މިއަހަރުގެ ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ކުރިޔަށް ގެންދާ މަޝްވަރާގައި އަދާލަތު ޕާޓީން ބައިވެރިވެރިވެ ވަޑައިގެންނަވާ ބޭފުޅުންނަށް ލަފާދޭ ކޮމިޓީއެއް އެކުލަވާލައިފި އެވެ.
އެ ކޮމިޓީ އެކުލަވާލާފައިވަނީ ރޭ ބޭއްވި އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމުގައި އެވެ. މި ބައްދަލުވުމުގައި ނިންމާފައިވަނީ ނުވަ މެންބަރުންގެ ކޮމިޓީއެއް އެކުލަވާލުމަށެވެ. އެކަމަކު އެ ކޮމިޓީގައި ހިމެނިވަޑައިގެންނަވާ ބޭފުޅުންގެ ނަން ހާމަ ނުކުރާނެ ކަމަށް އެ ޕާޓީން ބުނެ އެވެ.
އާންމުކޮށް އަދާލަތު ޕާޓީގެ ފަރާތުން އިދިކޮޅު ބައްދަލުވުންތަކުގައި ބައިވެރިވެ ވަޑައިގެންނަވަނީ އެ ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު އާއި މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމާއި ހާރިޖީ ސިޔާސަތާއި ގުޅޭ ކޮމިޓީގެ ރައީސާ ޝިދާތާ ޝަރީފެވެ. ރޭ އެކުލަވާލި ކޮމިޓީގެ މަސައްކަތަކަށް މަޝްވަރާގައި ބައިވެރިވެ ވަޑައިގެންނަވާ މި ބޭފުޅުންނަށް ލަފާ ދިނުމެވެ.
އަދާލަތު ޕާޓީ ބައިވެރިވާ އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީނާއި ވާދަ ކުރާނީ އިދިކޮޅު އެއް ކެންޑިޑޭޓު ކަމަށެވެ. އެކަމަކު އެއީ ކޮން ބޭފުޅެއް ކަމެއް މިހާތަނަށް ހާމަކޮށްފައި ނުވާއިރު އަދި އެ ބޭފުޅަކު ކަނޑަ ނޭޅޭކަން އެނގެ އެވެ.
އެއީ އިއްޔެ ރައީސް މުހައްމަދު ނަޝީދު ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަމަށް ވިދާޅުވެފައި އެވެ. އިދިކޮޅު ޕާޓީތަކުން ނިންމާފައިވަނީ ވަކިވަކި ޕާޓީތަކުގެ ޕްރައިމަރީން ކަނޑައަޅާ ކެންޑިޑޭޓުންގެ ތެރެއިން ބޭފުޅަކު ރައީސް ޔާމީނާއި ވާދަ ކުރަން ނެރުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް