ކުރީގެ އަދަދާ ގުޅޭ....
ރާނީ ގެއަށް އައި ފަހުން މަންހާ ކޮޓަރިއަކުން ނުވެސް ނިކުމެއެވެ. އެނދުމަތީ ބަންޑުން އޮވެގެން މަންހާ އަޑުން އަޑުނަގައި ރޮމުން ދިޔައެވެ. ޒިއަން އާއި އެކީ ދިރިއުޅުމެއް ފެށުމަކީ މަންހާ މިއަދާ ޖެހެންދެން ދެކުނު އެންމެ ފޮނި ހުވަފެނެވެ. ނަމަވެސް އެ ހުވަފެން ފުނޑުފުނޑު ވެގެން މިދިޔައީ މަދު ވަގުތުކޮޅެއްގެ ތެރޭގައެވެ. ޒިއަން އޭނާއަށް އެހާ ނަފްރަތު ކުރަންވީ ކީއްވެގެން ހެއްޔެވެ. ރާނީ އަކީ މާ ރީތި މީހެއްވެސް ނޫނެވެ. މީހާ ހީވަނީ އަރައިކާ ފުރޭތައެއް ހެންނެވެ. ހުންނަނީ ވެސް ފުރޭތައެއްހެން އަބަދު ބޯ ހާވާލައިގެންނެވެ. ޒިއަންއަށް ރީތިވީ އެ ދިގު ފަން އިސްތަށިގަނޑު ހެއްޔެވެ. ނޫނީ އެ އަޅިކުލައިގެ ކަޅި ހެއްޔެވެ. ޒިއަން ރާނީއާ އިނީ މަންހާގެ ގައިގައި ނެތް ކޮންސިފައެއް ރާނީގެ ގައިގައި ހުރެގެން ހެއްޔެވެ. ރާނީގެ މޫނު އެކީ ނުފެންނަނީ ކީއްވެގެން ހެއްޔެވެ. އަނެއްކާ ރާނީ އަކީ ފަންޑިތަ ހަދައިގެން މުއްސަނދި ކުދިން އަތުއަޅުވާލާ މީހެއް ހެއްޔެވެ. ވަރަށް ހީވެއެވެ. އޭނާ ހުންނަނީވެސް ހަންޑިއެއްހެންނެވެ. ބަލަނީވެސް އެހެން ފާޑާކަށެވެ.
އެތައް އިރަކު ވިސްނަން އޮވެފައި މަންހާ އެނދުން ތެދުވިއެވެ. އަދި ފާހާނާއަށް ވަދެ ރީއްޗަށް މޫނު ދޮވެލައިގެން އައިސް ލޯގަނޑު ކުރިމަތީގައި މަޑުކޮށްލިއެވެ. އަދި ވަރަށް ރީއްޗަށް އަމިއްލަ ސޫރައަށް ބަލައިލިއެވެ. ގިނައިރު ރުއިމުގެ ސަބަބުން ދެލޯ ވަނީ ރަތްވެފައެވެ. ބޯ ވަނީ ހޭވިފައެވެ. އަމިއްލަ މޫނު ފެނުމުން އަނެއްކާވެސް މަންހާގެ ލޮލުން ކަރުނަ ހިލުނެވެ. ނަމަވެސް ކަރުނަތިކި ވެއްޓުނަ ނުދީ ހިފަހައްޓައިލީ ވަރަށް ހިތްވަރުންނެވެ. މިހެން ހުއްޓައި ބޭރުން މީހަކު ދޮރުގައި ޖަހައިލިއެވެ.
"މަންހާ އާދޭ ކާން" މަންހާ ދޮރު ހުޅުވަން ވާއިރަށް ބޭރުން ޒާހިދާ ގޮވައިލިއެވެ. މިދަނީ ކަމުގައި މަންހާ އިއްވައިލީ ހަމަ އެހުރި ގޮތަށް ހުރެއެވެ.
ރާނީ ގެއަށް އައި ފަހުން ޒައިނާ އުޅުނީ ރާނީގެ ފަހަތުންނެވެ. ރާނީއަށް މުޅި ގެ ދައްކައި، ގޭތެރޭގެ ކަންތައްތައް ކިޔައިދޭން އުޅުނެވެ. އެވަގުތު އެމީހުން ހުއްޓިގެން ތިބީ މަންހާ އުޅޭ ކޮޓަރިއާއި ޖެހިގެން ހުރި ޒިއަންގެ މިއުޒިކް ރޫމުގައެވެ. ރާނީ ހުރީ އެ ކޮޓަރި ފެނުމުން އަޖައިބުވެފައެވެ. ޒިއަން އަކީ ގިޓާ ކުޅެފައި ލަވަ ކިޔާ މީހެއްކަން ރާނީއަށް އިނގެއެވެ. ނަމަވެސް މިވަރު ވާނެ ކަމަކަށް ހިއެއް ނުކުރެއެވެ.
"ބޭނުންތަ ދަސްކުރަން؟" ރާނީ ޒިއަންގެ ގިޓާގައި ހިފައިލުމުން ޒިއަން އަހައިލިއެވެ.
"އަޑު އެހިން ރާނީ ވަރަށް ރީތިކޮށް ލަވަކިޔާ ވާހަކަ... އެހެންވީމަ ދަސްކުރަން ޖެހޭނެ ގިޓާ ކުޅެންވެސް" ޒައިނާ ބުނެލިއެވެ. ރާނީ ހީލިއެވެ.
"އެންމެ ފުރަތަމަ ދިމާވިފަހުން ލަވައެއްވެސް ނުކިޔޭ ދޯ ރާނީ..." ޒިއަން ބުނެލިއެވެ. ރާނީ އަނެއްކާވެސް ހީލިއެވެ. ރާނީ ބަލަމުން ދިޔައީ ދޮރު ކައިރިން ފެންނަން ހުރި ހިޔަންޏަށެވެ. އެމީހުންގެ ވާހަކަ އަޑުއަހަން އެތާ އެހުރީ ކާކު ހެއްޔެވެ. މިގޭ މިހުންގެ އިތުރުން އިތުރު މީހަކު މިގޭގައި އުޅޭ ކަމެއް ރާނީ އަކަށް ނޭންގެއެވެ.
"އާނ އެރޭ މާޒިން ބިރުން އުޅުނީ އެއީ ޖިންނި އެކޯ ކިޔާފަ..." އެރޭގެ މަތިން ހަނދާންވުމުން ޒިއަން ކައިރިޔަށް ހިނިއައެވެ. ރާނީ ކައިރިޔަށްވެސް ހިނިއައެވެ. އެރޭ މާޒިން ދެއްކި ހުރިހާ ވާހަކައެއް ރާނީއަށް ވެސް އިވުނެވެ.
"ޒިއަންގެ އަޑު ވަރަށް ރީތި" އެންމެ ފަހުން ރާނީ ބުނެލިއެވެ. ޒިއަން ހީލުމަށްފަހު ރާނީގެ ދެ ކޮލުގައި ދެއަތުން ހިފައިލިއެވެ.
"ރާނީގެ އަޑު މާ ރީތި" މިހެން ބުނުމަށްފަހު ޒިއަން ރާނީގެ ނިތަށް ބޮސް ދިނެވެ. އެވަގުތު އެ ކޮޓަރި ކުރިމަތިން މީހަކު ވަރަށް ބާރަށް ހުރަސްކުރަނިކޮށް ރާނީއަށް ފެނުނެވެ.
"ހިނގާ ތިރިއަށް ބައްޕަ އަންނާނެ މިހާރު.." ޒައިނާ ބުނެލިއެވެ. ޒައިނާގެ ފަހަތުން ޒިއަން އާއި ރާނީ ވެސް ތިރިއަށް ފޭބިއެވެ.
ކާ ކޮޓަރިއަށް ދިޔައިރު މޭޒު ދޮށުގައި އިން މަންހާ ފެނުމުން ރާނީ ކުޑަކޮށް ހައިރާންވިއެވެ. ނަމަވެސް އެއްޗެއް ނުބުނެ ޒިއަން ކައިރީގައި އިށީނެވެ. މަންހާ އިނީ އެމީހުންގެ ކުރިމަތީގައެވެ. މަންހާގެ ކައިރީގައި އިށީނީ ޒައިނާއެވެ.
"ބައްޕަ ހާދަ ލަހޭ" ޒާހިދާ ދޮރާ ދިމާލަށް ބަލައިލަމުން ބުނެލިއެވެ. އެމީހުން ތިބީ ޝާހިދުގެ އިންތިޒާރުގައި ކާން ނުފަށައެވެ. ރާނީ މިގެއަށް އަލަށް އައި ދުވަހު ބައްޕަ އައުމުން ނޫނީ ކާން ނުފަށަން އެންމެންވެސް ތިބީ ނިންމައިގެންނެވެ.
އިރުކޮޅަކުން ޝާހިދު އައިސްފިއެވެ. ޝާހިދު އައިސް އިށީނުމަށްފަހު ފުރަތަމަވެސް ބަލައިލީ ރާނީ އަށެވެ. ރާނީ ކުޑަކޮށް ލަދު ގަންނަގޮތް ވެސް ވިއެވެ. ޒިއަންގެ ބައްޕަގެ މޫނުމަތިން ވަރަށް ހަރުކަށި ވައްތަރު ޖަހައެވެ. ސަރުކާރުގެ މަތީ މަގާމެއްގައި އުޅޭ މީހަކަށްވާތީ ކަމަށްވެސް ވެދާނެއެވެ. އެ މޫނުން އަބުއި ގޮތެއްވެސް ރާނީ އަށް ފެނުނެވެ.
"ރާނީ ކިހިނެއް؟" ޝާހިދު ފުރަތަމަވެސް އަހައިލިއެވެ. ރާނީ ވަރަށް ލަދުން އިނދެ ރަގަޅު ކަމަށް ބުނެލިއެވެ.
"ރާނީވެސް ކައިވެނި ކުރީ ގޭ މީހުންނަށް ވަގަށްތަ؟" ޝާހިދު ޒިއަންގެ މޫނަށް ކަޅިއެއް އެއްލަމުން އަހައިލިއެވެ. އެ ސުވާލާއި އެކު ރާނީ ލައިލައި އިން ނޭވާ ތާށިވިކަހަލައެވެ. ދޭނެ ޖަވާބެއް ނޭންގުމުން ޒިއަންގެ މޫނަށް ބަލައިލެވުނެވެ. އޭރު ޝާހިދުގެ ނަޒަރު ހުއްޓިފައި ހުރީ ސީދާ ރާނީގެ މޫނަށެވެ.
"ރާނީގެ ގޭ މީހުންނަށް އިނގޭނެ..." ޒިއަން ބުނެލިއެވެ.
"އެމީހުން ކައިވެންޏަށް އައިތަ؟" ޝާހިދު އަނެއްކާވެސް އަހައިލިއެވެ. ރާނީ ބޯ ހޫރައިލިއެވެ.
"ކީއްވެ؟" ޝާހިދު ސުވާލަކަށްފަހު ސުވާލެއް ކުރަމުން ދާވަރަށް ރާނީ ދިޔައީ ބިރުގަންނަމުންނެވެ. އަތް ފައި ދާހިތްލަން ފަށައިފިއެވެ. ޒިއަންވެސް އިނީ ހަމަ އެފަދަ ހާލަކުއެވެ.
"ބައްޕާ ރާނީގެ ޕޭރެންޓްސްއެއް ނެތް... ރާނީ އުޅުނީ ދައްތައެއް ކައިރީ... ޝި ޓްރީޓްސް ހާ ވެރީ ބޭޑް... އެހެންވެސް އެހާ އަވަހަށް މެރީ ކުރީ..." އިސްޖަހައިގެން އިނދެ ޒިއަން ކިޔައިދިނެވެ. ޝާހިދު ބޯ ޖަހައިލިއެވެ.
"ދެން ވަލީ ދިނީ ކާކު؟" ޝާހިދުގެ ސުވާލުތައް ގިނަވަމުން ދިޔައެވެ.
"ކޯޓުން" މިފަހަރުވެސް ޖަވާބު ދިނީ ޒިއަންއެވެ. ޝާހިދު ކާން ފެށުމުން އެންމެންވެސް ކާން ފެށިއެވެ. އޭގެ ފަހުން ޝާހިދު ރާނީ އާއި ބެހޭ އެއްވެސް ސުވާލެއް ނުކުރެއެވެ.
އެހުރިހާ ވާހަކައެއް އަޑު އަހަން އިން މަންހާ އަވަސް އަވަހަށް ރާނީ އަށް ބަލައިލައެވެ. މި ކުއްޖާ އަކީ ހަގީގަތުގައިވެސް އިންސާނެއް ބާއޭ އޭނާގެ ހިތައް ރަމުން ދިޔައެވެ.
ރާނީ އިނީ ޒިއަންގެ ގޭ އެންމެން ތިބުމުން ކާން ލަދުންނެވެ. ނަމަވެސް ހިތްވަރުކޮށްފައި ލަސްލަހުން ކަމުން ދިޔައެވެ. ޝާހިދު ކައިގެން ދިއުމުން ޒާހިދާވެސް ނިކުމެގެން ދިޔައެވެ. މަންމައާއި ބައްޕަ ދިއުމުން ޒިއަން އާއި ޒައިނާވެސް ފުން ނޭވާއެއް ދޫކޮށްލިއެވެ.
"ވަރަށް ޓަފް އިންޓަވިއު އެއް ދޯ..." ހީލަމުން ޒައިނާ ބުނެލިއެވެ.
"ރާނީ ކައިބަލަ ގިނައިން ކިހިނެއްވީ؟" ރާނީގެ ތައްޓަށް ބަލައިލަމުން ޒިއަން ބުނެލިއެވެ. އެތަށިން އެންމެ ބަތް ކޮޅެއްވެސް މަދުވި ހެންނެއް ހިއެއްނުވެއެވެ. އޭރުވެސް މަންހާގެ ބެލުންތައް ރާނީއަށް އަމާޒުވަމުން ދިޔައެވެ. އެކަން މިހާރު ރާނީއަށް ފާހަގަވެސް ކުރެވިއްޖެއެވެ.
"ނުބައީތަ؟" ޒައިނާ އަހައިލިއެވެ. ރާނީ ބޯ ހޫރައިލުމަށްފަހު ކާން ފެށިއެވެ.
"އަދި އާ ވީމަ.." ޒައިނާ އަނެއްކާވެސް ބުނެލިއެވެ. މަންހާ އާއި ޒައިނާ ކައިގެން ދިޔައިރުވެސް ރާނީ ހަމަ އެއިންގޮތަށް އިނީއެވެ.
"ރާނީ ތީ ކުރިން މިހާ ލަހުން ކާ މީހެއް ނޫން.." ޒިއަން ބުނެލިއެވެ.
"މަންހާ ކީއްވެގެންތަ އެވަރަށް އެ ބެލީ؟" ރާނީ އަހައިލިއެވެ. މަންހާ ރާނީއަށް ބެލިކަން ޒިއަންއަށް ވެސް ފާހަގަވިއެވެ.
"އަޅާ ނުލާބަލަ... ރާނީ ރީތިކަމުންނޭ އެ ބެލީ" ރާނީގެ ބޮލުގައި ފިރުމައިލަމުން ޒިއަން ބުނެލިއެވެ. ކައި ނިންމައިގެން ތަށިތައް ނެގީ ރާނީއެވެ. ޒިއަން އަކަށް ދުވަހަކުވެސް ރާނީ މިކަހަލަ މަސައްކަތެއް ކުރަނިކޮށް ނުފެނެއެވެ. އެހެންކަމުން ޒިއަން ހުރީ ރާނީ ތަށިތައް ދޮވުންއިރު ކައިރީގައި މަޑުކޮށްގެންނެވެ.
"ދުވަސްކޮޅެއް ވެއްޖެދޯ ބަދިގެއަކަށް ނުވަންނަތާ..." ރާނީ ދޮނުވު ތައްޓެއް ހަރުގަނޑުގައި ބަންޑުން ޖަހަމުން ޒިއަން ބުނެލިއެވެ. ރާނީ ހީލިއެވެ.
"އެ ވަންނަނީ އިސްތަށިގަނޑު ފެންގަނޑު ތެރެއަށް... އުނދަގުލެއް ނުވޭތަ؟" ރާނީގެ އިސްތަށިގަނޑު އެއްފަރާތް ކޮށްލަމުން ޒިއަން ބުނެލިއެވެ.
"އާދަ ވެފަ" ރާނީ ބުނެލިއެވެ. އެވަގުތު ޒާހިދާ އައިސް ކާ ކޮޓަރިއަށް ވަނެވެ.
"ރާނީ ނެގީތަ ތަށިތައް މަންމަ އަންނަން ވާއިރަށް.." މޭޒުމަތި ފެނުމުން ޒާހިދާ އަހައިލިއެވެ.
"އާދައިގެ ކުއްޖެއް ނޫނޭ މިގެނައީ މަންމާ... މަންމައަށް ދެން ވަރަށް ފެސޭހަ ވާނެ... ރާނީ އަށް އިނގޭނެ ކައްކަންވެސް" ޒިއަން ފޮނި ކަނޑައިލިއެވެ. ހީލުމަށްފަހު ޒާއިދާ ނިކުމެގެން ދިޔައީއެވެ.
"މިގޭގަ ނެތް ދޯ ގަސް އިންދާނެ ތަނެއްވެސް؟ އަހަރެންގެ ބަގީޗާ އޮންނާނެ ގޮތެއްވެސް ނޭންގެ.. އޯކިޑް މާ ގަހުގަ މާ އަޅަން ވާއިރަށް މި އައީވެސް..." ވަރަށް ދެރަވެލާފައި ރާނީ ބުނެލިއެވެ. ޒިއަން ހީލިއެވެ. ރާނީގެ މަސައްކަތް ނިމުމުން ޒިއަން ރާނީ ގޮވައިގެން ދިޔައީ ގޭގެ ފުރަގަސް ފަރާތަށެވެ. އެތަނަށް އާންމުކޮށް ވަންނާނީ ޒާހިދާއެވެ. ރޭގަނޑުގެ ވަގުތުކަމުން އެތެރެއަށް ދިޔަ ވަރަކަށް އަނދިރިވާތީ ޒިއަންގެ ފޯނުން ލައިޓް ދިއްލައިލިއެވެ.
"ސަޕްރައިޒް" ޒިއަން ބުނެލިއެވެ. ރާނީ އަޖައިބުވިއެވެ. އެތަނުގައި އޮތީ ހުސް މާ ގަސްތަކެވެ. އެއީ ރާނީ ހެއްދި ބަގީޗާއަށްވުރެ މާ ފުރިހަމަ ބަގީޗާއެވެ.
"މަންމަވެސް ވަރަށް ގަސް އިންދާނެ" ޒިއަން ބުނެލިއެވެ. ރާނީ ގަސްތައް ކައިރީގައި މަޑުކޮށްލިއެވެ.
"ވާއު އޯކިޑް ވެސް އެބަހުރި... މީގެ ގަހެއް ހެއްދީމޭ އެކަމް ޝަމިއްތަ ގަސް ލުއްސާލީ" ކޮންމެވެސް ވައްތަރެއްގެ މާ ގަހެއް ދައްކަމުން ރާނީ ބުނެލިއެވެ. އެތާ ތެރޭ ރާނީ އުޅުނީ ކުޑަ ކުއްޖަކު ފަދައިންނެވެ. ފަހަރަކު ގަހަކާ ކުޅެލުމަށްފަހު މާތަކުގައި އަތް ހާކަމުން ދިޔައެވެ. ރާނީ އަށް ހީވީ އެތައް ދުވަހަކަށްފަހު އީދެއް އައިސްގެން އުޅުނު ހެންނެވެ.
(ނުނިމޭ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް