އެމްބާޕޭގެ މޮޅު ކުޅުމާއެކު އާޖެންޓީނާ ބަލިކޮށް ފްރާންސް ކުއާޓާ ފައިނަލަށް

ޒުވާން އެމްބާޕޭގެ މޮޅު ކުޅުމާއެކު 4-3 އިން ލިއޮނަލް މެސީގެ އާޖެންޓީނާ ބަލިކޮށް ފްރާންސް ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފިއެވެ. މި ވޯލްޑް ކަޕްގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކިފައިނުވ...

30 Jun 2018 | 17:55

ޒުވާން އެމްބާޕޭގެ މޮޅު ކުޅުމާއެކު 4-3 އިން ލިއޮނަލް މެސީގެ އާޖެންޓީނާ ބަލިކޮށް ފްރާންސް ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފިއެވެ.

މި ވޯލްޑް ކަޕްގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކިފައިނުވާ އާޖެންޓީނާ ކޮޅަށް އުމުރުން އެންމެ 19 އަހަރުގެ ކިލިއަން އެމްބާޕޭ ވަނީ ފަހު ފާހުގައި ދެ ލަނޑު ޖަހާފައެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިރޭގެ މެޗުގައި ފްރާންސުން 13 ވަނަ މިނިޓުގައި ލީޑު ނެގީ ވެސް އެމްބާޕޭ ހޯދައިދިން ޕެނަލްޓީއަކުންނެވެ. ފްރާންސުން ކުރިއަށް ކުޅުނު ބޯޅައެއް ހިފައިގެން ހަލުވި ކަމާއެކު އާޖެންޓީނާގެ ޑިފެންޑަރުން ކައިރިން އެމްބާޕޭ ދެމިގަންއިރު، އޭނާ ހުއްޓުވަން އާޖެންޓީނާގެ މާކޮސް ރޯހޯ އަށް ޖެހުނީ ފައުލް ކުރާށެވެ. މި ޕެނަލްޓީ އެ ޓީމަށް ކާމިޔާބު ކޮށްދިނީ އެންޓޮއިން ގްރީޒްމަން އެވެ.

މެޗުގެ ކުރީކޮޅު ފްރާންސުން ލަނޑު ޖެހި ނަމަވެސް ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުން ދިޔަ އާޖެންޓީނާ އިން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަތީޖާ ހަމަހަމަ ކޮށްފައެވެ. އާޖެންޓީނާއަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑަކީ އެންހެލް ޑި މަރީއާ ދުރުން ފޮނުވާލި ބާރު ހަމަލާއަކުން ކާމިޔާބު ކުރި ލަނޑެކެވެ.

ދެ ވަނަ ހާފު ފެނިގެން މާކަ ގިނައިރުތަކެއް ނުވެ ގަބްރިއަލް މާކަޑޯގެ ލަނޑާއެކު އާޖެންޓީނާއިން ލީޑު ނެގިއެވެ. އެހެނަސް، އެ ޓީމަށް ލީޑުގައި ހިފަހައްޓާލެވުނީ ކުޑަ އިރުކޮޅަކުއެވެ.

މެޗުގެ 57 ވަނަ މިނިޓުގައި ބެންޖަމިން ޕަވާޑް ޖެހި ލަނޑާއެކު ފްރާންސުން ނަތީޖާ ހަމަހަމަ ކުރިއިރު، 64 ވަނަ މިނިޓުގައި އެމްބާޕޭ ވަނީ ފްރާންސަށް އަނެއްކާ ވެސް ލީޑު ނަގައިދީފައެވެ. އަދި އޭގެ 4 މިނިޓު ފަހުން އޭނާ ކާމިޔާބު ކުރި ލަނޑާއެކު ފްރާންސްގެ ލީޑު ފުޅާވިއެވެ.

ދެ ލަނޑުގެ ލީޑަށް ފަހު ވެސް ފްރާންސަށް ރަނގަޅު ފުރުސަތުތައް ލިބި ބޭނުން ނުހިފުނުއިރު، އާޖެންޓީނާއިން ފަހު ވަގުތު ނަތީޖާ ހަމަހަމަ ކޮށްލެވޭތޯ ކުރި މަސައްކަތުން، މެސީ ދިން ބޯޅައަކުން އަގުއޭރޯ ލަނޑެއް ޖެހިއެވެ. އެހެނަސް، އިތުރު ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ.

މި މެޗުގައި ޒުވާން އެމްބާޕޭ ވިދާލިއިރު، މިއީ 1958 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފަހުން، ވޯލްޑް ކަޕްގެ މެޗެއްގައި ފުރާވަރު އުމުރުގެ ކުޅުންތެރިއަކު ދެ ލަނޑު ޖެހި ފުރަތަމަ ފަހަރެވެ.

އަނެއްކޮޅުން، ދެ ވަނަ ބުރާ ހަމައިން މުބާރާތާ އަލްވަދާއު ކިޔަން ޖެހުމުން، އާޖެންޓީނާގެ ތަރި ލިއޮނަލް މެސީގެ މުސްތަގުބަލާމެދު ވަނީ ސުވާލު އުފެދިފައެވެ. މުބާރާތުގެ ކުރިން، ރަނގަޅު ނަތީޖާއެއް ނުލިބިއްޖެނަމަ، ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ޖެހިދާނެކަމުގެ އިޝާރާތެއް އޭނާ ވަނީ ދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް