކަތް ކުރިއަށް ގެންދިޔަ ގޮތް ފެންނާނެ ގޮތަށް ތައްޔާރު ކުރެވިފައިވާ ވިއުގައެކެވެ. މި ވިއުގައަކީ މެސެޖިން އެޕް، “ޓެލެގްރާމް”އާ އިންޓަގްރޭޓްކޮށްފައިވާ ސިސްޓަމެކެވެ.
އެގޮތުން ކޮންމެ މުވައްޒަފަކަށް ޚާއްޞަ ކުރާ ލޮގިންއަކުން ވަދެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ޓާސްކް މެނޭޖަރ މެދުވެރިކޮށް، މުވައްޒަފަކަށް މަސައްކަތް ހަވާލު ކުރުމުން، ޓެލެގްރާމުން މެސެޖު ލިބޭނެއެވެ. އަދި ހަވާލު ކުރި މަސައްކަތާ ގުޅޭ ގޮތުން ޖަވާބުދާރީ ވެސް ވެވޭނެއެވެ.
އެޓަރނީ ޖެނަރަލް އަލްއުސްތާޛު އިބްރާހީމް ރިފްޢަތު ވިދާޅުވީ ޓާސްކް މެނޭޖަރ ނިޒާމުން ހާސިލު ކުރަން ބޭނުންވަނީ ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކާ ގުޅޭ ގޮތުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ލަފާދިނުން އަވަސްކޮށް، މުވައްޒަފުންގެ މަސައްކަތް ހަލުވިކޮށް، ޖަވާބުދާރީވުން ހަރަދުނާ ކުރުން ކަމަށެވެ.
އޭގެ އިތުރުން ޓެކްނޮލޮޖީގެ ފަސޭހަކަން މަސައްކަތުގެ މާހައުލަށް ތައާރަފްކޮށް، މުވައްޒަފުން އެކަމަށް އަހުލުވެރިކޮށް، އިދާރީ ބޭނުމަށް ކަރުދާސް ބޭނުންކުރާ މިންވަރު މަދުކުރުމާއިއެކު، އޮފީހުގެ ޚަރަދު ކުޑަ ކުރުމަކީ ޓާސްކް މެނޭޖަރ އިން ހާސިލު ކުރަން ބޭނުންވާ ލަނޑުދަނޑި ކަމަށް އެޓަރނީ ޖެނަރަލް ވިދާޅުވިއެވެ.
އެޓަރނީ ޖެނަރަލްގެ އޮފީހުގެ އައިޓީ ކޮންސަލްޓަންޓް “ނުވިލު”އިން ބުނީ ޓާސްކް މެނޭޖަރގެ ސަބަބުން މުވައްޒަފުންގެ މަސައްކަތް ހަލުވިވެ، ފަރުވާތެރިކަމާ އެކު މަސައްކަތް ނިންމުމަށް މުވައްޒަފުން ސަމާލުކަންދޭނެ ކަމަށެވެ.
ޓާސްކް މެނޭޖަރ ސިސްޓަމަކީ އެޓަރނީ ޖެނަރަލްގެ އޮފީހުގެ މަސައްކަތް ޒަމާނީ ޓެކްނޮލޮޖީއާ ގުޅޭ ގޮތަށް ބަދަލުކޮށް، ކަރުދާސް ބޭނުން ކުރާ މިންވަރު މަދުކޮށް، އޮފީހުގެ އިދާރީ މަސައްކަތްތައް، މުވައްޒަފުންނަށް އެއް ޕްލެޓްފޯމަކުން ފެންނާނެ ގޮތް ހެދުމަށް ތައްޔާރު ކުރަމުންދާ “ސްޓާފް އިންޓްރާނެޓް”ގެ ދަށުން އުފެއްދި ވިއުގައެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް