ކޮންމެ އަހަރެއްގެ ރަމަޟާން މަހާއި ދިމާކޮށް ދުނިޔޭގެ ބޮޑެތި ކުންފުނިތަކުންވެސް ވީޑިއޯތަކާއި އިސްތިހާރުތައް ތައްޔާރުކުރެއެވެ. އެގޮތުން މި އިސްތިހާރު ނުވަތަ ލަވައަކީ އިންޑިއާގެ ޓާޓާ މޮޓޯސް އިން ތައްޔާރުކޮށް ޔޫޓިއުބަށް އަޕްލޯޑް ކޮށްފައިވާ ލަވައެކެވެ.
މި މަހުގެ 22 ވަނަ ދުވަހު އަޕްލޯޑް ކޮށްފައިވާ މި ލަވަ ދެ މިލިޔަނަށްވުރެ ގިނަ މީހުން ބަލާފައިވާއިރު މި ލަވަ ވަނީ ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
މި ލަވައިން ދައްކުވައިދެނީ ކުޑަ ކުދިން އެ ކުދިންގެ މައިންބަފައިންނަށް އެކި ގޮތްގޮތުން އެހީވެދޭ މަންޒަރުތަކެވެ. މަންމަ ނަމާދުކޮށް ނިމުމުން މުސައްލަ ރީއްޗަށް އޮޅާލަދީ އޭގެ ޖާގައަށް ގެންގޮސްދޭތަނެވެ. މަންމަ އަންނައުނުތައް ދޮތުމުގެ ކުރިން އަންނައުނުތަކުގެ ޖީބުން ތަކެތި ނަގާދޭތަނެވެ. ބައްޕަ ބާޒާރުކޮށްގެން އައުމުން ކޮތަޅުތައް ގެއަށް ވައްދަދޭ މަންޒަރެވެ. އަދި ބައްޕަގެ ބޫޓު ޕޮލިސް ކޮށްދޭ މަންޒަރެވެ.
ބަސް އަހާ ކުދިންނަށް ހަދިޔާގެ ގޮތުގައި އެ ކުދިންގެ ކޮއިން ބޮކްސް އަށް ފައިސާ ލައިދިނުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް ކޮށްއުޅޭ ކަމެކެވެ. އެ ބީދައިން މި ލަވައިގާވެސް މައިންބަފައިންނަށް އެހީވެދޭ ކުދިންގެ ކޮއިން ބޮކްސް އަށް އެކުދިންގެ މައިންބަފައިން ފައިސާ ލާ މަންޒަރު ދައްކައެވެ.
ދެން ފެންނަ މަންޒަރަކީ އެ ކުދިން ސްކޫލު ބަހުގައި ތިބޭ މަންޒަރެވެ. އެއް ކުއްޖަކު ބޮޑު ދަބަހެއް ނަގާ ބަހުގެ ޑެކް މަތީގައި ބޭއްވުމުން ފަހަރަކު ކުއްޖަކު އެކުއްޖެއްގެ ކޮއިން ބޮކްސް އެ ދަބަހަށް ލައެވެ. އަދި ބަހުގައި އިން ބޮޑު މީހަކަށް ޝައްކުވެދާނެހެން ހަމަ ހީވާއިރަށް އެ ދަބަސް ފޮރުވައެވެ.
އެ ކުދިންގެ ތެރެއިން އެއް ކުއްޖެއްގެ ދަބަސް މާ ބަރުކަމުން ނުބޭލިގެން އުޅޭތީ ބަސް ޑްރައިވަރު އެ ކުދިންނަށް އެހީވުމަށް އެ ދަބަސް ބަހުން ބާލައިދެއެވެ. އެ ވަގުތު އެ ކުދިން އެ ޑްރައިވަރު ދެނީ އަސަރުގަދަ މެސެޖެކެވެ.
އެކުދިން ބުނަނީ ކޮންމެ ދުވަހަކު ސަލާމަތުން އެ ކުދިން ގެއިން ސްކޫލަށް އަދި ސްކޫލުން ގެއަށް ސަލާމަތާއި ރައްކާތެރިކަމާއެކު ގެންގޮސްދެނީ ޑްރައިވަރު ކަމަށެވެ. ކުރިއަށް އޮތީ ރަމަޟާން މަސް ކަމުން އެ ދަބަހުގައި ވާ ފައިސާއަކީ އެ ކުދިންގެ ފަރާތުން ޑްރައިވަރަށް ދޭ ރޯދަ ހަދިޔާ ކަމަށް އެ ކުދިން ބުނެއެވެ. އެ ވަގުތު ޑްރައިވަރު ފެންކަޅިވެ އެކުދިންގެ ގައިގާ ބައްދާލައެވެ.
https://www.youtube.com/watch?v=WRGEO2cAjTU
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް