އުރީދޫ މޯލްޑިވްސްގެ ބްރޭންޑް އެމްބެސެޑަރަކަށް މަޝްހޫރު ދުވުންތެރިޔާ އަހުމަދު އާތިފު އައްޔަންކޮށްފި އެވެ.
އުރީދޫއިން ބުނީ އާތިފް އާއި އެ ކުންފުނި ގުޅިގެން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ދިވެހި މުޖުތަމައު އަށް ބާރުއެޅުމުގެ ގޮތުން ތަފާތު މަސައްކަތްތައް ކުރާނެ ކަމަށެވެ. އުރީދޫއިން ބުނީ ބުރަ މަސައްކަތުން އާ އުސްމިންތަކަށް ދިއުމަށް ދިއުމަށް ކުރާ މަސައްކަތަކީ އުރީދޫގެ އެއް ބިންގާ ކަަމަށެވެ.
އާތިފް އެމްބެސެޑެރަކަށް ހަމަޖެއްސި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުރީދޫގެ ޑައިރެކްޓާ އޮފް ސޭލްސް އެންޑް ބްރޭންޑް، ހުސައިން ނިޔާޒް ވިދާޅުވީ އާތިފްގެ ގިނަ ކާމިޔާބީތަކާއި، ތަފާތު އާ ކަންތައްތައް ކުރުމުގައި ދައްކުވާދޭ ޖޯޝާއި ފޯރި އުރީދޫއިން ބަލައިގެންނަ ކަމަށެވެ. އަދި އެ ކަންކަމަކީ ހިތްވަރު ލިބިގަންނަ ކަންކަން ކަމަށް ވިދާޅުވި އެވެ.
"ތަފާތު އެކި ގޮންޖެހުންތައް ތަހައްމަލުކޮށްގެންވެސް، ބުރަ މަސައްކަތާއި އެކު އައު އުސްމިންތަކާއި ހަމައަށް ދިއުމަކީ، އުރީދޫ ބްރޭންޑު ބިނާކޮށްފައިވާ އެއް ބިންގާ. މިގޮތުން، އާތިފް އާއި އެކު މަސައްކަތް ކޮށްގެން، ކޮންމެ މީހެއްގެ އަމިއްލަ ހުވަފެންތަކާއި އުއްމީދުތައް ތެދަކަށް ހެދުމަށް ދިވެހި ޒުވާނުންނަށް އިތުރު ހިތްވަރެއް ދިނުމީ، އަޅުގަނޑުމެން ދެކެން ބޭނުންވާ ދުވަހެއް." ނިޔާޒު ވިދާޅުވި އެވެ.
އާތިފްގެ އިތުރުން، އުރީދޫގެ ބްރޭންޑް އެމްބެސެޑަރުންގެ ގޮތުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި މިއުޒިކް ބްރޭންޑް ހަބޭސް ހިމެނެއެވެ. ބައިނަލް އަގުވާމީ މައިދާނުގައި ޕާޓްނަރުންގެ ގޮތުގައި މަޝްހޫރު ފުޓުބޯޅަ ތަރި ލިއޮނެލް މެސީ އަދި ޔޫރަޕްގެ އެންމެ ކުރިއަރައިފައިވާ އެއް ޓީމު ކަމުގައިވާ ޕެރިސް ސެއިންޓް ޖަމެއިން ހިމެނެ އެވެ.
އުރީދޫއިން ބުނީ ރާއްޖޭގެ އަދި ރާއްޖެއިން ބޭރުގެ ޕާޓްނަރުންނާއި އެކު، ދިވެހި ރައްޔިތުންގެ މެދުގައި ދުޅަހެޔޮ ސިއްހަތެއް ގާއިމް ކުރުމަށް ހިތްވަރުދިނުމަށް މަސައްކަތްތައް ކުރަމުންދާނެ ކަމަށެވެ. ހަމައެއާއިއެކު، އުރީދޫގެ އެއް އަމާޒަކީ ޒުވާން ކުދިންގެ މެދުގައި އީޖާދީ އާ ކަންތައްތައް ކުރުމަށާއި، އެކުދިންގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް މަސައްކަތް ކުރުމަށް އިތުރު ހިތްވަރެއް ދިނުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް