ދިވެހިރާއްޖެއަށް އަންނަ އަދި ރާއްޖެއިން ފުރާ ފަސިންޖަރުންގެ މައުލޫމާތު ދުރާލާ ފޯރުކޮށްދޭނެ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް ދުނިޔޭގެ ކަސްޓަމްސް ޖަމްއިއްޔާ އާގުޅިގެން ކުރަންފަށާފައިވާކަމަށް ކަސްޓަމްސުން ބުނެފިއެވެ.
މިއީ، ދުނިޔޭގެ ކަސްޓަމްސް ޖަމްއިއްޔާގެ "ގްލޯބަލް ޓްރެވަލްސް އެސެސްމަންޓް ސިސްޓަމް" (ޖީޓާސް) ޕްރޮގްރާމްގެ ދަށުން، އެމެރިކާގެ ކަސްޓަމްސް އެންޑް ބޯޑަރ ޕްރޮޓެކްޝަން (ސީ.ބީ.ޕީ) ގެ ޚާއްޞަ އެހީގައި ހިންގޭ ޕްރޮޖެކްޓެއް ކަމުގައި ކަސްޓަމްސުން މައުލޫމާތު ދެއެވެ.
"މިގޮތުން މިނިޒާމް ރާއްޖޭގައި ޤާއިމްކުރުމުގެ މަސައްކަތަށް ދުނިޔޭގެ ކަސްޓަމްސް ޖަމްއިއްޔާގެ ކަމާބެހޭ ތަޖުރިބާކާރުންގެ ޓީމެއްވަނީ މިހިނގާ ޖޫންމަހުގެ 17 އިން 25 އަށް ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މި މުުއްދަތުގެ ތެރޭގައި 'ޖީޓާސް' ނިޒާމް ގާއިމްކޮށް މިނިޒާމް ބޭނުންކުރާނެގޮތުގެ ތަމްރީން ޕްރޮގްރާމެއް ކަމާގުޅޭ މުވައްސަސާތަކަށް ވަނީ ހިންގާފައެވެ. މިތަމްރީން ޕްރޮގްރާމްގައި ކަސްޓަމްސްގެ އިތުރުން މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، މޯލްޑިވްސް އިމިގްރޭޝަންއާ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ އޮފިސަރުން ވަނީ ބައިވެރިވެފައެވެ. " ކަސްޓަމްސުން ބުނެފައިވެއެވެ.
ކަސްޓަމްސުން މައުލޫމާތުދޭގޮތުގައި މިނިޒާމް ގާއިމްކުރުމުގެ ފުރަތަމަ މަރުހަލާ މިހާރު ނިމިފައިވާއިރު، ބައެއް އެއަރލައިންތަކުން ފަސިންޖަރުންގެ މަޢުލޫމާތު ދުރާލާ މިހާރު ގެންދަނީ ހިއްސާކުރަމުންނެވެ. އަދި މިމަސައްކަތް 2020 ވަނައަހަރު މުޅީން ނިމޭއިރު، ރާއްޖެ އަންނަ އަދި ފުރާ ހުރިހާ ފަސިންޖަރުންގެ މަޢުލޫމާތު ދުރާލާ ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ލިބިގެންދާނެއެވެ. މީގެ ސަބަބުން ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ކަސްޓަމްސްއިން ކުރާ މަސައްކަތުގަ ފަސިންޖަރުންގެ ފޮށިތަންމަތި ބަލާފާސްކުރުމުގެ ނިޒާމް ހަރުދަނާވެ، ހައި ރިސްކް ފަސިންޖަރުން ދުރާލާ ދެނެގަނެ، އެފަރާތްތަކަށް ޚާއްޞަ ސަމާލުކަމެއް ދީގެން ބަލާފާސްކުރުމުގެ ކަންތައްތައް ކުރިއަށްގެންދެވޭނެއެވެ. މި ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތް ފުރިހަމަ ވެގެން ދާއިރު ކަސްޓަމްސްގެ މަސައްކަތް ވަރަށް ބޮޑު ތަނުން ހަލުވިވެ، ރާއްޖޭގެ އިޤްތިޞާދީ ބޯޑަރ ބެލެހެއްޓުން އިތުރަށް ހަރުދަނާވެގެން ދާނެ ކަމުގައިވެސް ކަސްޓަމްސުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް