މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއިން ރާއްޖޭގެ ރަށް ރަށުގައި ގާއިމްކޮށްފައިވާ އެ އޮތޯރިޓީގެ ބްރާންޗްތަކަށް ލިބޭ ފައިސާ އެ ދުވަހުން ދުވަހަށް ބޭންކަށް ޖަމާކުރާނެ ކަމުގައި އެ އޮތޯރިޓީން ބުނެފިއެވެ.
ދ. ކުޑަހުވަދޫގައި ހުންނަ މީރާގެ އޮފީސް ފަޅާލައި އެ ތިޖޫރި ވަގަށް ނަގާފައިވާއިރު އެ ތިޖޫރީގައި 1500 ރުފިޔާ އާއި 100 ޑޮލަރާއި ރެވެނިއު ސްޓޭމްޕްތަކެއް ހުއްޓެވެ. އަދި ބޮޑު އަދަދެއް ހިމެނޭ ތިން ޗެކެއްވެސް އޮތެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން މީރާގެ އޮފިޝަލަކު ވިދާޅުވީ ކުޑަހުވަދޫގައި ހުންނަ މީރާގެ އޮފީހުގެ ތިޖޫރީގައި ފައިސާ ހުރުމުން، މީރާއަށް ލިބޭ ފައިސާ ތިޖޫރީގައި ބަހައްޓަނީތޯ އާއްމު ބައެއް ރައްޔިތުންގެ ހިތުގައި ސުވާލު އުފެދިދާނެ ކަމަށެވެ. ނަމަވެސް މީރާގެ ބްރާންޗްތަކުގައި ފައިސާގެ ގޮތުގައި އެގޮތަށް ބަހައްޓާފައި ހުއްޓަސް ހުންނާނީ ޕެޓީ ކޭޝްގެ ގޮތުގައި ބޭނުން ކުރާ މަދު އަދަދެއް ކަމުގައި މީރާގެ އޮފިޝަލް ވިދާޅުވިއެވެ.
އޮފިޝަލް އިތުރަށް ވިދާޅުވީ ކުޑަހުވަދޫގައި ހުންނަ މީރާގެ އޮފީހުން ވަގަށް ނެގި ތިޖޫރީގައިވާ ތިން ޗެކަކީ އިންސްޓޯލްމެންޓްގެ ގޮތުގައި ފަރާތަކުން ދައްކާފައިވާ ތިން ޗެކެއް ކަމަށާއި އެ ޗެކުގެ ބޭނުން އެހެން ފަރާތަކަށް ނުކުރެވޭނެ ކަމަށެވެ. އަދި އެ ޗެކުގައިވާ ފައިސާ ޖަމާވިޔަސް ޖަމާވާނީ މީރާގެ އެކައުންޓަށް ކަމުގައިވެސް އޮފިޝަލް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް