ޝައިމް ގެއްލުނު މައްސަލާގައި ޖެންޑަރ މިނިސްޓަރ ޝިދާތާ މަޖިލީހަށް ހާޒިރުކޮށްފި

ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލުނު އުމުރުން 14 އަހަރުގެ ޝައިމް އަބްދުﷲ ގެއްލުނު މައްސަލާގައި މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް ރައްޔިތުންގެ މަޖިލީހުގެ ހިއުމ...

30 Jun 2019 | 06:30

ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލުނު އުމުރުން 14 އަހަރުގެ ޝައިމް އަބްދުﷲ ގެއްލުނު މައްސަލާގައި މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓޤސް އެންޑް ޖެންޑަރ ކޮމިޓީއަށް ޙާޒިރުކޮށްފިއެވެ.

މިނިސްޓަރ އެ ކޮމިޓީއަށް ހާޒިރުކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ. ނަމަވެސް އެ ބައްދަލުވުން ގެންގޮސްފައިވަނީ ސިއްރުންނެވެ. ހިއުމަން ރައިސްޓްސް އެންޑް ޖެންޑަރ ކޮމިޓީއަކީ 19 ވަނ ރައްޔިތުންގެ މަޖިލީހުގައި މުޅިން އަލަށް އެކުލަވާލާފައިވާ ކޮމިޓީއެވެ. މި ކޮމިޓީގައި މުޅިއެކު 10 މެމްބަރުން ތިއްބަވައެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިންގެ ހިޔާގައި ހުއްޓާ ޝައިމް ގެއްލިފައިވަނީ ޖޫން 18ވަނަ ދުވަހުއެވެ. އެ ކުއްޖާ ގެއްލުނުތާ ހަފްތާއަކަށްވުރެ ގިނަ ދުވަސްވެފައިވާ އިރު ޝައިމްގެ ހަބަރެއް އެއްވެސް ބަޔަކަށް ލިބިފައެއް ނުވެއެވެ.

މިނިސްޓްރީން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި މީގެ ކުރިންވެސް ޝައިމް ވަނީ ފިލައިގެން ގޮއްސައެވެ. އެގޮތުން އެފަހަރު ޝައިމް ފެނިފައިވަނީ ފުލުހުން ތަހުޤީގް ކުރަމުން ގެންދިޔަ އެހެން މައްސަލައެއްގެ ތެރެއިން އަދި ކުށުގެ ވެށިންކަން އެބޭފުޅުން ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން ޝައިމް ކުޑަކުދިންގެ ހިޔާއަށް ލާފައިވަނީ އެފަދަ ކުދިން ބަހައްޓަން ވަކި ހައްސަތަނެއް ކަނޑައަޅާފައިނުވާތީ އާއި އެކު އެހެން ގޮތެއް ނެތިގެން ކަމަށްވެސް މިނިސްޓަރ ޝިދާތާވަނީ ވިދާޅުވެފައެވެ.

މި މައްސަލައިގައި ގިނަ ބައެއްގެ ފާޑުކިއުން ޖެންޑަރ މިނިސްޓްރީއަށް އަމާޒުވެފައިވާއިރު، މިކަމުގެ ކަންބޮޑުވުން ކުޑަކުދިންގެ ހައްޤުތަކަށް މަސައްކަތްކުރާ ރާއްޖޭގެ އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުންވެސް ވަނީ ފާޅުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް