ސަންގު ޓީވީގެ މެޝިނުން ގުނައި، ޖުރިމަނާ ފައިސާ ދައްކައިފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ސަންގުޓީވީ ޖޫރިމަނާ ކޮށް ދައްކަން އެންގި އެއް ލައްކަ ރުފިޔާ ދައްކައިފި އެވެ. އެ ސްޓޭޝަން ޖޫރިމަނާ ކުރީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ. ސަންގު ޓީވީ ޖޫރިމަނާ ކުރީ...

30 Apr 2018 | 09:06

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ސަންގުޓީވީ ޖޫރިމަނާ ކޮށް ދައްކަން އެންގި އެއް ލައްކަ ރުފިޔާ ދައްކައިފި އެވެ.

އެ ސްޓޭޝަން ޖޫރިމަނާ ކުރީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ. ސަންގު ޓީވީ ޖޫރިމަނާ ކުރީ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ރައީސް އަބްދުﷲ ޔާމީންގެ އަބުރުފުޅަށް ހުތުރުވާ ގޮތަށް ދެއްކެވި ވާހަކަތަކެއް ބްރޯޑްކާސްޓް ކުރި މައްސަލައިގަ އެވެ.

ސަންގު ޓީވީން އެ ފައިސާ ހޯދުމަށް ފައިސާ ޖާޑީގެ ނަމުގައި ފަންޑު ފޮއްޓެއް ހުޅުވައި މާލެއާއި ރާއްޖޭގެ އާބާދީ ބޮޑެތި ހުރިހާ ރަށަކަށް ގޮސްފައި ވެ އެވެ. އެ ސްޓޭޝަނުން މިއަދު ޖޫރިމަނާ ދެއްކީވެސް އެ ޖާޑީއަށް ފައިސާ އަޅައިގެން ގެންގޮސްއެވެ.

ފައިސާ ދެއްކުމަށް ފަހު ސަންގު ޓީވީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ވަހީދު (އަޝްވާޑު) މީޑިއާގައި ވިދާޅުވީ ބޮޑެތި އަދަދުން މީޑިއާގެ ވަސީލަތްތައް ޖޫރިމަނާ ކުރާއިރު ފައިސާ ގުނާނެ މެޝިނެއް ބްރޯޑްކާސްޓިން ކޮމިޝަނުގައި ނެތް ކަމަށެވެ. އެހެންވެ މިއަދު އެ ސްޓޭޝަނުން ދެއްކި ޖޫރިމަނާ ފައިސާ ގުނަން ދެގަޑި އިރު ނެގިކަމަށާއި އެންމެ ފަހުން ފައިސާ ގުނަން ޖެހުނީ ސަންގުޓީވީގެ ފައިސާ ގުނާ މެޝިނު ގެނެސްގެން ކަމަށެވެ.

"އެކި ފަަހަރު ފައިސާ ގުނައިގެން ވެސް އެއް އަދަދެއް ނާދޭ. އެންމެ ފަހުން ސަންގު ޓީވީގައި ފައިސާ ގުނަން ގެންގުޅޭ މެޝިން ގެންގޮސްގެން، މި ގުނީ. މިލިއަނުން ޖޫރިމަނާ ކުރާ ތަނެއްގައި ފައިސާ ގުނާ މެޝިނެއް ނެތުމުން ހިތާމަކުރަން،" އަޝްވާޑު ވިދާޅުވި އެވެ.

ޖޫރިމަނާގެ އިތުރުން ބްރޯޑްކޮމްއިން ވަނީ ސަންގު ޓީވީން އެ މައްސަލައިގަ ލައިވްކޮށް މައާފަށް އެދުމަށްވެސް އަންގާފައި އެވެ. އެކަމަކު ސަންގު ޓީވީން ބުނެފައިވަނީ މައާފަށް އެދޭނީ ޝަރީއަތަށް މައްސަލަ ހުށަހަޅައި ޝަރުއީ ހުރިހާ މަރުހަލާއަކުން ސަންގު ޓީވީ ކުށްވެރިވާކަމަށް ކަނޑައަޅައިފި ނަމަ ކަމަށެވެ.

އެ ސްޓޭޝަނުން ބުނީ ޖޫރިމަނާގެ ގޮތުގައި ދެއްކި ހުރިހާ ފައިސާއަކީ އެ ފަންޑު ފޮއްޓަށް މީހުން ހަދިޔާކުރި ފައިސާ އެވެ.

އެ ސްޓޭޝަންގެ އިތުރުން ރާއްޖެ ޓީވީ އާއި ވީމީޑިއާ ވަނީ ރައީސް ޔާމީންގެ އަބުރުފުޅަށް އަރައިގަންނަ ކޮންޓެންޓެއް ބްރޯޑްކާސްޓު ކުރި ކަމަށް ބުނެ ޖޫރިމަނާކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް