ބޮލީވުޑްގައި އިއްޔެ ރިލީޒް ކުރި ރަންބީރު ކަޕޫރު ލީޑް ރޯލް ކުޅެފައިވާ "ސަންޖޫ" މިއަހަރު ރިލީޒް ކުރި ހުރިހާ ފިލްމެއްގެ ރެކޯޑު މުގުރާލައިފި އެވެ.
"ސަންޖޫ" އަކީ ބޮލީވުޑްގެ ބަތަލް ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ.
މި ފިލްމަށް ވަނީ ރިލީޒް ކުރި ފުރަތަމަ ދުވަހު 34.75 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބިފަ އެވެ. އިއްޔެ އާއި ހަމައަށް މި ރެކޯޑު އޮތީ މިދިޔަ ހަފްތާގެ ހުކުރު ދުވަހު އީދު ބަންދާ ދިމާކޮށް ރިލީޒް ކުރި ސަލްމާން ހާންގެ "ރޭސް 3" ގައި އެވެ. އެ ފިލްމު ވަނީ ރިލީޒް ކުރި ދުވަހު 29.17 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދާފައި އެވެ.
ބޮލީވުޑް ދިރާސާ ކުރާ ފަރާތްތަކުން ބުނެފައިވަނީ އެއްވެސް ޗުއްޓީ އަކާއި ނުވަތަ އިންޑިއާގައި ފާހަގަ ކުރާ ދީނީ ޗުއްޓީ އަކާއި ދިމާނުވެ "ސަންޖޫ" ހޯދި ކާމިޔާބީ އަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މި ފިލްމަކީވެސް ތިން ދުވަސް ތެރޭގައި 300 ކްރޯޑު ރުޕީސްގެ އާމްދަނީއެއް ލިބޭނެ ފިލްމެއް ކަމަށް ބެލެވޭ ކަމަށެވެ.
މި ފިލްމުގައި ސަންޖޭ ދަތުގެ އުމުރުން 20 އަހަރުން ފެށިގެން މިހާތަނާ ޖެހެންދެން ހިނގާފައިވާ މުހިންމު ކަންކަން ފެނިގެންދާނެ އެވެ. އަދި ސަންޖޭދަތަށް އެ މުއްދަތުގައި އައިސްފައިވާ ހުރިހާ ބަދަލެއް ރަންބީރުގެ އެކްޓިން އިން ފެނިގެންދާނެ އެވެ.
ރަންބީރު ކަޕޫރުގެ އިތުރުން ފިލްމުން ފެނިގެންދާ ތަރިންގެ ތެރޭގައި ދިއާ މިރުޒާ، މަނީޝާ ކޮއިރަލާ، ފަދަ ތަރިން ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް