ނާޒިމް ކޮޓަރިން ފެނުނު ބަޑީގެ ހަގީގަތް ހާމަކޮށްދިނުމުގެ މަސައްކަތް އަދީބު ފަށްޓަވައިފި

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް ދިރިއުޅުއްވާ ގެއިން ފެނުނު ފިސްތޯލައިގެ ހަގީގަތް ހާމަކޮށްދޭން ބޭނުންވާ ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ސުޕްރީމް ކޯޓަށް ސިޓީއެއް...

30 Jun 2017 | 04:18

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް ދިރިއުޅުއްވާ ގެއިން ފެނުނު ފިސްތޯލައިގެ ހަގީގަތް ހާމަކޮށްދޭން ބޭނުންވާ ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ސުޕްރީމް ކޯޓަށް ސިޓީއެއް ފޮނުއްވައިފި އެވެ.

މި ސިޓީ މިހާރު ބައެއް ނޫސްތަކަށް ލިބިފައިވާއިރު އެ ސިޓީގައި އަދީބު ވިދާޅުވެފައިވަނީ ނާޒިމް ދިރިއުޅުއްވާ ކޮޓަރިން ފެނުނު ފިސްތޯލަ އާއި ވަޒަނުގެ ހަގީގަތް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ. އަދި އެ އެއްޗިއްސަކީ ނާޒިމްގެ އެއްޗެއް ނޫން ކަމަށާއި އެ ފިސްތޯލަ އާއި ވަޒަން ކޮޓަރިއަށް ދިޔަ ގޮތް ނާޒިމްއަށް އެނގިވަޑައި ނުގަންނަވާނެ ކަމަށެވެ. އަދީބު ވަނީ އެކަމުގެ ހަގީގަތް ސާފުކޮށް ކިޔައިދޭން ބޭނުންވާ ކަމަށް ސިޓީގައި ވިދާޅުވެފައި އެވެ.

ދޫނިދޫ ޖަލުގައި ހުންނަވާ ވަކީލުން މެދުވެރިކޮށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް އެޑްރެސްކޮށް އަދީބު ފޮނުއްވާފައިވާ މި ސިޓީގައި އެމަނިކުފާނުގެ ސޮޔާއި އިނގިލީގެ ނިޝާންވެސް ޖަހާފައިވެ އެވެ.

ޖެނުއަރީ 2015 ގައި ގ. އެނިފްގޭގައި ނާޒިމް ދިރިއުޅުއްވާ އެޕާޓްމެންޓްގައި ހުރި އޭނާގެ ކޮޓަރިން ފިސްތޯލައެއް ފެނުނު މައްސަލާގައި ނާޒިމްގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އައިސްފަ އެވެ.

އެކަމަކު އެ ހުކުމާ ގުޅިގެން ހައި ކޯޓުގެ މަރުހަލާ ނިމި ސުޕްރީމް ކޯޓުގައި އިސްތިއުނާފުގެ އަޑުއެހުން ކުރިއަށް ދަނިކޮށް، ޖޫން 21، 2016 ގައި ފުލުހުން ބުނެފައި ވަނީ ނާޒިމްގެ ކޮޓަރިން ފެނުނު ފިސްތޯލައިން އަދީބުގެ ޑީއެންއޭ ފެނިފައިވާ ކަމަށެވެ. އެކަމަކު ނާޒިމް ފްރޭމް ކޮށްފައިވާ ކަމަށް ބުނަން އަވަސް ކަމަށް ފުލުހުން އޭރު ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް