ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް އޮންލައިންކޮށް، ރާއްޖެ އިން ބޭރަށް ފައިސާ ފޮނުވުމުގެ ހިދުމަތް ތައާރަފު ކުރަން ނިންމައިފި އެވެ.
މިކަން އިއުލާނު ކުރީ ރިސޯޓު ތަކަށް ލިބެން ހުރި ބޭންކިން ހިދުމަތްތަކާ ބެހޭ މައުލޫމާތު ދިނުމަށް ކުރުނބާ މޯލްޑިވްސްގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ހަފްލާއެއްގައި އެވެ. ބީއެމްއެލްއިން ބުނީ އެ ހަފްލާގައި ބޭންކުގެ ބްރާންޗު ތަކުގެ ހިދުމަތްތަކާއި ކޭޝް ކާޑު އަދި އޮންލައިން ބޭންކިންގެ ޚިދުމަތްތައް ހިމެނިގެން، ރިސޯޓްތަކަށް ފޯރުކޮށް ދެމުންދާ ބޭންކިން ހިދުމަތްތަކާ ބެހޭ މައުލޫމާތު ދީފައިވާ ކަމަށެވެ.
މި ހަފްލާގައި އަލަށް ތައާރަފު ކުރާ އޮންލައިން ކޮށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމުގެ ހިދުމަތް ދައްކައި ދީފައިވާ ކަމަށް އެ ބޭންކުން ބުންޏެވެ.
ބީއެމްއެލްއިން ނިންމާފައިވަނީ އެ ހިދުމަތް މި ފެށޭ ހަފްތާގައި ތައާރަފު ކުރުމަށެވެ. އެ ހިދުމަތް ތައާރަފު ކުރުމުން ރިސޯޓުތަކުގެ މުވައްޒަފުންނަށާއި އަތޮޅުތެރޭގައި މަސައްކަތް ކުރާ މީހުންނަށް މިހާރު ދިމާވާ ދަތިތަކަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ އެވެ. އެ ހިދުމަތް ދޭން ހަމަޖެހިފައިވަނީ މޯބައިލް ފޯނު މެދުވެރިކޮށެވެ.
މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ ބީއެމްއެލް އާއި ރިސޯޓުތައް ގުޅިގެން ދިގު މުއްދަތަކަށް މަސައްކަތް ކުރެވިފައިވާ ކަމަށެވެ. އަދި މި މުއްދަތުގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭފުޅުންގެ ވިޔަފާރި އިތުރަށް ފުޅާ ކުރެއްވުމުގެ އިތުރުން ޖުމްލަކޮށް، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް މިވަނީ ވަރަށް ބޮޑުކުރިއެރުންތަކެއް ހޯދައި ދެވިފަ ކަމށް އެންޑްރޫ ވިދާޅުވި އެވެ.
"ތި ބޭފުޅުންގެ ތެރެއިން ގިނަ ބޭފުޅުން ވަނީ ބޭންކް އޮފް މޯލްޑިވްސްއާ އެކު ވަރަށް ދިގު މުއްދަތަކަށް މަސައްކަތް ކުރައްވާފައި. މި މުއްދަތުގައި ތިޔަ ބޭފުޅުންގެ ވިޔަފާރި އިތުރަށް ފުޅާ ކުރެއްވުމުގެ އިތުރުން ޖުމްލަކޮށް، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ވެސް މިވަނީ ވަރަށް ބޮޑުކުރިއެރުންތަކެއް ހޯއްދަވައި ދެއްވާފައި. އަޅުގަނޑުމެންގެ އިންޓަނޭޝަނަލް އޮންލައިން މަނީ ޓްރާންސްގެ ޚިދުމަތާ ގުޅޭ މައުލޫމާތު ތިޔަ ބޭފުޅުންނާ ހިއްސާ ކުރެވޭ ކަމީ އަޅުގަނޑެމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" އެ ހަފުލާގައި އެންޑްރޫ ވިދާޅުވި އެވެ.
ބީއެމްއެލް އިން ބުނީ އެ ބޭންކަކީ އިންޓަނެޓް ބޭންކިން އާއި ކާޑާއި ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށްދޭ ޚިދުމަތްތަކާ އެކު ފުރިހަމަ ބޭންކިން ޚިދުމަތެއް ރިސޯޓްތަކަށް ދެމުންދާ ހަމައެކަނި ބޭންކު ކަމަށެވެ. އޭގެ އިތުރުން، ކޮންމެ ރިސޯޓެއްގެ ބޭންކިންގެ ހިދުމަތްތަކާ ގުޅޭގޮތުން މުއާމަލާތް ކުރުމަށް ރިލޭޝަންޝިޕް މެނޭޖަރެއް ކަނޑައަޅާފައިވާ ކަމަށް ވެސް ބީއެމްއެލް އިން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް