މިއަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީ ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް އެ ޕާޓީގެ ކޮންގްރެސް އިން ފާސްކޮށްފި އެވެ.
މިގޮތަށް ފާސްކުރީ މިއަދު އއ. އުކުޅަހުގައި ބޭއްވި އެމްޑީޕީގެ "އާދަޔާ ހިލާފު" ކޮންގްރެސްގައި އެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީ އިބޫ ކަމަށް ފާސްވީ، ވޯޓުގައި ބައިވެރިވި 791 މެމްބަރުންގެ އިއްތިފާގުންނެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި އިބޫ ހަމަޖެއްސީ އެ ޕާޓީގެ އަސާސީ ގަވައިދަށް އިސްލާހު ގެނައުމަށް ފަހު އެވެ. އެގޮތުން އުކުޅަހުގައި މިއަދު ބޭއްވި ތިން ވަނަ ކޮންގްރެސްގައި ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަކުން ހޮވި، ޕާޓީގެ ޓިކެޓު ލިބިފައިވާ ބޭފުޅަކަށް އެއްވެސް ސަބަބަކާ ހުރެ، އިންތިހާބުގައި ކުރިމަތިނުލެވިއްޖެ ނަމަ، ނުވަތަ އެއްވެސް ސަބަބަކާ ހުރެ، އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަނުކުރަން ނިންމައިފި ނަމަ، ޕާޓީގެ ފަރާތުން އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓެއް ކަނޑައަޅާނީ ޕާޓީގެ ކޮންގްރެސް ނުވަތަ ގައުމީ މަޖިލީހުން ކަމަށެވެ.
ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޕްރައިމަރީން ހޮވި، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ކެންޑިޑެސީ ދޫކޮށްލައްވައިފަ އެވެ. ޓިކެޓު ދޫކޮށްލެއްވުމަށް ފަހު ނަޝީދު ވިދާޅުވެފައިވަނީ އެމަނިކުފާނު ރިޔާސީ އިންތިހާބަށް ވާދަ ކުރައްވަން މަސައްކަތް ކުރައްވައިފި ނަމަ ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުން ގަބޫލު ކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓެއް ނެތި، އެކަމުގެ ސަބަބުން ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އެމްޑީޕީއަށް ގެއްލިދާނެތީ އެކަމަށް ފުރުސަތު ދެއްވަން ބޭނުންފުޅު ނުވާ ކަމަށެވެ.
އެމްޑިޕީގެ ރިޔާސީ ކެންޑިޑޭޓު ކަނޑައެޅި އިރު ދެން އޮތީ ޖުމްހޫރީ ޕާޓީން ރަނިންމޭޓަކު ކަނޑައެޅުމެވެ. އެއީ މި ދެޕާޓީގެ އިތުރުން އަދާލަތު ޕާޓީ އާއި ރައީސް މައުމޫން އަބްދުލް ގައްޔޫމްއަށް ތާއީދު ކުރާ ފަރާތްތަކުން ގުޅިގެން އިންތިހާބުގައި ވާދަ ކުރަން ނިންމާފައިވާތީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް