ކުރީގެ އަދަދާއި ގުޅޭ...
"ކޮބާތަ؟" ފަތާ ޓްރެކް ކައިރީގައި ކާރު ޕާކުކޮށްލުމަށްފަހު ޒިއަން އާއި ދެން ތިބި މީހުން ކާރުން ފޭބިއެވެ. އޭރު މަފާޒު ދުވަމުން އެމީހުންނާއި ދިމާލަށް އާދެއެވެ.
"އިންޑަސްޓްރިއަލް ޒޯން ތެރޭގަ ވީ..." މަފާޒު މިހެން ބުނުމުން ތިން މީހުން ކާރަށް އަރައި ދުއްވައިލިއެވެ. އެހިސާބުގައި ކާރު ބޭއްވުމަށްފަހު ތިން މީހުން ތިން ދިމާލަށް ދުއްވައިގަތެވެ. ހިލަތައް މަތީގައި ފުރަގަހަށް އިށީންދެ އިން އަންހެން ކުއްޖަކު ދުވަމުން ދިޔަ ޒިއަންގެ ލޮލުގައި އަޅައިގެތެވެ. ނަމަވެސް އެއީ ރާނީ އެއް ނޫނެވެ. ރާނީގެ އިސްތަށިގަނޑު އެހާ ކުރެއް ނުވާނެއެވެ. ޒިއަން އަނެއްކާވެސް ދުއްވައިގަތެވެ.
"ނެތެއްނު މިތާކު" މާޒިން ބުނެލިއެވެ.
"އެއީ ކާކު؟" އީމާން އައިސް ދައްކައިލީ ޒިއަން އަށް ވެސް ފެނުން ކުއްޖާއެވެ.
"އެއީ ރާނީ އެއް ނޫން" މާޒިން ބުނެލިއެވެ. ޒިއަން އެ ކުއްޖާ އަށް ބަލައިލިއެވެ. އަދި ދާން ހިނގައިގަތެވެ.
"އެއީ ކައެ އަންހެނުންނެއް ނޫންތަ؟" އެތަނަށް އައިސް މަޑުކޮށްލި ޝިފާޒު ބުނެލިއެވެ. ޝިފާޒު އިޝާރާތްކުރީ އެ އަންހެން ކުއްޖާއަށެވެ. އެވަގުތު ވަރަށް ބާރަށް ވިދައިލިއެެވެ.
"ރާނީގެ އިސްތަށިގަނޑު ވަރަށް ދިގުވާނެ... އެއީ އޭނައެއް ނޫން" ޒިއަން ބުނެލިއެވެ. ޒިއަން ހުރީ ހާސްވެގެން ގޮސް ބޯ ގޮވަން ކައިރިވެފައެވެ. ރުޅި އައިސްގެން ކައިރީ އޮތް ޕިކަޕުގައި ފައިން ޖެހިއެވެ.
"ހަމަޖެހިބަލަ ޒިއަން ފެންނާނެ އޭ" ޒިއަންގެ ކޮނޑުގައި ހިފައިލަމުން މާޒިން ބުނެލިއެވެ.
"ޒިއަން އެއީ އޭނައޭ ދޭބަލަ އަޅެ ބަލަން" ޝިފާޒު ބުނެލިއެވެ. ނަމަވެސް ބޯ ހޫރައިލުމަށްފަހު ޒިއަން ދާން ހިނގައިގެތެވެ.
"ޒިއަން އަސްލުއޭ އެމަންޖެ މޫނުގެ އެއްފަޅި އަނދާފައެއްނު ހުންނަނީ؟" ޝިފާޒު ބުނި ޖުމްލައިން ޒިއަންގެ ދެފައިގައި ކަސްތޮޅު އެޅުނު ކަހަލައެވެ.
"އެއީ އޭނައޭ" ޔަގީން ކޮށްދިނުމުގެ ގޮތުން މަފާޒު ބޯ ޖަހައިލިއެވެ. ޒިއަން އަނެއްކާވެސް ހިލަތަކުގެ މައްޗަށް ބަލައިލިއެވެ. އެ އަންހެން ކުއްޖާ މިހާރު އިނީ އުނގުގައި ބޯ އަޅައިގެންނެވެ.
"ރާނީ" ތިރީގައި ހުރެފައި ޒިއަން ގޮވައިލީ ޔަގީން ކޮށްލުމުގެ ގޮތުންނެވެ. އެވަގުތު އެ އަންހެން ކުއްޖާ އުނގުން ބޯ ނެގިއެވެ.
"ރާނީ؟" އަނެއްކާވެސް ޒިއަން ގޮވައިލިއެވެ. ރާނީ ބަލައިލިއެވެ.
"މަ ބުނީމެއްނު" އެއީ ރާނީ ކަން ޔަގީން ވުމުން ޝިފާޒު ބުނެލިއެވެ. ޒިއަންގެ އިތުރުން މާޒިން އާއި އީމާން ވެސް ފުން ނޭވާއެއް ދޫކޮށްލިއެވެ.
ކުއްލިއަކަށް ޒިއަން ފެނުމުން ރާނީ އިނީ ހުއްޓިފައެވެ. މިއީ ހުވަފެނެއް ހެއްޔެވެ. ރާނީގެ ލޮލުގައި ދެން އަޅައިގަތީ އޭރު ޒިއަން އަށް ގުޅަން އުޅުނު ކުއްޖާގެ އިތުރުން، ޒިއަންގެ ފަހަތުގައި ތިބި އީމާން އާއި މާޒިން އެވެ. މިއީ ހުވަފެނެއް ނޫންކަން މިހާރު ޔަގީންވެއްޖެއެވެ. ރާނީ ބަލަން އިންދައި ޒިއަން ހިލަތަކުގެ މައްޗަށް އަރައި ރާނީ ކައިރީގައި އިށީންދެއްޖެއެވެ. ޒިއަން ފުރަތަމަ ވެސް ރާނީގެ ގައިގައި ބައްދައިލިއެވެ. އެޔާއި އެކީ ރާނީ އަށް އަޑުން އަޑުނަގައި ރޮވިއްޖެއެވެ.
"ޝްޝްޝް... އަހަރެން މި އައީނު ދެން އޯކޭ ވާނެ" ޒިއަން ރާނީގެ ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސައިލިއެވެ. ޒިއަން ރާނީގެ މޫނަށާއި އިސްތަށިގަނޑަށް ބަލައިލިއެވެ.
"ހުއްޓާލާފަ ވީ ގޮތް ކިޔާދީބަލަ" ޒިއަން ބުނެލިއެވެ. ރާނީ ޒިއަންގެ އަތުތެރެއަށް ހަށިގަނޑު ދޫކޮށްލިއެވެ. އަދި ހުރިހާ ވާހަކައެއް ޒިއަން އަށް ކިޔައިދިނެވެ. ޒިއަން ދިޔަ ދުވަހުން ފެށިގެން މިރެއާ ޖެހެންދެން ވީ ހުރިހާ ކަމެކެވެ.
***
"ބައްޕަ ގަބޫލުކޮށްބަލަ ޒިއަން އަޅުގަނޑަކަށް އެއްވެސް ކަމެއް ނުފޮރުވާނެ... މަންހާ އެންމެ ކުރީއްސުރެ ޒިއަން އާ އަޅައިގަނެގެން އެ ހުރިހާ ކަމެއް އެކުރީ... ރާނީ އެއީ އެކަހަލަ ކުއްޖެއް ނޫން... ރާނީ ރަށުން ގެނެސް ޒިއަން އާއި ކައިވެނި ކުރި އިރުވެސް އަޅުގަނޑޭ ހުރިހާ ކަމެއް ކޮށްދިނީ... އަޅުގަނޑަށް ރާނީ އިނގޭ ވަރަށް ރަގަޅަށް" މަންމަ އާއި ބައްޕަ އަށް ޔަގީން ކޮށްދިނުމުގެ ގޮތުން ފޮރުވައިގެން އުޅުނު ވާހަކަތައް ބުނެވުން އިރުވެސް ޒައިނާ އަކަށް ނޭންގުނެވެ. މި ބުނެވުނީ ކީކޭކަން އިނގުމުން ޒައިނާ ހުއްޓުން އެރިއެވެ. އޭރު ޝާހިދުގެ ދެލޯ ވަނީ ރަތް ވެފައެވެ. ދެލޯ ބަޑުކޮށްގެން ޒައިނާގެ މޫނަށް ބަލަން ހުރި ގޮތުން ޒައިނާގެ ހިތް ވަރަށް ބާރަށް ތެޅެން ފެށިއެވެ. ޒާހިދާ ވެސް ހުރީ ބުނާނެ އެއްޗެއް ނޭންގިފައެވެ.
"އެހެންވީމަ ޒިއަންގެ ކައިވެންޏަކީ ޒައިނާ ކުރުވި ކަމެއް ދޯ؟" އެ ހުރިގޮތަށް ހުރެ ޝާހިދު އަހައިލިއެވެ. ޒައިނާ އެއްޗެއް ބުނަން އަނގަ ހުޅުވައިލިއެވެ. ނަމަވެސް ޝާހިދުގެ މޫނު ފެނުމުން ފަސްޖެހުނެވެ.
"މި ހުރިހާ ކަމެއްގެ އަސްލަކީ ޒައިނާ... އަމިއްލައަށް ރީތި ބޮނޑިއެއް ބޮއެފަ ޒިއަން ވެސް ދޫ ނުކުރިއެއްނު... އަހަރެމެންނަށް ކޮންކަހަލަ ކުދިންތަކެއް މި ލިބުނީ... މައިންބަފައިންގެ އިއްޒަތާ ޤަދަރެއް ވާކަން ހަނދާނެއް ވެސް ނެތް... އަހަރެމެން ތި ދެ ކުދިން ބަލާ ބޮޑު ކުރީ މި ދުވަސް ދެކެންތަ؟" ޝާހިދު ވަރަށް އަސަރާ އެކީ ވާހަކަ ދެއްކިއެވެ.
"ބައްޕާ ކައިވެނި ކުރަން ބޭނުންވީ ޒިއަން... މަންމަ ކައިރީގަ ޒިއަން ބުނި ކައިވެނި ކުރަން ބޭނުންވާ ވާހަކަ އެކަމަކު މަންމަ އަށް މައްސަލައަކަށް ވީ ރާނީގެ މޫނު" ޒައިނާ ވަރަށް ހިތްވަރުކޮށްފައި ވާހަކަ ދެއްކިއެވެ. އެވަގުތު ޒާހިދާ އިސްޖަހައިލިއެވެ.
"އެހެންވިޔަސް ހެޔޮ... ޒިއަން ޖެހޭނީ ރާނީ ވަރިކުރާން..." ޝާހިދު އަޑަށް ބާރުލާފައި ބުނެލިއެވެ.
"އަހަރެން ރާނީ ވަރިއެއް ނުކުރާނަށް" ފަހަތުން ޒިއަންގެ އަޑު އިވުމުން ހުރިހާ އެންމެން ދޮރާއި ދިމާލަށް ބަލައިލިއެވެ. އޭރު ޒިއަން ހުރީ ރާނީގެ އަތުގައި ހިފައިގެންނެވެ. ޒިއަންގެ ލޭ ކައްކުވައިލީ ސިޑި ކައިރީގައި މަޑުކޮށްލައިގެން ހުރި މަންހާ ފެނުމުންނެވެ. މަންހާ ހުރީ ނޭވާ ހިފަހައްޓާލައިގެންނެވެ.
"އަހަންނެއް ގަބޫލެއް ނޫން ތި ކައިވެންޏަކާ... ކަން ކުރާނެ ގޮތް އިނގޭނީ ޒިއަން އަށް..." ޒިއަން އާއި ހަތަރު ކަޅި ހަމަކޮށްލުމަށްފަހު ޝާހިދު ބުނެލިއެވެ.
"ބައްޕަ ހިނގާ ހޮސްޕިޓަލަށް އަޅުގަނޑާއި ރާނީ ޓެސްޓް ކުރަން ޑްރަގަށް ޕޮޒިޓިވް ވޭތޯ... އަޅުގަނޑު ބޭނުމެއް ނޫން އެއްވެސް މީހަކު ޝައްކެއްގެ ތެރޭގަ ބަހައްޓާކަށް..." ޒިއަން ބުނެލިއެވެ. ދެފައި ވާޅުވެގެން ޒާހިދާ ސޯފާގައި އިށީނެވެ.
"ކީއްކުރަން؟ ކޮންމެވެސް މީހަކު އޭގެ ބޭނުން ކުރާތީ ދޯ މިގޭތެރެއިން ފެންނާނީ... ހަމަގައިމުވެސް މަށެއް އަދި ޒިއަންގެ މަންމަ އެއް ބޭނުމެއް ނުކުރޭ... ފެނުނީ ޒިއަންގެ ކޮޓަރިން" ހަށަން ބަނދެލަމުން ޝާހިދު ބުނެލިއެވެ.
"އެހެންވެއޭ މިބުނީ ހިނގާށޭ ޓެސްޓު ކުރަން... އަޅުގަނޑަށް ފެންނަނީ މަންހާ ވެސް ޓެސްޓް ކޮށްލަން" މަންހާގެ މޫނަށް ބަލައިލަމުން ޒިއަން ބުނެލިއެވެ. މަންހާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ހާސްވިވަރުން ނިތްކުރީގައި ހުރި ދާތިކިތައް ފައިބަން ފެށިއެވެ.
"މަންހާ ބުނެބަލަ އަހަރެން މަންހާ އާ ރުޅިވީ ކީއްވެގެންތަ؟" ޒިއަން އަހައިލިއެވެ. ޒިއަން އެ ސުވާލު ކުރުމުން އީމާންގެ ހިތްވެސް ތެޅިލިއެވެ. އީމާން ބިރުގަތީ އެންމެންގެ ތެރޭގައި މަންހާ ފަޟީހަތް ވެދާނެތީއެވެ.
"މަންހާ ކައިރީއޭ މި އަހަނީ..." ޒިއަން އަނެއްކާވެސް ބުނެލިއެވެ. އަދި ގޭތެރެއަށް މަޑުމަޑުން ހިނގައިގަތެވެ. ފަހަތުން އީމާން އާއި މާޒިން ވެސް ވަނެވެ.
"އަހަރެން ކިޔައިދެންތަ؟" މަންހާގެ ކުރިމައްޗަށް އެރުމަށްފަހު ޒިއަން އަހައިލިއެވެ. މަންހާ މަޑުމަޑުން ބޯ ހޫރައިލިއެވެ. އޭރު މަންހާ ހުރީ ފެންކަޅި ވެފައެވެ.
"މަންހާ އާ އަހަރެން ރުޅި ވީ.." "ނޫން ޒިއަން" ޒިއަން ބުނަން އުޅުން ޖުމްލަ މަންހާ ހުއްޓުވިއެވެ. އެވަގުތު މަންހާ އަށް ހުރެވުނީ ޒިއަންގެ އަތުގެ މުލައްދަނޑީގައި ހިފަހައްޓައިގެންނެވެ. ޒިއަން އެ އަތް ފޮޅުވައިލިއެވެ.
"ދެން ބުނެބަލަ ރާނީ މަންހާގެ ކެވެލިކޮޅު ވަގަށް ނެގިތަ؟" ޒިއަން އަހައިލިއެވެ. މަންހާ ބޯ ހޫރައިލިއެވެ.
"އެ ޕެކެޓް އެއީ ރާނީގެ އެއްޗެއް ތަ ނޫނީ އަހަރެންގެ އެއްޗެއްތަ؟" އަނެއްކާވެސް ޒިއަން އަހައިލިއެވެ. މަންހާ ދެންވެސް ބޯ ހޫރައިލިއެވެ.
"މަންހާ ދެކުނިންތަ ރާނީ ފިރިހެނުންނާ އެކީ ބޭރަށް ދާ ތަން؟" ޒިއަން ސުވާލަކަށްފަހު ސުވާލެއް ކުރަމުން ދިޔައެވެ. އަނެއްކާވެސް މަންހާ ބޯ ހޫރައިލިއެވެ. މަންހާ އޭރު ހުރީ އިސްޖަހައިގެން ރޮވިފައެވެ.
"ފެނިއްޖެ؟" ޝާހިދު އާއި ހަތަރުކަޅި ހަމަކޮށްލަމުން ޒިއަން އަހައިލިއެވެ. ޝާހިދު ހުރީ ބުނާނެ އެއްޗެއް ނޭންގިފައެވެ.
"ދެން ވެސް މަންހާ ނުބުނާނަންތަ؟" މިފަހަރު ވާހަކަ ދެއްކީ ޒައިނާ އެވެ.
"ބޭބޭ.. މަން ޒިއަން ދެކެ ވަރަށް ލޯބިވޭ... މަން ބޭނުންވީ ރާނީ މިގެއިން ފޮނުވާލަން... މަން އާ ޒިއަންގެ ރިލޭޝަން އަށް ވަދެގެން އުޅެނީ ރާނީ..." ޝާހިދު ކައިރިއަށް ޖެހިލުމަށްފަހު މަންހާ ބުނެލިއެވެ.
"އަހަރެން މިރޭ އަލީ އަށް ގުޅާފަ ބުނާނަން މަންހާ ބަލާ އަންނާށޭ... މަށާ މަގޭ ކުދިންނާ ޖައްސުވަން އުޅޭ މީހަކަށް މިގެއަކު ނޫޅެވޭނެ" ޝާހިދުގެ ފަހު ބަސް އިއްވައިލިއެވެ.
"މަންހާ ކީއްވެތަ ރާނީގެ އިސްތަށިގަނޑު ކޮށައިލީ؟" މިފަހަރު މަންހާ އާ ސުވާލުކޮށްލީ މާޒިން އެވެ. ޒިއަން ވެސް ހުރީ އެކަން ހަނދާން ނެތިފައެވެ. ޒިއަން އަށް އެކަން ހަނދާންވުމުން މަންހާގެ މޫނަށް ލޯ ހަނިކޮށްލުމަށްފަހު ބަލައިލިއެވެ.
"މަން އެއް ނޫން ކޮށީ... ޝިޔާ... ޝިޔާ ކޮށީ... ސޮރީ ޒިއަން ސޮރީ" ޒިއަންގެ ފައިބުޑަށް ތިރިވަމުން މަންހާ ބުނެލިއެވެ. ޒިއަން ހުރީ ރުޅި ގަދަވެގެން ފަޅައިގެން ދާން ކައިރިވެފައެވެ. ހަމަ މިވަގުތު މަންހާ އެގެއިން ނެރެލަން ޒިއަން ބޭނުންވިއެވެ. ނަމަވެސް މި ދަންވަރު މަންހާ ދާނީވެސް ވަކި ކޮންތާކަށް ހެއްޔެވެ. އެހެންކަމުން އަނގައިންވެސް ނުބުނެ ރާނީގެ އަތުގައި ހިފައިގެން ޒިއަން ދިޔައީ ކޮޓަރިއަށެވެ. ޒިއަން ދިއުމުން ޝާހިދު ވެސް ވަނީ ކޮޓަރިއަށެވެ.
"ހާދަ ލަދުހަޔާތް ވެސް ކުޑަ ކުއްޖެކޭ ކަލޭ ތީ... ނިކަމެތި ކުއްޖެއްގެ ބޮލުގަ ހާދަ ބޮޑު އިލްޒާމެކޭ އަހަރެމެންނަށް މި އެޅުވުނީ... ނަސީބެއްނު މިއޮއް ބޮޑު މާލެއިން އެކުއްޖާ ފަސޭހަ ރަހުމަތަކު ފެނުންކަން ވެސް... ރާނީ އަށް މިރޭ ކަމެއް ވި ނަމަ އަހަރެންނަށް އަމިއްލަ ނަފްސަށްވެސް މައާފް ނުކުރެވޭނެ" އަސަރާ އެކީ ޒާހިދާ ވާހަކަ ދެއްކިއެވެ. އިރުކޮޅަކު މަންހާގެ މޫނަށް ބަލަން އިނުމަށްފަހު ޒާހިދާ ވެސް އެތަނުން ދިޔައީއެވެ.
"ނަސީބެއްނު މާ ބޮޑުވަރު ނުވަނިސް އިނގުންކަން... އެވަރުންވެސް ރާނީ އެކައްޗެއް ވެސް ޒިއަން ކައިރީގަ ނުބުނެއޭ... އެކަމާ ވެސް ޝުކުރު ކޮށްލައިގެން މަޑުން ހުރި ނަމަ" މާޒިން ބުނެލިއެވެ. މާޒިން އެންމެ ކުރީއްސުރެ ވެސް މަންހާ ދެކެ ވަރަށް ފޫހިވެއެވެ. އީމާން ހުރީ މި ވެދިޔަ ކަންތަކާ އަޖައިބުވެފައެވެ. މި ހުރިހާ އިރު ގަބޫލު ނުކުރަން އުޅުނު ކަންތައްތައް މިހާރު ގަބޫލު ކުރެވިއްޖެއެވެ. ލޯބި މި ވެވުނީ އެއްވެސް ހިތެއް އޮތް މީހެއް ދެކެއެއް ނޫނެވެ. ހިތެއް އޮތް ނަމަ މީހުންނަށް ހެޔޮ ވާނެއެވެ. މީހަކަށް އެފަދަ ލަނޑެއް ދޭކަށް ހިތަކަށްވެސް ނާރާނެއެވެ. މިހުރިހާ ކަމަކުން އެންމެ އަސަރު ކުރީވެސް އީމާން އަށެވެ. އީމާން ހުރީ ދަތުރު ނިންމާފައި އައިސް މަންހާ އަށް ލޯބި ހުށަހަޅަން ވިސްނައިގެންނެވެ. ނަމަވެސް މިހާރު އެހިތްވަރު އެލިއްޖެއެވެ.
(ނުނިމޭ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް