ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ރޯދަ އަށް ގޭބަންދަށް ބަދަލުކުރުމަށް ފަހު އަނބުރާ ޖަލަށް ގެންގޮސްފި އެވެ.
ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނު ކަމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅާ ނާޒިމް 11 އަހަރަށް ޖަލަށް ލާފައިވަނީ އޭނާ ދިރިއުޅޭ ގޭގެ ކޮޓަރިން ފިސްތޯލައެއް ފެނުނު މައްސަލައިގަ އެވެ.
ކަރެކްޝަންސް އާއި ފުލުހުން، ނާޒިމް ޖަލަށް ގެންދިއުމުގެ މަސައްކަތް ފަށާފައިވާއިރު ނާޒިމްގެ ކޮއްކޮ އާދަމް އާޒިމް ވިދާޅުވީ ނާޒިމް ބަލާ އެބޭފުޅުން ދިއުމުން ޖަލަށް ދިއުމަށް ނާޒިމް ހުރީ ތައްޔާރަށް ކަމަށެވެ. އަދި ދައުލަތުން އަންގާ އެންގުންތަކަށް ނާޒިމް ބޯލަނބާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނާޒިމް އަނބުރާ ޖަލަށް މި ގެންދިޔައޯ އަހަރު ދުވަހު ގޭ ބަންދުގައި ބެހެއްޓުމަށް ފަހު މިދިޔަ މާޗް މަހު ޖަލަށް ބަދަލުކުރުމަށް ފަހު ރޯދައަށް އަނެއްކާވެސް ގޭ ބަންދުގައި ބެހެއްޓުމަށް ފަހު އެވެ. އަދި ނާޒިމްގެ ގެއިން ފިސްތޯލަ ފެނުނު މައްސަލައިގެ ހަގީގަތް ހާމަކޮށްދެއްވަން ބޭނުންވާ ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް ސިޓީއެއް ފޮނުވިކަން މިއަދު ހާމަވެފައި ވަނިކޮށެވެ.
އެ ސިޓީގައި އަދީބު ވިދާޅުވެފައިވަނީ ނާޒިމް ދިރިއުޅުއްވާ ކޮޓަރިން ފެނުނު ފިސްތޯލަ އާއި ވަޒަނުގެ ހަގީގަތް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ. އަދި އެ އެއްޗިއްސަކީ ނާޒިމްގެ އެއްޗެއް ނޫން ކަމަށާއި އެ ފިސްތޯލަ އާއި ވަޒަން ކޮޓަރިއަށް ދިޔަ ގޮތް ނާޒިމްއަށް އެނގިވަޑައި ނުގަންނަވާނެ ކަމަށެވެ. އަދީބު ވަނީ އެކަމުގެ ހަގީގަތް ސާފުކޮށް ކިޔައިދޭން ބޭނުންވާ ކަމަށް ސިޓީގައި ވިދާޅުވެފައި އެވެ.
ޖެނުއަރީ 2015 ގައި ގ. އެނިފްގޭގައި ނާޒިމް ދިރިއުޅުއްވާ އެޕާޓްމެންޓްގައި ހުރި އޭނާގެ ކޮޓަރިން ފިސްތޯލައެއް ފެނުނު މައްސަލާގައި ނާޒިމްގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އައިސްފަ އެވެ.
އެކަމަކު އެ ހުކުމާ ގުޅިގެން ހައި ކޯޓުގެ މަރުހަލާ ނިމި ސުޕްރީމް ކޯޓުގައި އިސްތިއުނާފުގެ އަޑުއެހުން ކުރިއަށް ދަނިކޮށް، ޖޫން 21، 2016 ގައި ފުލުހުން ބުނެފައި ވަނީ ނާޒިމްގެ ކޮޓަރިން ފެނުނު ފިސްތޯލައިން އަދީބުގެ ޑީއެންއޭ ފެނިފައިވާ ކަމަށެވެ. އެކަމަކު ނާޒިމް ފްރޭމް ކޮށްފައިވާ ކަމަށް ބުނަން އަވަސް ކަމަށް ފުލުހުން އޭރު ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް