އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)ގެ ޑިރެކްޓަ ޖެނެރަލް މުހައްމަދު ނައީމް އަދާ ކުރަމުންދާ ވަޒީފާގެ މަގާމު ދަށްކުރަން ނުވަތަ ވަޒީފާއިން ވަކި ކުރަން ޖެހިދާނެ ކަމުގެ އިންޒާރު އެންވަޔަރަމެންޓު މިނިސްޓްރީން ދީފި އެވެ.
މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) އަޖުވަދު މުސްތަފާ ސޮއިކުރައްވައި ނައީމަށް ފޮނުއްވި އިންޒާރުގެ ލިޔުމުގައި ބުނެފައިވަނީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަސީރު ދެއްވި އިރުޝާދާ އެއްގޮތަށް އަމަލު ނުކުރާނެ ކަމަށް ނައީމް ވިދާޅުވެފައިވާ ކަމަށެވެ. އެ ލިޔުމުގައި ބުނެފައިވާ ގޮތުގައި ގުޅީފަޅަށް ކޮމާޝަލް ޕޯޓު ބަދަލުކުރުމުގެ މަސައްކަތަށް، އެ ރަށުގެ ފަޅުން ބޮޑު ސަރަހައްދެއް ހިއްކަން ފެށުމާ އެކު ތިމާވެށްޓަށް ނޭދެވޭ އަސަރުކުރަމުންދާ ކަމުގެ ޝަކުވާ ލިބެމުންދިއުމާ ގުޅިގެން ވަޓްސްއަޕް ގުރޫޕެއް މެދުވެރިކޮށް ޑރ. ނަސީރު، ނައީމަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދެއްވި އިރުޝާދަށް އަމަލު ނުކުރައްވާނެ ކަމަށް ނައީމް ވިދާޅުވެފައިވާ ކަމަށެވެ.
ލިޔުމުގައި ބުނެފައިވާ ގޮތުގައި ޑރ. ނަސީރަކީ އީޕީއޭ ހިންގުމާއި ހަވާލުވެ ހުންނެވި ސިޔާސީ އެންމެ އިސް މުވައްޒަފެވެ. އެހެން ކަމުން ނަސީރު، ވަކިކަމެއް ވަކިގޮތަށް ކުރުމަށް ލަފާ އެރުވުމުން އެކަމަކީ ގާނޫނާއި ގަވާއިދާ ހިލާފުކަމަކަށް ނުވާ ނަމަ، އެކަން އެގޮތަށް ކުރުމަށް އިންކާރުކުރުމަކީ ނައީމަށް އޮތް އިހުތިޔާރެއް ކަމަށް ގަބޫލު ނުކުރާ ކަމަށް ވެސް ލިޔުމުގައިވެ އެވެ.
އެހެންކަމުން، ނައީމްއާ ހާވާލުކޮށްފައިވާ މަސައްކަތްތައް ފަރުވާތެރިކަމާއި ޒިންމާދާރުކަމާ އެކު ކުރުމަށާއި، ވެރިންނަށް އިހުތިރާމް ކުރުމާ އެކު ވެރިން ދޭ ލަފަޔާއި އިރުޝާދު ހެޔޮހިތުން ބަލައިގަތުމަށް ވަނީ އަންގައިފަ އެވެ. އަދި މީގެފަހުން ސިވިލް ސާވިސްގެ ގަވާއިދާއި ކޯޑް އޮފް ކޮންޑަކްޓާއި ހިލާފު ވެއްޖެ ނަމަ އިތުރު އިންޒާރެއް ދިނުމަކާނުލައި ފިޔަވަޅު އަޅާނެ ކަމަށެވެ.
ގުޅީފަޅު ހިއްކަން ފެށުމުން ވިލިމާލޭ ފަރަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާތީ އެކަން ބަލަމުންދާ ކަމަށް އީޕީއޭއިން ބުނެފައިވެ އެވެ.
މި ސަރުކާރުން ހިންގާ ބޮޑު ޕްރޮޖެކްޓަކާއި ގުޅިގެން ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާތީ އީޕީއޭއިން މައްސަލަ ބަލަން ފެށުމުން ނައީމަށް އިންޒާރު ދިން އިރު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައިވެސް ނައީމާއި މެދު މިފަދަ ގޮތަކަށް އަމަލުކޮށްފައިވެ އެވެ. އީޕީއޭގެ ވެރިއެއްގެ ގޮތުގައި ހުންނަވަނިކޮށް 2015 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި އޭރުގެ ސަރުކާރުން ބ. އަތޮޅު ބަޔޯސްފިއާ ރިޒާވް އޮފީހަށް ނައީމް ބަދަލު ކުރި އެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި އެގޮތަށް ނިންމީ ޓޫރިޒަމް ދާއިރާގެ މަޝްރޫއުތަކުގެ އެންވަޔަރަމެންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ހެދުން ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލު ކުރަން ގާނޫނަށް ބަދަލު ގެންނަން ނިންމުމުން ނައީމް އެ ދުވަސްވަރު މީޑިއާގައި ކަންބޮޑުވުން ފާޅުކުރެއްވުމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި ޓޫރިޒަމް ދާއިރާގެ މަޝްރޫއުތަކުގެ އީއައިއޭ ހެދުން ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލު ކޮށްފި ނަމަ ތިމާވެށި ދަމަހައްޓަން އުނދަގޫވެ، ހުރަސްތައް ކުރިމަތިވާނެ އެވެ.
އެ ގާނޫނު އޭރުގެ ސަރުކާރުން ބޭނުންވި ގޮތަށް ބަދަލު ކުރުމަށް ފަހު ނައީމް އަލުން އީޕީއޭގެ ވެރިއަކަށް ހަމަޖެއްސީ 2016 ވަނަ އަހަރުގެ ތެރޭގައި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް އީޕީއޭގެ އެންގުންތަކާއިި ހިލާފަށް ޕްރޮޖެކްޓްތައް ހިންގުމުގެ ސަބަބުން ތިމާވެއްޓަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފައިވެ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި އީޕީއޭއަކީ މިނިވަން މުއައްސަސާއަކަށް ހައްދަވާނެ ކަމުގެ ވައުދުވެވަޑައިގެންފަ އެވެ. ނަމަވެސް މިހާތަނަށް އެކަން ފެނިފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް