ރާއްޖޭގެ އެކި ހިސާބުތަކުން ޑެންގީ ހުން ޖެހިގެން ރިޕޯޓު ކުރާ މީހުންގެ އަދަދު އިތުރުވާތީ ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފި އެވެ.
އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮންމެ އަހަރެއްގެ ވެސް މި ދުވަސްވަރަކީ ޑެންގީ ހުން ފެތުރުމުގެ ފުރުސަތު ބޮޑު ދުވަސްވަރެއް ކަމަށެވެ. އަދި ކުރިޔަށް އޮތް ދުވަސް ތަކުގައި ހުން ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށް އެ އިދާރާއިން ބުނެ އެވެ.
އެޗްޕީއޭއިން ބުނީ ޑެންގީ ހުމުން ރައްކާތެރިވުމުގެ ފިޔަވަޅު ދުރާލާ އަޅައި މަދިރި އުފެދުމާއި މަދިރި މަދުކުރުމުގެ މަސައްކަތްތައް އިތުރު ކުރުމަށް އިސްކަންދިނުމަށް އެދޭ ކަމަށެވެ. އަދި ހުން އައިސް ޑެންގީގެ އަލާމާތްތައް ފެންނަ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެދިފައިވެ އެވެ.
ޑެންގީ ހުމުގެ އަލާމާތްތައް:
ގަދައަށް ހުންއައުން
ގައިގައި ބިހިނެގުމާއި، ކަހާ ހިރުވުން
އާދަޔާ ހިލާފަށް ބޮލުގަ އާއި ގައިގައި ރިއްސުން
ހުޅުހުޅުގަ އާއި މަސްތަކުގައި ރިއްސުން
މޭނުބައިކުރުން، ހޮޑުލުން
ކާހިތްނުވުން
ޑެންގީ ހުމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން:
ގެ އާއި ގޯތި ތެރޭގައި ހުންނަ، ފެން ހަރުލާ ތަންތަނާއި ތަކެތި ހަފުތާއަކު އެއް ފަހަރު ނައްތާލުން ނުވަތަ ހުސްކުރުން
މަގުމައްޗާއި ގޯތިތެރެ އާއި ވައިގޮޅި ފަދަ ތަންތަނަށް ކުނި ނޭޅުން، ޑަސްބިން ފަދަ ތަކެތި މަތި ބަންދުކޮށްފައި ބެހެއްޓުން
މަދިރިން ރައްކާތެރިވުމަށް ހަށިގަނޑު ނިވައި ކުރުމާއި މަދިރި ލޯޝަނާއި ސްޕްރޭ ފަދަ ތަކެތި ބޭނުން ކުރުން
ގެއަށް މަދިރި ވަނަ ނުދިނުމަށް، އިރުއޮއްސޭ ވަގުތާއި އިރުއަރާ ވަގުތު ދޮރުތައް ލައްޕާފައި ބެހެއްޓުން
އެޗްޕީއޭއިން ބުނީ ހުން ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުމަށް ޑެންގީއަށް ހޭލުންތެރިކުރުވުމަށާއި ބަލި ދެނެގަތުމާއި ފަރުވާފަރުވާކުރުމުގެ ނިޒާމް އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތްތައް މި އަހަރުވެސް ކުރާނެ ކަމަށެވެ. އިތުރުން ޑެންގީ އިތުރުވަމުންދާ މިންވަރު މޮނީޓާކުރުމާއި މަދިރި އާލާވާ ތަންތަން ނައްތާލުމަށް ކެމްޕޭންތައް ވެސް ކުރިއަށްގެންދާނެ ކަމަށް ބުންޏެވެ.
ޑެންގީ ހުމަކީ ކޮންމެ އަހަރެއްގެވެސް ވިއްސާރަ މޫސުމާއި ދިމާކޮށް ހަލުވިކަމާއި އެކު ފެތުރޭ ހުމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް