އުތުރާއި މެދުތެރެއަށް ގުގުރައި، ބޯކޮށް ވާރޭވެހި، 40 މޭލަށް ވައިގަދަވާނެ

ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާއި ދެމެދުގެ ރަށްތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު އެލާޓު ނެރެފި އެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާ ކުރާ ގޮތުގައި އެ ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭ...

30 May 2020 | 07:36

ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާއި ދެމެދުގެ ރަށްތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު އެލާޓު ނެރެފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާ ކުރާ ގޮތުގައި އެ ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުމާއި އެކު 40 މޭލަށް ވައި ގަދަވާނެ އެވެ. ހުދު އެލާޓު ނެރެފައިވަނީ މިއަދު ހެނދުނު 11:00 އިން ހަވީރު 5:00 އަށެވެ.

ހުދު އެލާޓު ނެރެނީ ދިމާވެދާނެ ހާދިސާއަކުން ރައްކާތެރިވުމަށް ހަނދާން ކޮށްދިނުމުގެ ގޮތުންނެވެ.

މިދިޔަ ހަފްތާ އެއްކޮށްގެން އުތުރުގެ ބޮޑުބަޔަކަށް ގަދަވަޔާއި އެކު ވިއްސާރަކޮށް ގުގުރާފައިވެ އެވެ. މެޓް އޮފީހުން އިއްޔެ ވަނީ ބޯކޮށް ވާރޭ ވެހި ފެން ބޮޑުވާނެ ކަމަށް ލަފާކޮށް އެންމެ އުތުރުގެ ތިން އަތޮޅު ކަމަށްވާ ހއ. ހދ އަދި ށ. އަތޮޅަށް އޮރެންޖު އެލާޓު ނެރެފައި އެވެ.

މިއަދު އާންމުގޮތެއްގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނުގައި އެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު ހަ މޭލާއި 16 މޭލާ ދެމެދުގެ ބާރުނިނުގައި އެވެ.

މެޓް އޮފީހުން މައުލޫމާތު ދޭގޮތުގައި ދެކުނު އަތޮޅުތަކަށް މިއަދު މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ އެވެ. އެކަމަކު ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްރަށަށް އުދައެރުމުގެ ފުރުސަތު އެބަ އޮތެވެ.

އުތުރާއި މެދުތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެ އެވެ. ދެކުނުގެ ކަނޑުތައް ގަދަވާނީ އާދައިގެ ވަރަކަށެވެ.

ކަނޑުދަތުރު ކުރުމުގައި އާއި އާންމު ދިރިއުޅުމުގައި މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކުރެ އެވެ. މި ދުވަސްވަރު ރާއްޖެއަށް ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް