ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި މުވާސަލާތީ އަދި ޑިޖިޓަލް ޚިދުމަތް ފޯރުކޮށްދޭ ކުންފުނި ކަމަށްވާ ދިރާގުން ހައިސްޕީޑް އިންޓަރނެޓް މުޅިން އައު ހަރުފަތަކަށް ގެންގޮސް ފުރަތަމަ ފަހަރަށް ގިގަބިޓް ސްޕީޑުގައި 1 ޖީ.ބީ.ޕީ.އެސް އާ ހަމައަށް ދެވޭ އިންޓަނެޓްގެ ޚިދުމަތް ރާއްޖޭގެ ގޭބިސީތަކަށް ތަޢާރަފުކޮށްފިއެވެ.
މިއީ ދިރާގުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ހައިސްޕީޑް ފައިބަރ އިންޓަރނެޓް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ މުހިންމު ލަނޑުދަނޑިއެކެވެ. މި ލަނޑުދަނޑި ފާހަގަ ކުރުމުގެ ގޮތުން ދިރާގުން ވަނީ 30 ޖޫން 2019 ވަނަ ދުވަހުގެ ހެނދުނު ދިރާގު ހެޑް އޮފީހުފައި ޚާއްޞަ ހަފްލާއެއް ބާއްވާފައިއެވެ. މި ހަފުލާ ޝަރަފުވެރިކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ އެންޑް މުހައްމަދު މަލީހް ޖަމާލް އެވެ.
ދިވެހި ރައްޔިތުންނަށް އެންމެ ޒަމާނީ މުވާސަލާތީ އަދި ޑިޖިޓަލް ޚިދުމަތް ފޯރުކޮށްދިނުމަކީ ދިރާގުން އެންމެ އިސްކަމެއް ދީގެން ކުރާ މަސައްކަތެވެ. މިގޮތުން ދިރާގުން ކުރިއަށް ގެންދާ "ޑިޖިޓަލް ރާއްޖެ" ޕްރޮގްރާމްގެ ދަށުން މާލެއެކޭ ތަފާތެއްނެތި ރާއްޖޭގެ ގިނަ ރަށްތަކަކަށް، ނެޓްވާރކް ފުޅާކޮށް ކުރު މުއްދަތެއްގެ ތެރޭގައި މުޅިރާއްޖޭގެ ގޭބިސީގެ %75 އަށް ހައިސްޕީޑް ފައިބަރ ބްރޯޑްބޭންޑް އިންޓަރނެޓް ވަނީ ފޯރުކޮށްދީފައެވެ.
ގިގަބިޓް ސޕީޑްގައި 1ޖީ.ބީ.ޕީ.އެސް އާހަމައަށް އިންޓަރނެޓްގެ ޙިދުމަތް ރާއްޖޭގެ ގިނަ ރަށްތަކަކަށް، އެއްފަހަރާ ތަޢާރަފް ކުރެވިގެންދާނެއެވެ. މި ޙިދުމަތް ގާއިމުކުރެވިފައިވާ ރަށްތަކުގެ ތެރޭގައި، މާލެ ސިޓީ، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ހދ. ކުޅުދުއްފުށި، ބ. އޭދަފުށި، ލ. ގަން، ލ. ފޮނަދޫ އަދި އދ. ދަނގެތި ހިމެނެއެވެ.
1ޖީ.ބީ.ޕީ.އެސް އިންޓަރނެޓަކީ، ބަދަލުވަމުންދާ ޒަމާނުގައި ދިވެހިންގެ ޑިޖިޓަލް މުސްތަޤްބަލަށް ވާސިލް ވުމަށް ލިބޭ އިންގިލާބީ ކުރިއެރުމެކެވެ. ގިގަބިޓް ސްޕީޑް އިންޓަރނެޓް އަކީ މިހާރު ލިބޭ އެންމެ ބާރު ސްޕީޑް ކަމަށްވާ 100އެމް.ބީ.ޕީ.އެސް އާ އަޅާ ބަލާއިރު 10ގުނަ ބާރު ސްޕީޑެކެވެ.
ޑިޖިޓަލް ރާއްޖެ
ދިރާގުން ވަނީ މިއަހަރު "ޑިޖިޓަލް ރާއްޖެ" ނަމުގައި މުޅި ރާއްޖެ ޓެކްނޮލޮޖީގެ އައު ހަރުފަތަކަށް ގެނެސްދިނުމަށް ކެމްޕެއިނެއް ފަށާފައިއެވެ. ދިރާގަކީ ރާއްޖޭގެ މުވާސަލަތީ ސިނާއަތަށް ބޮޑެތި އިންގިލާބީ ބަދަލުތަކެއް ގެނެސްދެމުންދާ ޑިޖިޓަލް ކުންފުންޔެކެވެ. ރާއްޖެ ފަދަ އާބާދީ ކުޑަ ޖަޒީރާ ގައުމަކަށް މުވާސަލާތީ އިންފްރާސްޓްރަކްޗާ ގާއިމުކުރުމަށް ކުރިމަތިވެފައި އޮތް ގޮންޖެހުންތަކާއެކު ވެސް ދިރާގުން ވަނީ އާބާދީ ބޮޑެތި ރަށްރަށުން ފެށިގެން އާބާދީ ކުޑަ ރަށްތަކަށް ވެސް މުވާސަލާތުގެ އަސާސީ އޮނިގަނޑު ގާއިމުކޮށްފަ އެވެ. އަދި 2012 ވަނަ އަހަރު ދިރާގުން ވަނީ ހއ. އަތޮޅުން ފެށިގެން އައްޑުއަތޮޅާ ދެމެދުގައި 1253 ކިލޯމީޓަރުގެ ސަބްމެރިން ކޭބަލް ވިއުގަ އަކުން މުޅި ރާއްޖެ ގުޅައިދީފައިއެވެ. މި ސަބްމެރިން ކޭބަލް ވިއުގަ އަކީ މިއަދު ދިރާގުން ބިނާކުރަމުން މިގެންދާ ޑިޖިޓަލް ރާއްޖޭގެ ބިންގަލެވެ. އެގޮތުން ދިރާގުން ވަނީ މި އަހަރު އެޕްރީލް މަހު ހައިސްޕީޑް ފައިބަރ އިންޓަނެޓް ރާއްޖޭގެ އާބާދީގެ 75% އަށް ފޯރުކޮށްދީފައިއެވެ.
ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ މަގު ކޮށައިދިނީ ދިރާގުންނޭ ބުނުން ދޮގަކަށް ނުވާނެއެވެ. ޒަމާނަށް އަންނަމުން އައި ބަދަލާއި އެކު ކުންފުނިން ކަސްޓަމަރުންނަށް ދެމުން އައި ހިދުމަތްތައްވެސް ދިޔައީ ޒަމާނާއި އެއްގޮތަށް ފަރުމާވެވިގެންނެވެ. މިގޮތުން އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖްރިބާ ރަނގަޅުކުރުމަށް ދިރާގުން އަބަދުވެސް ދަނީ މަސައްކަތް ކުރަމުންނެވެ. ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތައް ފަދައިން މި ޖަޒީރާ ރާއްޖޭގެ ގޭބިސީތަކާ ހަމައަށް ގިގަބިޓް ސްޕީޑުގައި އިންޓަނެޓް ތަޖުރިބާ ކޮށްލަން ލިބިގެން ދިޔުމަކީ މީގެ އަގުހުރި މިސާލެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް