ޅައިމަގުގައި ހަލުވިކަމާއި އެކު ޑެންގީ ފެތުރޭތާ މަހެއް!

ށ. ޅައިމަގުގައި ހަލުވިކަމާއި އެކު ޑެންގީ ހުން ފެތުރެމުންދާތާ މަހެއްހާ ދުވަސް ވެއްޖެ އެވެ. އެ ރަށު ސިއްހީ މަރުކަޒުން ދުވަހަށް މައުލޫމާތުދެމުން ބުނީ އޭޕްރިލް މަސް ތެރޭ އެކަނިވެސް ފަސް ކުއްޖަކު ޑެންގީ ހު...

30 Apr 2018 | 06:36

ށ. ޅައިމަގުގައި ހަލުވިކަމާއި އެކު ޑެންގީ ހުން ފެތުރެމުންދާތާ މަހެއްހާ ދުވަސް ވެއްޖެ އެވެ.

އެ ރަށު ސިއްހީ މަރުކަޒުން ދުވަހަށް މައުލޫމާތުދެމުން ބުނީ އޭޕްރިލް މަސް ތެރޭ އެކަނިވެސް ފަސް ކުއްޖަކު ޑެންގީ ހުމަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ގިނަ އަދަދެއްގެ މީހުން ކޮންމެ ދުވަހަކުވެސް ހުން އައިސްގެން ޑޮކްޓަރަށް ދައްކަމުން ދާ ކަމަށެވެ.

މިހާތަނަށް އެ ރަށުން ޑެންގީ ހުމަށް ޕޮޒިޓިވް ވެފައި ވަނީ 18 އަހަރުން ދަށުގެ ކުޑަކުދިންނެވެ. އެރަށުން ހުން އަންނަ ކުދިންނާއި މީހުން ޑެންގީއަށް ޓެސްޓު ކުރަން ފޮނުވަނީ ފުނަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށެވެ.

ޑެންގީ ހުން ފެތުރޭތީ ރަށު ފެންވަރުގައި ރައްޔިތުން ނުކުމެ ރަށު ތެރެ ސާފު ކުރުމުގެ ހަރަކާތްތަކެއް ހިންގާތާ ދެ ހަފްތާވެއްޖެ އެވެ. އަދި އަތޮޅު ހޮސްޕިޓަލުން ވަނީ ޑެންގީ ހުމަށް އާންމުން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފައި އެވެ.

މީގެ އިތުރުން މިއަދުން ފެށިގެން ކޮންމެ ދުވަހެއްގެ ހެނދުނާއި ހަވީރު ރަށު ތެރެ ފޮގް ކުރުމަށް މިހާރު ވަނީ ނިންމާފައި އެވެ.

ހުން ކޮންޓްރޯލް ނުވެ ފެތުރޭތާ މަހެއްހާ ދުވަސްވެފައިވާއިރު މިހާތަނަށް ޑެންގީ ކޮންޓްރޯލް ކުރުމަށް އެކަށިގެންވާ މަސައްކަތެއް ކަމާ ބެހޭ ފަރާތްތަކުން ކުރަމުން ނުދާ ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހުން ބުންޏެވެ.

މިކަމާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އޮފިޝަލަކު ދުވަހަށް މައުލޫމާތު ދެމުން ވިދާޅުވީ ޅައިމަގުގައި ހަލުވިކަމާއި އެކު ޑެންގީ ފެތުރެމުންދާ ނަމަ އަވަސް ފިޔަވަޅުތަކެއް އަތޮޅު ހޮސްޕިޓަލުން އަޅަން ޖެހޭނެ ކަމަށެވެ. އަދި ހުން ޖެހިފައިވާ ކުދިންގެ އަދަދަށް ބަލާއިރު ފޮގް ކުރުން މާބޮޑަށް ލަސްވެފައިވާ ކަމަށެވެ.

އެ އިދާރާއިން ބުނީ މި ދުވަސް ވަރަކީ އާންމުކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ޑެންގީގެ އަސަރު ކޮންމެ އަހަރަކުވެސް ފެންނަ ދުވަސް ވަރެއް ކަމަށެވެ. އެހެންވެ އާންމުކޮށް ޑެންގީ ހުން ނުފެންނަ ރަށަކަށް ވާނަމަ ފުރަތަމަ ކޭސް އާއި އެކު ރަށު ތެރެ ފޮގް ކުރަން ފަށަން ޖެހޭނެ ކަމަށް ޑަބްލިއުއެޗްއޯއިން ލަފާ ދީފައިވާ ކަމަށެވެ.

މީގެ އިތުރުން ފުރަތަމަ ޑެންގީ ހުން ޖެހޭ މީހަކު ދިރިއުޅޭ ގެއާ 300 ފޫޓުގެ ސަރަހައްދެއް ސާފުކޮށް މަދިރި އުފެދޭ ތަންތައް ހުރިތޯ ބަލައި އެތަންތަން ނައްތާލަން ޖެހޭނެ ކަމަށެވެ. އަދި ފޮގް ކުރުމުގެ ކުރިން އާންމުން އަމިއްލައަށް ހިޓް ސްޕްރޭ ފަދަ އެއްޗެހި ގޭ ތެރެއަށް ޖަހަން އިލްތިމާސް ކުރާ ކަމަށެވެ.

ޅައިމަގަކީ ގާތްގަނޑަކަށް 800 މީހުންގެ އާބާދިއެއް އޮންނަ ރަށެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް