އިދިކޮޅު ކޯލިޝަންގެ ރަނިން މޭޓުގެ ގޮތުގައި މިއަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ނެރެން އެންމެ އެކަށީގެންވާ ބޭފުޅަކީ އެ ޕާޓީގެ ބާނީ ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ ކަމަށް ދާދި ފަހުން ޖޭޕީގެ ރައީސް ކަމަށް އިންތިހާބުވި އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ކޯލިޝަނުން ރޭ ނިންމާފައިވަނީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓަކާއި ޖޭޕީގެ ރަނިން މޭޓަކު ނެރެ ރައީސް އަބްދުﷲ ޔާމީން އާއި ވާދަ ކުރުމަށެވެ. އެކަމަކު އެއީ ކޮން ބޭފުޅުންނެތް ކަމެއް ހާމައެއް ނުކުރެ އެވެ.
އިނގިރޭސިވިލާތުގައި ހުންނަވައިގެން ކުރެއްވި ޓުވީޓެއްގައި އަލީ ވަހީދު ވިދާޅުވީ އޭނާ ތާއީދު ކުރައްވަނީ ކޯލިޝަން ސަރުކާރެއްގައި ރައީސަކަށް ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހު އަދި ނައިބު ރައީސަކަށް ޖޭޕީގެ ކައުންސިލް މެންބަރު އަދި ގާސިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ އިންތިހާބު ކުރަން ކަމަށެވެ. އޭނާ ވިދާޅުވީ ޖޭޕީގެ ސްލޮޓު ހައްގުވަނީ ގާސިމް އަށާއި އޭނާގެ ހިތްވަރުގަދަ އާއިލާއަށް ކަމަށެވެ.
އެކަމަކު އަލީ ވަހީދުގެ ޓުވީޓަށް ހިޔާލު ފާޅު ކުރި އެކަކުވެސް މިކަމަށް ތާއީދު ކުރައްވާފައެއް ނުވެ އެވެ. އޭގެ ތެރެއިން ގިނަ މީހުން ބުނެފައިވަނީ އަންހެނަކު ވެރިކަމަށް ގެނައުމަކީ ދީނީ ގޮތުން ރަނގަޅު ކަމެއް ނޫންކަމަށާއި ޖޭޕީގެ ރަނިން މޭޓަކަށް ނެރެން އެންމެ ރަނގަޅީ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ކަމަށެވެ.
https://twitter.com/ali20waheed/status/1012823449578942464
އިދިކޮޅު ކޯލިޝަނުން އެއް ކެންޑިޑޭޓަކު ނެރެފައި މިވަނީ އެމްޑީޕީގެ ރިޔާސީ ޓިކެޓު ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ދޫކޮށްލައްވާފައި ވަނިކޮށެވެ. އަދި އޭގެ ކުރިން ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމް ވަނީ ގާނޫނީ ހުރަސްތަކެއް ހުރުމުން އިންތިހާބުގައި ވާދަ ނުކުރަން ނިންމާފައިވާކަން އިއުލާނު ކުރައްވާފަ އެވެ.
އަދާލަތު ޕާޓީން ބުނެފައިވަނީ އެއް ކެންޑިޑޭޓަކު ނެރެ ރައީސް ޔާމީން ބަލި ކުރެއްވުމަށް އިދިކޮޅު ކޯލިޝަނާއި ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކަށް ދޫދެވެން ހުރި އެންމެ ބޮޑަކަށް ދޫދޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް