މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ތ. ތިމަރަފުށީ ޕޮލިސް ސްޓޭޝަނާއި ހިރިލަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފިއެވެ.
މިއޮޕަރޭޝަންތަކުގައި ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ފިރިހެނަކާއި 43 އަހަރުގެ ފިރިހެނެއްގެ އިތުރުން 30 އަހަރުގެ އަންހެނެކެވެ.
ފުލުހުން ބުނެފައިވާގޮތުގައި މި ތިން މީހުންގެ ތެރެއިން 43 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ތިމަރަފުށީގައި މަސްތުވާތަކެތި ބޭނުންކޮށް މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ރޭ ދަންވަރު 03:45 ހާއިރު ތިމަރަފުށީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި އެރަށު މަގުމަތިންނެވެ. މިމީހާ އަށް ފުލުހުން ފެނުމުން އަތުގައި އޮތް އެއްޗެއް އެއްލައިލުމުން އެނަގައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.
30 އަހަރުގެ ފިރިހެންމީހާ ހައްޔަރުކޮށްފައިވަނީ ތިމަރަފުށީގައި މަސްތުވާތަކެތި ބޭނުންކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، މެއި 29 ވަނަ ދުވަހު 14:05 ހާއިރު ހިންގި އޮޕަރޭޝަންގައި އެރަށުގެ ފަޅު ގެއެއްގެ ތެރެއިންނެވެ. މިމީހާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި ދެ ކަރުދާސްކޮޅު ފެނިފައިވާކަމަށާއި އަދި މި ތިންމީހުންގެ ތެރެއިން 30 އަހަރުގެ އަންހެންމީހާ ހައްޔަރުކޮށްފައިވަނީ މާލެއިން ހިރިލަންދުއަށް ދަތުރުކުރަމުންދާ ލޯންޗަކުން ހިރިލަންދުއަށް ގެންދާ ޕާރުސަލެއްގައި މަސްތުވާތަކެތި ހުރިކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މެއި 28 ވަނަ ދުވަހު ހިރިލަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ކަމުގައިވެސް ފުލުހުން ބުނެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ ހިރިލަންދޫ ބަނދަރު ސަރަހައްދުން މިމީހާ ހައްޔަރުކޮށް މިމީހާ އަތުގައި އޮތް ޕާރުސަލެއް ކަނޑާ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓަކާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާކަމަށާއި މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ތ. ވަންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތުވަނީ ދީފައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް