ތިމާވެއްޓާއި ކުނި މެނޭޖް ކުރުމަށް އޭޑީބީން 33 މިލިއަން ޑޮލަރު ދެނީ

ތިމާވެށި ހިމާޔަތްކުރުމަށާއި މާލެ ސަރަހައްދުގެ ކުނި މެނޭޖު ކުރުމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ން 33.07  މިލިއަން ޑޮލަރުގެ ހިލޭ އެހީ ދޭން ނިންމައިފި އެވެ. މި އެހީގެ ދަށުން ހިންގާ މަޝްރޫއުގ...

30 Jun 2018 | 13:52

ތިމާވެށި ހިމާޔަތްކުރުމަށާއި މާލެ ސަރަހައްދުގެ ކުނި މެނޭޖު ކުރުމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ން 33.07  މިލިއަން ޑޮލަރުގެ ހިލޭ އެހީ ދޭން ނިންމައިފި އެވެ.

މި އެހީގެ ދަށުން ހިންގާ މަޝްރޫއުގައި ކުނި ނައްތާލުމަށް ރަނގަޅު ނިޒާމެއް ގާއިމުކުރުމުގެ ގޮތުން ޓްރާންސްފާ ސްޓޭޝަންތަކާއި ކުނިއުކުމަށް ބޭނުންކުރާ ތަފާތު މެޝިނަރީތައް ގާއިމު ކުރެވިގެންދާނެއެވެ. އެގޮތުން ކުނި ކަލެކްޓުކުރުމާއި، އެއްތަނުން އަނެއް ތަނަށް ގެންދިއުމާއި އަދި ކުނި ނައްތާލުމަށް މިހާރު ގެންގުޅޭ ނިޒާމަށް ވުރެ ރަނގަޅު ނިޒާމެއް ގާއިމުކުރެވޭނެއެވެ.

އަދި އެނިޒާމަކީ މޫސުމަށް އަންނަ ބަދަލުތަކާއި ދިމާވެދާނެ ކާރިސާތަކުން ރައްކާތެރި ވެވޭނެހެން ގާއިމުކުރެވޭނެ ނިޒާމެއްކަމަށް އޭޑީބީ އިން ބުނެއެވެ.

އޭޑީބީގެ މި އެހީގައި ވެމްކޯއަށް  500،000 ޑޮލަރުގެ ޓެކްނިކަލް އެސިސްޓެންސް ފޯރުކޮށްދެވޭނެ އެވެ. އަދި ޖަޕާނު ސަރުކާރުންދޭ ދެ މިލިއަން ޑޮލަރުގެ އެހީގައި 32 ރަށެއްގައި މިހާރު ހުރި ކޮމިއުނިޓީ ބޭސްޑް ވޭސްޓް މެނޭޖްމެންޓް ނިޒާމުތައް ވަރުގަދަ ކުރެވޭނެއެވެ.

އޭޑީބީއިން ދޭ 33.07 މިލިއަން ޑޮލަރާއި ޖަޕާނުގެ ސަރުކާރުގެ ދެ މިލިއަން ޑޮލަރުގެ އިތުރުން ރާއްޖޭގެ ސަރުކާރުން ކުނި މެނޭޖްކުރުމަށް ކަނޑައަޅާފައިވާ 4.93 މިލިއަން ޑޮލަރާއެކު ޖުމްލަ އަގު 40 ޑޮލަރަށް އަރާއިރު، 2023 ވަނަ އަހަރުގައި އެމަޝްރޫއު ނިންމާލެވޭނެކަމަށް އޭޑީބީން ލަފާކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް