ޔޫތް މިނިސްޓްރީގެ އެއްބާރުލުމާއި އެކު ކުރިއަށް ގެންދާ އުރީދޫ ކަލަރ ރަން އަންނަ ޖޫން މަހުގެ 21 ވަނަ ދުވަހު އައްޑޫ ސިޓީގައި ބޭއްވުމަށް ނިންމައިފިއެވެ.
މިކަން އިއުލާނު ކޮށްފައިވަނީ މިއަދު ޔޫތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފާއި އުރީދޫގެ މެނޭޖިންގް ޑައިރެކްޓަރ އަދި ސީއީއޯ ނަޖީބް ޚާންއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މަހުލޫފު ވިދާޅުވީ، މިއީ ވަރަށް އުފާވެރި މާހައުލެއްގެ ތެރޭގައި، ސިއްޙަތަށް ފައިދާ ކުރަނިވި ހަރަކާތެއްގައި ބައިވެރިވުމުގެ ފުރުސަތެއް ކަމަށާއި، އައްޑޫގައި އުރީދޫ ކަލަރ ރަން ބޭއްވޭ ކަމަކީ ލިބުނު އުފަލެއް ކަމުގައެވެ. އަދި އުއްމީދަކީ އައްޑޫގެ ހުރިހާ އުމުރުފުރައެއްގެ ރައްޔިތުން މި ހަރަކާތުގައި ބައިވެރިވުން ކަމުގައިވެސް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގެ ތަފާތު ހިސާބުތަކުގައިވާ ރައްޔިތުންނަށް އުރީދޫ ކަލަރ ރަންގެ އުފާ ތަޖުރިބާކޮށްލުމުގެ ފުރުސަތު ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ކުރިއަށްއޮތް އުރީދޫ ކަލަރ ރަން އައްޑޫގައި ބޭއްވޭކަމީ ލިބޭ އުފަލެއް ކަމަށް އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވިއެވެ.
މި ދުވުމުގައި 6 އަހަރުން މަތީގެ ކޮންމެ ފަރާތަކަށްވެސް ބައިވެރި ވެވޭނެ ކަމަށް އުރީދޫން ބުންޏެވެ. އުރީދޫއިން ބުނީ، ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ އިވެންޓެއް ކަމަށެވެ. މީގެ އިތުރުން، މި ހަރަކާތް އިތުރަށް ފޯރިގަދަ ކުރުމަށްޓަކައި، ބައިވެރިންގެ ތެރެއިން އެންމެ ފޯރިގަދަ ދުވުންތެރިޔާ އަދި އެންމެ ސަޅި ކޮސްޓިއުމް ހޮވާލެވި، ވަރަށް ޚާއްޞަ އިނާމުތަކެއް ދެވޭނެ ކަމަށްވެސް އުރީދުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް