19 ވަނަ މަޖިލިއސް ގެ ފުރަތަމަ ޖަލްސާ ބަލަހައްޓަވާނީ ސިޔާމް

މިހާރު އިންތިހާބުވެފައިވާ ނަވާރަ ވަނަ ރައްޔިތުންގެ މަޖިލިސް މެމްބަރުންގެ ހުވާ ކުރުމަށް ފަހު ބާއްވާ ފުރަތަމަ ޖަލްސާގައި މަޖިލިސް ރިޔާސަތު ބަލަހައްޓަވާނީ، މީދޫ ދާއިރާ މެމްބަރު އަދި އެމްޑީއޭގެ ލީޑަރު އަހ...

30 Apr 2019 | 09:55

މިހާރު އިންތިހާބުވެފައިވާ ނަވާރަ ވަނަ ރައްޔިތުންގެ މަޖިލިސް މެމްބަރުންގެ ހުވާ ކުރުމަށް ފަހު ބާއްވާ ފުރަތަމަ ޖަލްސާގައި މަޖިލިސް ރިޔާސަތު ބަލަހައްޓަވާނީ، މީދޫ ދާއިރާ މެމްބަރު އަދި އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު ކަމަށް ރައްޔިތުންގެ މަޖިލިސް އިދާރާ އިން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލިސް އިދާރާ އިން މިއަދު ނެރިފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ، އަންނަ މަހު 28 ވަނަ ދުވަހު 19 ވަނަ މަޖިލިސްގެ ފުރަތަމަ ޖަލްސާ ބޭއްވުމަށް މަޖިލިސްގެ ރައީސް ގާސިމް އިބްރާޙިމް ނިންމަވާފައިވާ ކަމަށާއި ހުވާ ކުރުމުގެ ރަސްމިއްޔާތައް ފަހު ބާއްވާ ފުރަތަމަ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ ސިޔާމް ކަމަށެވެ.

ގާނޫނު އަސާސީގައި ބުނެފައިވާ ގޮތުގައި އަލަށް އިންތިހާބުވާ މަޖިލިސްގެ ފުރަތަމަ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ، ޖަލްސާއަށް ހާޒިރުވެތިބި މެމްބަރުންގެ ތެރެއިން މަޖިލީހުގެ މެންބަރުކަމުގައި މެދުނުކެނޑި އެންމެ ގިނަ ދުވަސްވީ މެމްބަރެވެ. އަދި މެދުނުކެނޑި އެންމެ ގިނަ ދުވަސްވީ މެމްބަރުންތަކެއް ތިބި ނަމަ، ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ، އެ މެމްބަރުންގެ ތެރެއިން އުމުރުން އެންމެ ދޮށީ މެމްބަރު ކަމަށް އެ ގާނޫނުގައި ވަނީ ބުނެފަ އެވެ.

މިހާރު އިންތިހާބު ކުރެވިފައިވާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވީ އަދި އުމުރުން ދޮށީ ބޭފުޅަކީ ސިޔާމު ކަމަށްވުމުން 19 ވަނަ މަޖިލީހުގެ ފުރަތަމަ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ ސިޔާމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް